އިސްރާއީލުގެ އަސްކަރިއްޔާއިން ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ޖެނީން ރެފިޔުޖީ ކޭމްޕުގައި ހިންގަމުންދާ އޮޕަރޭޝަނާ ގުޅިގެން އދ.ގެ އެޖެންސީތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މިހާތަނަށް އައިއިރު އިސްރާއީލުން ވަނީ ފަލަސްތީނުގެ 10 މީހުން ޝަހީދު ކޮށްލާފައެވެ. އދ.ގެ އެޖެންސީތަކުން ބުނާގޮތުގައި އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި ޒަޚަމްވެފައިވާ މީހުންނަށް ސިއްހީ ފަރުވާދިނުމަށް އިސްރާއީލުން އަންނަނީ ހުރަސްއަޅަމުންނެވެ.
ވައިގެ މަގުންނާއި އެއްގަމު މަގު މަގުން އިސްރާއީލުން ޖެނީން ރެފިއުޖީ ކޭމްޕަށް ހަމަލާތައް އަމާޒުކުރަމުން ދާއިރު، މިއީ އިސްރާއީލުން ފަހަކަށްއައިސް ފަލަސްތީނުގައި ހިންގާ މިފަދަ ބޮޑެތި އޮޕަރޭޝަންތަކުގެ ތެރެއިން އޮޕަރޭޝަނެކެވެ. އަސްކަރީ އޮޕަރޭޝަނަށް ދެވަނަ ދުވަސް ވެފައިވާއިރު އެތައް ހާސް ބަޔަކު އަންނަނީ ރެފިއުޖީ ކޭމްޕް ދޫކޮށް ރައްކާތެރި ހިސާބުތަކަށް ދަމުންނެވެ.
އދ.ގެ ހިޔުމެނިޓޭރިއަން އޮފީހުގެ ސްޕޯކްސްޕަރސަން، ވެނެސާ ހުގުއިނެން ވިދާޅުވީ ވައިގެ މަގުންނާއި އެއްގަމު މަގުން ޖެނީން ރެފިއުޖީ ކޭމްޕްގެ އެންމެ ގިނައިން މީހުން އާބާދުވެފައިވާ ސަރަހައްދުތަކަށް އަމާޒުކޮށް އިސްރާއީލުން ދެމުންދާ ހަމަލާތަކާމެދު ކަންބޮޑުވާކަމަށެވެ. ޝަހީދުކޮށްލި 10 މީހުންގެ ތެރޭގައި ކުޑަ 3 ކުދިންވެސް ހިމެނެއެވެ.
އަނެއްކޮޅުން ވައިގެ މަގުން ދެމުންދާ ހަމަލާތަކުގައި އެތައް އިމާރާތެއް ބިމާ ހަމަވަމުންދާއިރު ގިނަ އިމާރާތްތަކަކުން ފެނާއި ކަރަންޓު ވަނީ ކެނޑިފައެވެ. ފަލަސްތީނުގެ ރެޑް ކްރެސެންޓުން މީގެކުރިން ބުނެފައިވަނީ 3000 މީހުން ކޭމްޕުން މިހާރު ބޭރުކޮށްފައިވާކަމަށެވެ.
ޑަބްލިޔުއެޗްއޯއާއި މެޑިކަލް ޗެރިޓީ އެމްއެސްއެފްއިން ވެސް ވަނީ ކޭމްޕަށް ނުވަދެވޭކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ޑަބްލިޔުއެޗްއޯގެ ސްޕޯކްސްޕަރސަން، ކްރިސްޓިއަން ލިންޑްމިއާރް ވެސް ވަނީ، ސިއްހީ ފަރުވާދޭ ތަންތަނަށް އަމާޒުކޮށް އިސްރާއީލުން ހަމަލާތައް ދެމުންދާއިރު ޒަޚަމްވާ މީހުންނަށް ފަރުވާދިނުމުގެ ފުރުސަތު ނުދޭކަމަށް ވިދާޅުވެފައެވެ.
އިސްރާއީލު ސިފައިން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެންމެ ބޮޑަށް ޒަޚަމްވާ މީހުންނާ ހިސާބަށް ދިޔުމުގެ ފުރުސަތު ނުލިބޭ ކަމަށް ކްރިސްޓިއަން ވިދާޅުވިއެވެ.
އެމްއެސްއެފްއިން ބުނާގޮތުގައި ކޭމްޕަށް ދެވެން އޮތް މަގު އިސްރާއީލުގެ އަސްކަރިއްޔާގެ ބުލްޑޯޒަރުތަކުން ވަނީ ހަލާކުކޮށްލާފައެވެ. އެކަމުގެ ސަބަބުން އެމްބިއުލާންސަށް އެސަރަހައްދަށް ނުދެވޭކަމަށް އެމްއެސްއެފުން ބުނެއެވެ.
ފަލަސްތީނުގެ ޕެރަމެޑިކްސްއިން ހިނގާފައި އެސަރަހައްދަށް ދާން މަޖުބޫރުވެފައިވާއިރު އެއީ އެންމެ ގަދައަށް އިސްރާއީލުން ވައިގެ މަގުންނާއި ބަޑިން ހަމަލާތައް ދެމުން އަންނަ ސަރަހައްދުކަމަށް އެމްއެސްއެފުން ބުނެއެވެ.
އިސްރާއީލުން ބުނާގޮތުގައި ޖެނީން ރެފިއުޖީ ކޭމްޕްގައި ހިންގަމުންދާ އޮޕަރޭޝަނަކީ އީރާނުން އެހީވެދީގެން ފަލަސްތީނުގައި ހަރަކާތްތެރިވާ ފެކްޝަންތައް ނައްތާލުމެވެ. މިފެކްޝަންތަކަކީ ބަޑިއާއި ބޮމުގެ ހަމަލާތައް އިސްރާއީލަށް އަމާޒުކޮށް ދެމުންދާ ފެކްޝަންތައް ކަމަށާއި, ރޮކެޓް އުފައްދަނީވެސް މިފެކްޝަންތަކުންކަމަށް އިސްރާއީލުން ބުނެއެވެ.
ޖެނީވާގައި ހުންނަ އިސްރާއީލުގެ މިޝަނުން ބުނެފައިވަނީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އެހީތެރިވެދޭނެ ކަމަށާއި، މެޑިކަލް ސްޓާފުންނަށް، ޒަޚަމްވެފައިވާ މީހުންނާ ހަމައަށް ދިޔުމުގައި އެއްވެސް ހުރަހެއް ނޯންނާނެކަމަށެވެ. ނަމަވެސް އެއީ ހަމަލާތައް ބަދަލުކުރަމުންދާ ސަރަހައްދުތައް ފިޔަވައި ކަމަށާއި، އެއީ ސިއްހީ އެހީތެރިންގެ ފުރާނައަށް ގެއްލުންވެދާނެތީ ކަމަށް ބުނެފައިވެއެވެ.