Advertisement
ކ. މާލެ
|
9 ޖުލައި 2023 | އާދީއްތަ 07:56
ބާރަށު މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް
ބާރަށު މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން
ބާރަށު މެޖިސްޓްރޭޓް ކޯޓު
ބާރަށު މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް ހުޅުވައިފި
ޤާނޫނުތަކުން ތަސައްވަރު ކުރާ ފަދަ ގޮތަކަށް ޝަރީއަތްތައް ހިންގުމަށް ބޭނުންވާނެ ޖާގައާއި ވަސީލަތްތައް ހިމެނޭ
އައު އިމާރާތް ހެދުމަށް ބާރަށު ކައުންސިލާ ހަވާލު ކުރީ، 2021 ވަނަ އަހަރު
މި ކޯޓު ހުޅުއްވައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް މުއުތަސިމް އަދުނާން

ހއ. ބާރަށު މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް ރަސްމީކޮށް ހުޅުވައިފިއެވެ.

ހޮނިހިރު ދުވަހު އެ ރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ކޯޓު ހުޅުއްވައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު މުއުތަސިމް އަދުނާން އެވެ. މި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރުގެ އަރިހުގައި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ނާއިބު ރައީސް އަލްއުސްތާޛު މަސްތޫރު ޙުސްނީ އާއި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުން ކަމަށްވާ އަލްއުސްތާޒު ޢަބްދުލްމާނިޢު ޙުސައިން އާއި އާމިނަތު އުއްމުކުލްޘޫމް އަދި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛާ އާއިޝަތު ރިޒްނާ ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ދެއްކެވި ވާހަކަފުޅުގައި ދުނިޔެ އަވަސް ސްޕީޑެއްގައި ތަރައްގީވަމުން އަންނައިރު އަދުލު އިންސާފު ފޯރުކޮށްފިނުމުގެ ކަންކަން ވެސް އަވަސްވެ، ތަރައްގީވާން ޖެހޭކަން ފާހަގަކުރެއްވިއެވެ. އަދި އަދުލު އިންސާފު ފޯރުކޮށްދިނުމާއެކު ހުރިހާ ފަނޑިޔާރުންވެސް އިހުސާންތެރިވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

މީގެ އިތުރުން ޤާނޫނު އަސާސީން ޙައްގުތައް ކަށަވަރުކޮށްދޭ ކަމަށާއި ހަމަ އެ ޤާނޫނު އަސާސީން މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ވެސް ކަނޑައަޅާފައިވާކަން އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވިއެވެ. އެހެންވެ، ޙައްގުތަކާއެކު ކޮންމެ މީހެއްގެ ވެސް މަސްއޫލިއްޔަތުތަކާއި ވާޖިބުތަކެއްވާނެކަން ހަނދާންކުރުން މުހިންމުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު ބާރަށު މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް ހުޅުއްވައިދެއްވަނީ - ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛާ އާއިޝަތު ރިޒްނާ ވިދާޅުވީ އަލަށް ހުޅުވުނު ކޯޓު އިމާރާތުގައި މަސައްކަތްކުރަން ފެށުމާއެކު، ކޯޓުން ޢާންމުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ، އަދުލު އިންސާފަށް ފަސޭހައިން ވާސިލްވެވޭނެ މަގު ތަނަވަސް ކުރުމަށް ކުރަމުންގެންދާ މަސައްކަތް އިތުރަށް ހަލުވިވެގެން ދާނެކަމަށެވެ.

ހޮނިހިރު ދުވަހު ބާރަށުގައި ހުޅުވި މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް ހެދުމަށް އެ ރަށު ކައުންސިލާ ހަވާލު ކުރީ، 2021 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

ބާރަށު މެޖިސްޓްރޭޓް ކޯޓު މީގެ ކުރިން ހިންގަމުން އައިސްފައިވަނީ ދެ ކޮޓަރީގެ ޖާގައިގެ އިމާރާތެއްގެ ތެރޭގައެވެ. އެގޮތުން ޝަރީއަތްތައް ހިންގުމާއި، އިދާރީ މަސައްކަތްތަކާއި، ކޯޓުގެ އިދާރީ ހިންގުމާގުޅޭ ހުރިހާ ކަމެއް ހިންގައި ބަލަހައްޓަމުން ގެންދިޔައީ ދަތިކޮށް ކަމަށް ޑީޖޭއޭއިން ބުނެއެވެ. ނަމަވެސް އެރަށު ކޯޓުގެ އައު އިމާރާތް ފަރުމާކޮށްފައިވަނީ، މިހާރުގެ ޤާނޫނުތަކުން ތަސައްވަރު ކުރާ ފަދަ ގޮތަކަށް ޝަރީއަތްތައް ހިންގުމަށް ބޭނުންވާނެ ޖާގައާއި ވަސީލަތްތައް ހިމެނޭ ގޮތަށް ކަމަށް އެ އިދާރާއިން ބުނެއެވެ.

މި އައު އިމާރާތުގައި ޝަރީޢަތްކުރާނެ ވަކި ދެ މާލަމަކާއި، މެޖިސްޓްރޭޓުންނާއި މުވައްޒަފުން މަސައްކަތްކުރުމަށް ހާއްސަކޮށްފައިވާ ބައިތަކުގެ އިތުރުން ސްޓޭންޑަޑް ކޯޓެއްގައި ފުރިހަމަވާންޖެހޭ ގިނަ ކަންކަން ހިމެނެއެވެ. އޭގެ ތެރޭގައި ކޯޓަށް ހާޒިރުވާ ވަކީލުން މަޑުކުރުމަށް ހާއްސަ ކޮޓަރިއަކާއި، ޕޮލިސް ޕޯސްޓަކާއެކު ކުށުގެ ތުހުމަތުގައި ހާޒިރުކުރެވޭ ފަރާތްތައް ވަކިން ބައިތިއްބާނެ ތަނަކާއި، ކޮންފަރެންސް ރޫމް އަދި ޝަރުޢީ ލިޔެކިޔުންތައް އަރުޝީފް ކުރާނެ ޖާގައިގެ އިތުރުން އާއްމުންނަށް ޚިދުމަތް ފޯރުކޮށް ދިނުމަށް ފަސޭހަވާނެހެން ރިސެޕްޝަން އޭރިއާއަކާއި ވެއިޓިންގ އޭރިއެއް ހިމެނެއެވެ.

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ހއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅުގެ ބާރަށުގެ އިތުރުން މުރައިދޫ އާއި ވަށަފަރާއި އިހަވަންދޫ އާއި ހޯރަފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުންނާއި މުވައްޒަފުންނާ ބައްދަލުކުރައްވާފައިވެއެވެ. މި ބައްދަލުވުންތަކުގައި ކޯޓުގެ މަސައްކަތްތަކުގައި ދިމާވާ ދަތިތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ.

މީގެއިތުރުން ދިއްދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުންނާއި މުވައްޒަފުންނާވެސް ބައްދަލުކުރައްވާނެކަމަށް ޑީޖޭއޭއިން މައުލޫމާތުދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް