ކ. މާލެ
|
6 ޖުލައި 2023 | ބުރާސްފަތި 15:45
ކްރިސްޓަލް ސްޕީޑްގެ ލޯންޗުން ދަތުރުކުރި މީހުން އެމްއެންޑީއެފުން މާލެ ގެނައުން
ކްރިސްޓަލް ސްޕީޑްގެ ލޯންޗުން ދަތުރުކުރި މީހުން އެމްއެންޑީއެފުން މާލެ ގެނައުން
އެމްއެންޑީއެފް
ލޯންޗެއްގެ ބެޓެރި ގޮވައި، ބަޔަކަށް އަނިޔާވުން
ލޯންޗުގައި ބެޓެރި ގޮވުން: ލޯންޗު މިހާރު އޮތީ މާލޭ ފަޅު ތެރޭގައި
މީހުންގެ ލަގެޖް ލޯންޗުން ބޭލުމަށްފަހު ހަވާލުކުރަމުންދަނީ

ރ. އުނގޫފާރުން މާލެއަށް ދަތުރުކުރި "ކްރިސްޓަލް ސްޕީޑް" ލޯންޗުގައި ބެޓެރިއެއް ގޮވުމުގެ ހާދިސާ ހިނގާފައިވާއިރު ލޯންޗު މިހާރު މާލެއަށް ގެނެސްފައިވާކަމަށް ލޯންޗުގެ ކެޕްޓަން އާދަމް ފާއިޒް ބުނެފިއެވެ.

ރާއްޖެއެމްވީއަށް އާދަމް ބުނީ ލޯންޗު އޮތީ ޓްރެކް ދަނޑާ ދިމާގައި ކަމަށެވެ. އަދި މިހާރު މީހުންގެ ލަގެޖް ލޯންޗުން ބޭލުމަށްފަހު ހަވާލުކުރަމުންދާ ކަމަށްވެސް ބުންޏެވެ.

ހާދިސާ ހިނގި ގޮތް ބަލައި، ކަންވީގޮތް ސާފުކުރުމަށް އަދި ދުވަސްކޮޅެއް ނަގާނެ ކަމަށް އާދަމް ބުންޏެވެ. މާލެ އަތޮޅު ތިންމިޔާފަޅު ކަނޑުއޮޅީގައި ލޯންޗު އޮއްވައި، ބޮމެއް ގޮވިކަހަލަ ބާރުގަދަ އަޑެއް ގޮވިކަމަށް އާދަމް ބުންޏެވެ.

ހާދިސާ ހިނގުމުން އެންމެ ފުރަތަމަ ހުރިހާ އެންމެން ރައްކާތެރި ހިސާބަކަށް ގެންދިޔަކަމަށާއި، އަނިޔާވި މީހުންނަށް ލޯންޗުން ދެވެންހުރި ފަރުވާދިން ކަމަށް ބުނެފައިވެއެވެ. އަދި އަވަސް ފަރުވާދިނުމަށް އެރިޔަދޫ ރިސޯޓަށް ލޯންޗު ގާތްކުރިކަމަށާއި، ފިހުނު މީހުންނަށް އެ ރިސޯޓުން ފަރުވާ ދިންކަމަށްވެސް އާދަމް ބުނެފައިވެއެވެ.

އޭނާ ބުނީ ބެޓެރި ގޮވިނަމަވެސް ލޯންޗުގައި އެއްވެސް ވަރަކަށް އަލިފާން ނުހިފާކަމަށާއި، މީހުން ފިހުނީ ހޫނު އާވީގެ ސަބަބުން ކަމަށެވެ. ޕެޓްރޯލް ޓޭންކުގައި އެތެރެއަށް އޮކްސިޖަން ދާގޮތަށް ނުހުންނާނެ ކަމަށާއި، އޮކްސިޖަން ބޭރުވާން ހުންނާނީ ބޭރަށް ކަމަށެވެ. އެހެންވުމުގެ ސަބަބުން ވައި ބޭރަށް ހިފުމުން ހޫނު ވައިގެ ސަބަބުން މީހުންތައް ފިހުނީ ކަމަށް އޭނާ ބުނެފައިވެއެވެ. ހޫނު އާވިން މީހާ ފިހުމުން އަލިފާނުން ފިހޭ ފިހުމެކޭ އެއްގޮތްވާނެއެވެ.

ފާއިޒް އިތުރަށް ބުނީ ލޯންޗުން ދަތުރުކުރި 39 މީހުންގެ ތެރޭގައި ކުޑަ ދެކުދިން ދަތުރުކުރި ކަމަށާއި އެހެންނަމަވެސް އެ ދެކުދިންނަށް އަނިޔާނުވާކަމަށެވެ.

39 މީހުން ދަތުރުކުރި މި ލޯންޗުގައި ހިނގި ހާދިސާގައި ފިހި، އެކިވަރުގެ އަނިޔާވެފައި ވާކަމުގެ ރިޕޯޓް ލިބިފައިވަނީ 8 މީހުންނަށެވެ. އެހެން އެންމެންގެ ހާލުވެސް ރަނގަޅެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް