ކ. މާލެ
|
5 ޖުލައި 2023 | ބުދަ 23:10
ކްރިސްޓަލް ސްޕީޑްގެ ލޯންޗުން ފިހުނު މީހަކަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނެސް، އެމްބިއުލާންސަށް އަރުވަނީ
ކްރިސްޓަލް ސްޕީޑްގެ ލޯންޗުން ފިހުނު މީހަކަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނެސް، އެމްބިއުލާންސަށް އަރުވަނީ
އެމްއެންޑީއެފް
ލޯންޗެއްގެ ބެޓެރި ގޮވައި، ބަޔަކަށް އަނިޔާވުން
ލޯންޗުގައި ބެޓެރި ގޮވުން: ދަތުރުކުރި މީހުން ފިހުނީ ހޫނު އާވީގެ ސަބަބުން!
މިހާރު ލޯންޗު އޮތީ އެރިޔަދޫ ރިސޯޓުގެ ފަޅުތެރޭގައި

ރ. އުނގޫފާރުން މާލެއަށް ދަތުރުކުރި "ކްރިސްޓަލް ސްޕީޑް" ލޯންޗުގައި ބެޓެރިއެއް ގޮވުމުގެ ހާދިސާ ހިނގާފައިވާއިރު, ލޯންޗުން ދަތުރުކުރި މީހުން ފިހުނީ ހޫނު އާވީގެ ސަބަބުން ކަމަށް ލޯންޗުގެ ކެޕްޓަން އާދަމް ފާއިޒް ބުނެފިއެވެ.

ރާއްޖެއެމްވީއަށް އާދަމް ބުނީ ހާދިސާ ހިނގި ގޮތް އަދި ބުނަން ދަތިކަމަށެވެ. ނަމަވެސް މާލެ އަތޮޅު ތިންމިޔާފަޅު ކަނޑުއޮޅީގައި ލޯންޗު އޮއްވައި، ބޮމެއް ގޮވިކަހަލަ ބާރުގަދަ އަޑެއް ގޮވިކަމަށެވެ.

ހާދިސާ ހިނގުމުން އެންމެ ފުރަތަމަ ހުރިހާ އެންމެން ރައްކާތެރި ހިސާބަކަށް ގެންދިޔަ ކަމަށާއި، އަނިޔާވި މީހުންނަށް ލޯންޗުން ދެވެން ހުރި ފަރުވާދިން ކަމަށް ބުނެފައިވެއެވެ. އަދި އަވަސް ފަރުވާދިނުމަށް އެރިޔަދޫ ރިސޯޓަށް ލޯންޗު ގާތްކުރި ކަމަށާ އެ ރިސޯޓުން ފިހުނު މީހުންނަށް ފަރުވާދިން ކަމަށް ވެސް އާދަމް ބުނެފައިވެއެވެ.

އޭނާ ބުނީ ބެޓެރި ގޮވިނަމަވެސް ލޯންޗުގައި އެއްވެސް ވަރަކަށް އަލިފާން ނުހިފާ ކަމަށާއި، މީހުން ފިހުނީ ހޫނު އާވީގެ ސަބަބުން ކަމަށެވެ. ޕެޓްރޯލް ޓޭންކުގައި އެތެރެއަށް އޮކްސިޖަން ދާގޮތަށް ނުހުންނާނެ ކަމަށާއި އޮކްސިޖަން ބޭރުވާން ހުންނާނީ ބޭރަށް ކަމަށެވެ. އެހެންވުމުގެ ސަބަބުން ވައި ބޭރަށް ހިފުމުން ހޫނު ވައިގެ ސަބަބުން މީހުންތައް ފިހުނީ ކަމަށް އޭނާ ބުނެފައިވެއެވެ. ހޫނު އާވިން މީހާ ފިހުމުން އަލިފާނުން ފިހޭ ފިހުމެކޭ އެއްގޮތްވާނެއެވެ.

ފާއިޒް އިތުރަށް ބުނީ ލޯންޗުން ދަތުރުކުރި 39 މީހުންގެ ތެރޭގައި ކުޑަ ދެކުދިން ދަތުރުކުރި ކަމަށާއި އެހެންނަމަވެސް އެ ދެކުދިންނަށް އަނިޔާނުވާކަމަށެވެ.

އާދަމް އިތުރަށް ބުނީ މިހާރު ލޯންޗު އޮތީ އެރިޔަދޫ ރިސޯޓުގެ ފަޅުތެރޭގައި ކަމަށެވެ. އަދި ލޯންޗުގެ ބެޓެރިތައް އެއްކޮށް ނިއްވާލާފައި ވާކަމަށެވެ. މިވަގުތު ލޯންޗަށް އަރައި ހާދިސާ ހިނގި ގޮތް ބެލުން އެހާ ރައްކާތެރި ނުވާނެތީ، ބުރާސްފަތި ދުވަހުގެ ހެނދުނު ހާދިސާ ހިނގިގޮތް ބެލުމަށް ނިންމާފައިވާކަމަށް ވެސް އާދަމް ބުނެފައިވެއެވެ. މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފަށް ލިބިފައިވަނީ ބުދަ ދުވަހުގެ ހަވީރު 4:00ގައެވެ.

ކޯސްޓްގާޑްގެ އުޅަނދު، 17:07 އެހާއިރު އެ ރިސޯޓަށް ގޮސް، މި ހާދިސާގައި އަނިޔާވި ހަތް މީހުން ވަނީ މިރޭ 19:32 އެހާއިރު އިތުރު ފަރުވާއަށް މާލެއަށް ގެނެސްދީފައި ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

39 މީހުން ދަތުރުކުރި މި ލޯންޗުގައި ހިނގި ހާދިސާގައި ފިހި، އެކިވަރުގެ އަނިޔާ ވެފައިވާ ކަމުގެ ރިޕޯޓް ލިބިފައިވަނީ އަށް މީހުންނަށެވެ. އެހެން އެންމެންގެ ހާލު ވެސް ރަނގަޅެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
ކޮމެންޓް