ކ. މާލެ
|
27 ޖޫން 2023 | އަންގާރަ 14:53
ޕްލޭނިން މިނިސްޓްރީން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ޕްލޭނިން މިނިސްޓްރީން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ރައީސް އޮފީސް
ބިންވެރިޔާ ސްކީމް
"މަސައްކަތް ކުރަނީ ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވުމަށް ފަހު ގިނަވެގެން ދެ ހަފްތާ ތެރޭގައި ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް އިޢުލާންކުރުމަށް"
ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ޖުލައި 15 ވަނަ ދުވަހުގެ 23:59 އާއި ހަމައަށް އޮންނާނެ
ހޯމަ ދުވަހުގެ ރޭގެ 7 ޖެހުމާއި ހަމައަށް 50 އަށް ވުރެ ގިނަ ހުށަހެޅުން ލިބިފައިވޭ
ހުރިހާ ޝަކުވާތައް ވެސް ބަލާ ތަފްސީލީ ޖަވާބުތަކެއް އެ މީހުންނަށް ދޭނެ

މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު މީހުންގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވުމަށް ފަހު ގިނަވެގެން ދެ ހަފްތާ ތެރޭގައި ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް އިޢުލާންކުރުމަށް ކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެ ޓީވީގެ ފަލަސުރުޚީގައި ވާހަކަދައްކަވަމުންނެވެ. ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ޖުލައި 15 ވަނަ ދުވަހުގެ 23:59 އާއި ހަމައަށް އޮންނާނެއެވެ. އުންމީދަކީ އެއަށް ފަހު ހަފްތާ އެއް ނުވަތަ ދެ ހަފްތާއެއްހާ ދުވަސް ތެރޭގައި ދާއިމީ ލިސްޓު އިޢުލާންކުރުން ކަމަށް އާރިފް ވިދާޅުވިއެވެ. ޝަކުވާތައް ހުށަހެޅުމުން ހުރިހާ އެންމެންގެ ޝަކުވާތައް ވެސް ބަލާ ތަފްސީލީ ޖަވާބުތަކެއް އެ މީހުންނަށް ދޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓު އިއުލާންކުރާނީ އެއަށް ފަހުގައި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމަށްޓަކައި ކުރިއަށްގެންދިޔަ އިވަލުއޭޝަން މަރުހަލާ ކުރިއަށް ގެންދިޔައީ ގޯއްޗަށް އެދި ކުރިމަތިލި ފަރާތްތަކާއި ގުޅުން ހުރި ވަރަށް ގިނަ މައުލޫމާތުތައް ހޯދާ ބަލައިގެން ކަމަށް އާރިފް ވިދާޅުވިއެވެ. އެހެންކަމުން ގޯތި ލިބޭނެ މީހުންގެ ގޮތުގައި ލިސްޓު ކުރި މީހުންނަކީ އެންމެ ބޮޑަށް ގޯއްޗަށް ބޭނުންވާ މީހުންކަން ވަރަށް ބޮޑަށް ޔަގީންކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް ޝަކުވާ ހުށަހެޅުމުގެ މުއްދަތުގައި މައުލޫމާތުގެ ކުށަކުން އެއްވެސް މީހަކަށް ގޯތި ނުލިބިވާނަމަ ނުވަތަ ގޯއްޗަށް އެދި ހުށަހެޅި ފޯމަށް އުނިކަމެއް އަންނަ ނަމަ އެކަމެއް އިސްލާހުކުރާނެ ކަމަށް އާރިފް ވަނީ ވިދާޅުވެފައެވެ.

ޝަކުވާ ހުށަހަޅަން ހުޅުވާލި ފުރުސަތުގައި ހޯމަ ދުވަހުގެ ރޭގެ 7 ޖެހުމާއި ހަމައަށް 50 އަށް ވުރެ ގިނަ ހުށަހެޅުން ލިބިފައިވާ ކަމަށް އާރިފް ވިދާޅުވިއެވެ. އަދިޝަކުވާ އަށް ހުޅުވާލި ފުރުސަތުގައި ގިނައިން ހުށަހަޅާފައި ހުރީ ޖޮއިންޓް ވެވެން ނެތް މީހުންނަށް ދެން ވާނެ ގޮތަކާއި މެދު ކުރައްވާފައިވާ ސުވާލުތައްކަމަށެވެ. އިއްޔެ އެކަނިވެސް ޖޮއިންޓްވާން 50 އަށް ވުރެ ގިނަ މީހުން ހުށަހަޅާފައިވާ ކަމަށެވެ. އެއީ ކުރިން ފޯމް ހުށަހެޅި އިރު ވެސް ޖޮއިންޓްވުމުގެ ފުރުސަތު އޮތް ބޭފުޅުންކަން ފާހަގަކުރައްވާ އާރިފް ވިދާޅުވީ އޭރު އެ ބޭފުޅުންނަށް ސްކީމް އޮތް ގޮތް އެންމެ ރަނގަޅަށް ފަހުމުވެފައި ނެތީ ކަމަށް ވުން އެކަށީގެންވާ ކަމަށެވެ. އެކަމަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް އާރިފް ވިދާޅުވިއެވެ. މީގެ އިތުރުން ގޯއްޗަށް އެދި ގިނަ އަދަދެއްގެ ބަޔަކު ކުރިމަތިލާފައިވާ އިރު 18 އަހަރުގެ 1500 އެއްހާ މީހުން ގޯއްޗަށް އެދި ފޯމުލާފައިވާ ކަމަށް ވެސް އާރިފް ވަނީ ވިދާޅުވެފައެވެ.

ޝަކުވާތައް ބެލުމާއި ގޯތި ދިނުމުގެ ކަންކަން ކުރިއަށްގެންދާނީ އާއްމުންގެ ރައްޔިތުންގެ އިތުބާރު ދެމެހެއްޓޭނެ ފަދަ ގޮތަކަށް ކަމަށް ވެސް އާރިފް ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
- ކޮމެންޓް