އަޟްހާ އީދުގެ މުނާސަބަތުގައި ބުދަ ދުވަހުގެ ރޭ (ހަ ވާ) އަރުވާނެކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ނެރުނު އީދު ކުޅިވަރުތަކުގެ ލިސްޓުގައި އޮތުމުން ގިނަ ބަޔަކު ޖަމާވީ ހަވާ ބެލުމަށެވެ.
ނަމަވެސް ހީ ކުރި ގޮތާއި ޚިލާފަށް އެރުވީ ހަވާ ނުވަތަ ފަޔަރ ވޯކްސް އެއް ނޫނެވެ. ރައްޔިތުންގެ ކުދި ބޮޑު އެންމެން ހަވާ ބެލުމަށްޓަކައި ނުކުތުމުން ފެނިގެންދިޔައީ ދަނޑިއަކަށް ހަ ވައު އެރުވި މަންޒަރެވެ. ކޮންމެ ވަލެއްގައި ފޮށި ގަނޑެއް އައްސާފައި އޮތްއިރު ފޮށިގަނޑުގައި ހުރީ ނަންބަރު ޖަހާފައި ތިރީގައި ވާ ލިޔެފައެވެ. އެހުރިހާ ވާ ތަކެއް އެރުވުމަށްފަހު ހަ ވާ އެރުވުނީ ކަމަށް ބުންޏެވެ. މި ހަ ވާ އަރުވާ ވީޑިއޯ ސޯޝަލް މީޑިޔާގައި ވައިރަލް ވަމުން އަންނައިރު ވީޑިއޯއަށްވެސް އެކި ކަހަލަ ކޮމެންޓްތައް އަންނަނީ މީހުން ކުރަމުންނެވެ.
އެއްބަޔަކު ބުނާގޮތުގައި މިއީ އޮޅުވާލުމެވެ. އެތައް ބަޔަކު ހަވާ ބެލުމުގެ އުންމީދުގައި ގޮސްތިބިއިރު އޭގެ ބަދަލުގައި ހަ ވާ އެރުވުމުން މީހުންގެ އިހުސާސްތަކާއި ކުޅުނީކަމަށާއި މިއީ ކައުންސިލުން ރައްޔިތުންނަށް އޮޅުވާލުންކަމަށް ވަނީ ބުނެފައެވެ.
ނަމަވެސް އަނެއްބަޔަކަށް ވަނީ މިކަން މަޖާކަމަކަށްވެފައެވެ.
މިކަމާއި ގުޅިގެން ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ސިޓީ ކައުންސިލުން ޢީދު ކުޅިވަރު ތާވަލު ހަދާއިރު އެ ކުޅިވަރެއް އިންތިޒާމް ކުރާ ބަޔަކު އެދޭ ނަމެއްގައި އެދޭ ގަޑިއަކަށް ކުޅިވަރު ތާވަލްއަށް ލައިދެމުން އަންނަކަމަށެވެ. އެގޮތުގެމަތިން “ހަ ވާ އެރުވުން” ކިޔާ ކުޅިވަރެއް ޝެޑިއުލްއަށް ލައިދިނުމަށް ޢީދު ކުޅިވަރު އިންތިޒާމްކުރާ ގުރޫޕަކުން އެދުމުން އެކުޅިވަރުވެސް މިއަހަރު ލައިދީފަވާނެ ކަމަށާއި އޮޅުން އަރާފާނެކަމަށް ބަލާ ހ އާއި ވ އާ ދެމެދަށް ހުސްތަންކޮޅެއްވެސް ހިމަނާފައިވާނެކަމަށެވެ.
ކައުންސިލުން ޢީދު ކުޅިވަރު ތާވަލު ހަދަންފެށީ މީގެކުރިން ކުޅިވަރުތައް ކުޅޭ ތަންތަނާއި ވަގުތު ރައްޔިތުންނަށް އެނގުމުގައި ދަތިތަކެއް ކުުރިމަތިވާތީ އެކަމުގެ ހައްލެއްގެ ގޮތުގައިކަމަށާއި ގިނަ ބަޔަކަށް އޮޅުންއެރި އެރުން ތަކުރާރުވިޔަ ނުދިނުމަށް ކުރިއަށްއޮތްތާގައި އިތުރު ކަންތައްތަކެއް ކުރައްވާނެ ކަމަށް މޭޔަރު އާތިފް ވިދާޅުވިއެވެ. އެގޮތުން އައު ކުޅިވަރެއް ނަމަ ކުޅިވަރުގެ ނަމުގެ އިތުރުން އެ ކުޅިވަރެއްގެ ކޮންމެވެސް ވަރެއްގެ ތަފްސީލެއް ތާވަލުކުރާއިރު އިތުރަށް ހިމަނާނެކަމަށް މޭޔަރު ވިދާޅުވިއެވެ.
ކުޅުދުއްފުށި ސިޓީއަކީ އީދަށް ތަފާތު ކުޅިވަރުތައް ބާއްވަމުން އަންނަ ރަށެކެވެ. އެގޮތުން އަޟްހާ އީދާ ދިމާކޮށް އެރަށުގައި ނެރޭ މަށިމާލި ޕެރޭޑަށް ކުޅުދުއްފުށީގެ ރައްޔިތުންގެ އިތުރުން މުޅި ރާއްޖޭގެ ވެސް ގިނަ ބަޔެއްގެ ސަމާލުކަން ކޮންމެ އަހަރަކު ވެސް ލިބެއެވެ. މިއަހަރު މަށިމާލި ޕެރޭޑް ނެރުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުއެވެ.