ކ. މާލެ
|
28 ޖޫން 2023 | ބުދަ 14:31
މަތިވެރީ ދާއިރާގެ މަޖިލިސް މެންބަރު ހަސަން ޒަރީރު
މަތިވެރީ ދާއިރާގެ މަޖިލިސް މެންބަރު ހަސަން ޒަރީރު
މެންބަރު ޒަރީރަށް ޙަމަލާދިނުން
މެންބަރު ޒަރީރަށް ޙަމަލާދިން މައްސަލައިގައި ހައްޔަރުކުރި މީހެއްގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި
މެމްބަރު ޒަރީރު ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވާފައި
މި ތަހުގީގުގައި މިހާތަނަށް 3 މީހަކު ހައްޔަރުކޮށްފައި ވޭ
މީހަކު މަރާލަން އުޅުނުކަމުގެ ތުހުމަތު އޭގެ ތެރެއިން މީހެއްގެ މައްޗަށް ކުރެވޭ

މަތިވެރީ ދާއިރާގެ މަޖިލިސް މެންބަރު ހަސަން ޒަރީރަށް ހަމަލާ ދިން މައްސަލާގައި ހައްޔަރުކުރި މީހަކު އިތުރު 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަތިވެރީ ދާއިރާގެ މެންބަރު ހަސަން ޒަރީރަށް ހަމަލާ ދީފައިވަނީ މެއި 1 ވަނަ ދުވަހު، ހަބީބީ ކެފޭ އެންޑް ބިސްޓްރޯ ތެރޭގައި އިންނަވަނިކޮށެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި މެންބަރު ހަސަން ޒަރީރަށް ހަމަލާ ދީފައިވަނީ ނުރައްކާތެރި ހަތިޔާރެއްގެ ގޮތުގައި ބެލެވިދާނެ އެއްޗެއް ބޭނުންކޮށްގެންނެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. މި ތަހުގީގުގައި މިހާތަނަށް 3 މީހަކު ހައްޔަރުކޮށްފައި ވެއެވެ.

އޭގެ ތެރެއިން 23 އަހަރުގެ ޒުވާނާގެ ބަންދުގެ މުއްދަތު ހަމަވުމުން އޭނާގެ ބަންދު އިތުރުކޮށްދިނުން އެދި ކޯޓަށް ހާޒިރު ކުރުމުން، އޭނާގެ ބަންދަށް ވަނީ އިތުރު 15 ދުވަސް ޖަހާފައެވެ.

ބަންދާމެދު ގޮތެއް ނިންމުމުގެ މަޖިލީހުގައި އޭނާގެ ވަކީލު ވިދާޅުވީ، އޭނާ ސީންއަށް ދިޔަ ނަމަވެސް، ޙަމަލާ ދިން ތަނަށް އޭނާ ވަދެފައިނުވާނެ ކަމަށެވެ. އޭނާ މިހާރު ބަންދުކޮށްފައި ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބައެއް ތަކެތި ތަހުލީލު ކުރާތީކަން ފާހަގަ ކުރައްވައި ވަކީލު ވަނީ، އޭނާ ޝަރުތުތަކާއެކު ބަންދުން ދޫކޮށްލުމަށް އެދިފައެވެ.

ފުލުހުން ތަހުލީލު ކުރަމުންދަނީ އޭނާގެ ބެލުމުގެ ދަށުގައި ހުރި ތަކެތި ނޫންކަމަށްވެސް ދިފާއުގައި ވަކީލު ވިދާޅުވެފައިވެއެވެ.

މި ހަމަލާއާ ގުޅިގެން ލިބުނު އަނިޔާއަށް މެމްބަރު ޒަރީރު ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވާފައެވެ.

ފުލުހުން ބުނީ، ގްރޫޕް ހަދައިގެން ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައި، މީހަކު މަރާލަން އުޅުނުކަމުގެ ތުހުމަތު އޭގެ ތެރެއިން މީހެއްގެ މައްޗަށް ކުރެވެއެވެ. އެއީ މި މައްސަލައިގައި ހައްޔަރުކޮށްފައިވާ އިބްރާހީމް އަބްދުﷲ (ގައްބަރޭ)އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް