ކ. މާލެ
|
6 ޖުލައި 2023 | ބުރާސްފަތި 23:08
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
މަޖިލީހުގެ މަސައްކަތްތައް
އަމާ ބުނީތީ ފަރަށް ދާ އުސޫލުން މަޖިލިސް ބޭއްވުން، ރައްޔިތުންގެ ލޮލުގައި އަޅުވާ އަނދުނަކަށް
މަޖިލީހުގެ ޖަލްސާތައް އެޖެންޑާ ކުރުމަށް ލާޒިމްކުރާ ކަންކަން އެޖެންޑާނުކޮށް ހުރުމުން މެމްބަރުން ކަންބޮޑުވޭ
ކޮމިޓީތަކުގެ މަސައްކަތް ދިގުދަންމާކަމަށް މެމްބަރުން ބުނޭ
މަޖިލީހުގެ ގިނަ މަސައްކަތްތައް ހުރީ މަޑުޖެހިފައި

މަޖިލީހުގެ ނިމިދިޔަ ދައުރަކީ އާއްމުން މާޔޫސްކުރުވި ދައުރެކެވެ. ކުރެވުނު އޮއްޓަރުހުރި މާބޮޑު މަސައްކަތެއް ނެތެވެ. ތެދެކެވެ. ޖަލްސާތައް ބަރާބަރަށް ބާއްވައެވެ. އެހެނަސް އެ ޖަލްސާތަކުގައި އެޖެންޑާކުރާ ކަންތައްތައް ފުނިޖެހި، މައްސަލަތައް ޕާކުކުރެވި، ފުނިޖެހިފައި ހުރިއިރުވެސް މަޖިލީހުން އެކަމަށް ދޭ ސަމާލުކަމެއް ނެތެވެ. ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި، ބޮޑު މުސާރަ ލިބޭގޮތަށް ވަޑައިގެން މަޖިލީހުގެ ގޮނޑިތަކުގައި ތިއްބެވި ބޭފުޅުންނަށް ދެވަނަ ދައުރުގައި ބޭއްވީ ޖުމްލަ 14 ޖަލްސާއެވެ. ޗުއްޓީއަށްފަހު މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާތައް ފަށާނީ އޮގަސްޓް މަހުއެވެ.

ބޮޑު މާސިންގާ ޗުއްޓީއަކަށް މަޖިލިސް ދިޔައިރު، އިތުބާރު ނެތްކަމުގެ 4 މައްސަލަ އޮތެވެ. މުއައްސަސާތަކަށް ބޭފުޅުން އައްޔަންކުރުމުގެ މައްސަލަތައް ކޮމިޓީތަކުގައި މަޑުޖެހިފައި އޮތްއިރު އޭގެތެރޭގައި މިނިވަން މުއައްސަސާތަކަށް ބޭފުޅުން އައްޔަން ކުރުމުގެ މަސައްކަތް ހިމެނެއެވެ. އިންތިޚާބުތަކާ ގުޅުންހުރި މަސައްކަތްތަކާއި، މަސައްކަތްތެރިންގެ ރައްކާތެރިކަމުގެ ބިލްފަދަ، މަސައްކަތްތެރިންނާއި އާއްމު ފަރާތްތަކާ ގުޅުންހުރި މަސައްކަތްތައްވެސް ހުރީ ހަމަ އެހުރިގޮތަށް ބުރަކިޖެހިފައެވެ.

ކަން މިހެން އޮތްއިރު މަޖިލީހުގެ މިހާރުގެ ޖަލްސާތައް ބާއްވަނީ ހަމައެކަނި "ފޯމެލިޓީ"އެއް ނުވަތަ ކޮންމެހެން ނުކޮށް ވާން ނެތް ކަމަކަށް ވުމުން "އަމާބުނާތީ ފަރަށްދާ" އުސޫލުންނެވެ. އިޖުރާއަތެއް ފުރިހަމަކޮށްލާ އުސޫލުންނެވެ. އެހެން ދަންނަވަން ޖެހުނު އެންމެ ބޮޑު އެއް ސަބަބަކީ 22 ޖޫން ވީ ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާއަށް، މަޖިލީހުގެ އެޖެންޑާގައި ހިމެނުމަަަށް މަޖިލީހުގެ ގަވާއިދުގައި ލާޒިމްކުރާ ކަންކަން އެ އެޖެންޑާގައި ހިމަނާފައި ނުވުމެވެ. އަދި މަޖިލީހުގެ ޖަލްސާތައް ނިންމާލިއިރު ދައުރުގެ މަސައްކަތްތަކާމެދު ވާހަކަ ނުދެކެވި، ހުށަހެޅުނު ބިލާއި ގަރާރުގެ ތަފްސީލްތައް ވިދާޅުވެ ދެއްވާފައެއްވެސް ނެތެވެ. މިއީ ކޮންމެ ދައުރެއް ނިންމާލުމަށްފަހު މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން ރިޔާސަތުގައި އިންނަވާ ބޭފުޅަކު ކުރައްވަމުން އައި ކަންކަމެވެ.

އަނެއް ސަބަބަކީ މިދިޔަ ހަފުތާގައި ދައުރުން ބޭރުން ބޭއްވި ޖަލްސާ ބޭއްވި ގޮތެވެ. ޖަލްސާގެ ދިގުމިން 3 މިނިޓު ހަމަނުވެއެވެ. ޖަލްސާއަކީ މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެމްބަރުންގެ ސޮޔާއެކު ހުށަހެޅި ހުށަހެޅުމުގެމަތީން ބޭއްވި ޖަލްސާއެކެވެ. އެހެންކަމުން އެ ޖަލްސާ ބޭއްވުމަކީ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އެ ދުވަހު ޖަލްސާ ނިންމަވާލެއްވީ، ޖަލްސާ ކުރިއަށްގެންދެވޭނީ މިހާރު ޕާޓީތަކުގެ މެމްބަރުންނަށް އައިސްފައިވާ ބަދަލުތަކާއެކު ރިޕޯޓު އަލުން މެންބަރުންނަށް ފޯރުކޮށްދީ، އެއަށް މެންބަރުން ހުށަހަޅުއްވަންޖެހޭ އިސްލާހުތައް ހުށަހެޅުއްވުމުން ކަމަށް ވިދާޅުވެފައެވެ. މަޖިލީހުގެ ރެކޯޑަށްޓަކައި، މަޖިލީހުގެ ޖަލްސާ ބޭއްވިނަމަވެސް އެ ޖަލްސާއަކީ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމުގެ ނިޔަތުގައި، ނުވަތަ މަޑު ޖެހިފައިހުރި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކުރި ކަމެއް ކަމަށް ބެލެވޭކަށްނެތެވެ.

އެހެނީ މަޖިލީހުގެ ޖަލްސާއެއް ދައުރުން ބާއްވައި ދިނުމަށް އެދުނީ މަސައްކަތްތަކެއް މަޑުޖެހިފައި ހުރުމުން، އެ މަސައްކަތްތައް ކުރުމަށެވެ. މަޖިލީހުގެ ދާއިމީ ކޮމިޓީތައް މެދުނުކެނޑި ހިންގުމުގެ މައްސަލާގައި ބާއްވަންޖެހޭ ޖަލްސާއެއްނަމަ ބޭއްވުމަށް އެދުނުނަމަވެސް، އެ މައްސަލައަށް ހައްލު ނުލިބި ދޮޅުމަސް ދުވަސް ހޭދަވެ ދަނީއެވެ. މީގެ އިތުރުން މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނައުމަށް ބާއްވަންޖެހޭ ޖަލްސާތައް ބޭއްވުމާމެދު ވަނީ ގޮތެއް ނުނިމިއެވެ. އެ ހިސާބަށް މަސައްކަތް ގެންދެވޭނެ ވަގުތެއްވެސް ނޭނގެއެވެ.

ހަމައެހެންމެ މަޖިލީހުގެ ރައީސާއި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ބާއްވަންޖެހޭ ޖަލްސާއެއްނަމަ ބޭއްވުމަކީ، މަޖިލީހުގެ ދައުރުން ބޭރުން ބާއްވާ ޖަލްސާތަކުގައި ކުރަންޖެހޭ ކަމެކެވެ. އެކަން ކުރުމަށްޓަކައި އާއްމު ކޮމިޓީ އެކުލަވާލުމަށް އިދިކޮޅު މެމްބަރުން ބާރުއަޅާނެކަން، މިހާރު މެމްބަރުންގެ ވާހަކަ ހުރިގޮތާއި، ކުރިން މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި އަމަލުކުރި ގޮތަށް ބަލައިލުމުން އެނގެއެވެ. ކޮމިޓީތައް އެކުލަވާލިޔަނުދިނުމަށް، އަދި އެ މަސައްކަތް ދިގުދަންމާލުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ދަނީ ކުރަމުންނެވެ.

އެހެންކަމުން މަޖިލީހުގެ ޖަލްސާތައް ބާއްވަމުންދަނީ އިޖުރާއަތެއް ފުރިހަމަކުރުމުގެ ގޮތުންނޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ޖަލްސާ ކުރިއަށް ގެންދިއުމުގެ ރޫހެއް، އަދި މަސައްކަތެއް ފުރިހަމަކުރުމުގެ ނިޔަތެއް، ޖަލްސާތަކަށް ބަލާލުމުން ނުފެނެއެވެ. ޖަލްސާ ބޭއްވިކަމަށް ދެއްކުމަށް، ތިމާމެން ހޮވި ރައްޔިތުންގެ ލޮލުގައި އަޅުވަނީ އަނދުނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް