ކ. މާލެ
|
26 ޖޫން 2023 | ހޯމަ 16:01
ފީއަލީގެ ބަށި ކުޅުންތެރިޔާ ޝިހާމާ
ފީއަލީގެ ބަށި ކުޅުންތެރިޔާ ޝިހާމާ
ޝިހާމާ އަބްދުއްރަޝީދު
މެދު ކެނޑުމަކަށްފަހު ބަށި ރެކެޓުގައި އަތްލީ ފަސް އަހަރު ފަަހުން، އަދި ވެސް ޖަހަނީ "އަލިފާން" ބޯޅަ!
ރަށު ފެންވަރުގެ މުބާރާތްތަކުގެ އިތުރުން، ގައުމީ ފެންވަރުގެ މުބާރާތްތަކުގައި ވެސް މޮޅު ކުޅުމެއް ދެއްކި

އެންމެ ފުރަތަމަ ބަށި ބޯޅަ ކުޅުމުގެ ތެރެއަށް ނިކުތީ ސްކޫލުގައި ތައުލީމު ހާސިލް ކުރަމުން ދިޔަ ދުވަސްވަރުއެވެ. އެއީ ފ. ފީއަލީގައި ބަށި ކުޅުމުގެ ފޯރި އެހާ ގަދަ ދުވަސް ވަރަކަށް ނުވިނަމަވެސް، ކުޅިވަރަށް އޮންނަ ލޯތްބެއްގެ ސަބަބުން ކުޅެން ފެށިއެވެ. އޭރު ބަށި ކުޅުނީ ރުކުގެ ފަނުން ބޯޅަ ވިޔެގެން، ބުޑި ފައި ބޭނުންކޮށްގެން ރަށުގެ މަގުމަތީގައެވެ. އޭގެ ފަހުން ސްކޫލުގައި ބަށި ކުޅެން ފެށީ މިހާރު ގެންގުޅޭ ބަށި ބޯޅައާއި ރެކެޓުންނެވެ. ނަމަވެސް ބަށި ކުޅުމުގެ ތެރެއަށް ވަދެ، ރާއްޖޭގައި ނަން މަޝްހޫރު ކުޅުންތެރިޔަކަށް ވާނެކަމުގެ އެއްވެސް އުންމީދެއް ނުވަތަ ހުވަފެނެއް ވެސް ޝިިހާމާ އަބްދުއްރަޝީދުގެ ނެތެވެ. 

ބަށި ކުޅުމުން ކުރިއަށް ދާން ހިތްވަރު ލިބުނީ އޭރު ރަށުގެ ޒުވާނުންނަށް ބޭއްވި މުބާރާތަކުންނެވެ. އެ މުބާރާތުގައި ސްކޫލުން ވަނީ ޓީމެއް ބައިވެރިކޮށްފައެވެ. މިހާރާ ޚިލާފަށް، އޭރު ކުޅުނީ ވެސް ލަސް ބައްޓެވެ. ޓީމެއްގެ ކޮންމެ މީހަކަށް ކުޅުމުގެ ފުރުސަތު ލިބޭނީ އެންމެ ފަހަރަކުއެވެ. ނަމަވެސް މިއަދު އެ ކުޅިވަރު ތަރައްގީވެގެން އައިސް، އަވަސް ބައްޓަށް ބަދަލުވެ، ޓީމަކުން ދިހަ މިނެޓުގެ ދެ ހާފު ކުޅޭއިރު، ޝިހާމާއަކީ ރާއްޖޭގައި އަލި ގަދަ ތަރިއެކެވެ. ރަށު ފެންވަރުގައި ކުޅެން ފެށި ބަށީގައި ޝިހާމާ ވަނީ އަތޮޅު ފެންވަރުގައި ބޭއްވި މުބާރާތްތަކުގައި ވެސް ކުޅެފައެވެ. ކޮންމެ މުބާރާތެއްގައި ވެސް ޝިހާމާ ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ. މިހާތަނަށް އެތައް މުބާރާތެއްގައި ކުޅެފައިވާއިރު، ކޮންމެ މުބާރާތެއްގެ ވެސް މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނެއެވެ. 

ރަށު ފެންވަރުގައި ބާއްވަމުން އައި މުބާރާތްތަކުގެ އިތުރުން އަތޮޅު ތެރޭގެ އެހެން ރަށްރަށުގައި ބާއްވާ މުބާރާތްތަކުގައި ވެސް ޝިހާމާ ވަނީ ކުޅެފައެވެ. ގިނަ މުބާރާތްތަކުގައި ކުޅޭ ޓީމަކަށް ތަށި ހޯދައިދިނުމުގެ އިތުރުން، މުބާރާތުގެ އެންމެ މޮޅު ޖެހުންތެރިޔާ، އަދި ބަށި ރާނީގެ މަގާމުވެސް ހޯދައެވެ. ޝިހާމާ ގެންދަން ބޭނުންވާ ޓީމުތައް ގިނަކަމުން، ކުޅޭނެ ޓީމެއް ކަނޑައެޅުމުގައި ވެސް ބައެއް ފަހަރު އުނދަގޫވެއެވެ.

"އަބުޅޯ ބަށި ޗެލެންޖު"ގެ ބަށި ރާނީގެ ޝޭޝް އަދި ޓްރޮފީއާއެކު ޝިހާމާ

ރަށުގައި އުފެދިފައި އޮތް ފީއަލީ އެކުވެރި ޒުވާނުންގެ ގުޅުން (ފެޒްގ)ގެ ބަށި ޓީމުގައި ހިމެނިގެން ޝިހާމާ ވަނީ ގައުމީ ފެންވަރުގެ މުބާރާތްތަކުގައި ވެސް ކުޅެފައެވެ. ފެޒްގއާއެކު ވާދަވެރި މުބާރާތަކަށް އެންމެ ފުރަތަމަ ނިކުތީ 2012 ވަނަ އަހަރުއެވެ. އެއީ ސްޓޭޓް ޓްރޭޑިން ކޮމްޕެނީ (އެސްޓީއޯ)އިން މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ ބަށި މުބާރާތެކެވެ. އެ މުބާރާތުގައި ޝިހާމާގެ އިތުރުން ފެޒްގ ޓީމުގެ އެހެން ކުޅުންތެރިން ވެސް މޮޅު ކުޅުމެއް ދެއްކިއެވެ. ފައިނަލްގައި ވާދަކުރަން ޖެހުނީ އޭރު މަޝްހޫރު ބޮޑުފުންގަނޑު ޓީމާއެވެ. ފައިނަލްގައި އެ ޓީމު ބަލި ކުރުމަށްފަހު ފެޒްގުން އެސްޓީއޯގެ ފުރަތަމަ މުބާރާތް ކާމިޔާބުކުރިއެވެ. އެ މުބާރާތަށް ޝިހާމާއަށް ވަރަށް ޚާއްސައެވެ. އެ މުބާރާތުގެ އެންމެ މޮޅު ޖެހުންތެރިއަކަށް ހޮވުނީ ޝިހާމާއެވެ. އަނެއްކޮޅުން މުބާރާތުގެ ބަށި ރާނީއަކަށް ވެސް ހޮވުނީ އޭނާއެވެ. އޭގެ ފަހުން މިއަދާ ހަމައަށް އައިއިރު، ޝިހާމާއަކީ ބަށީގައި މުޅި ރާއްޖައިވެސް އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ. 

އެންމެ އުފާވި އެއް ދުވަހަކީ އެސްޓީއޯ މުބާރާތުގެ ބަށި ރާނީއަކަށް ހޮވުމުން. އެއީ 2012 ވަނަ އަހަރު އޮތް މުބާރާތް. އެއީ އެސްޓީއޯގެ އެންމެ ފުރަތަމަ މުބާރާތް. އެ ދުވަހު ވަރަށް އުފާވި. އޭގެ ފަހުން ވެސް މުބާރާތުގެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކޮންމެ އަަހަރަކުވެސް.
ޝިހާމާ
2012 ވަނަ އަހަރު އޮތް އެސްޓީއޯ ބަށި މުބާރާތުގެ ބަށި ރާނީއަކަށް ހޮވުނު ޝިހާމާ

އޭގެ ފަހުން ފެޒްގއަކީ މުޅި ރާއްޖޭގެ ކޮންމެ ޓީމެއްވެސް ޖެހިލުންވާ ޓީމަކަށްވީއިރު، އެ ޓީމުގެ އެންމެ މުހިންމު ރޯލެއް އަދާކުރީވެސް ޝިހާމާއެވެ. ވަރުބަލިކަމެއް ނެތި ޖަހާ ބާރު ބޯޅަތައް ހުއްޓުވުމަށް އިދިކޮޅު ޓީމުގެ ކުޅުންތެރިންނަށް އެތައް އުނދަގޫތަކެއް ވެއެވެ. 2012 ވަނަ އަހަރު އެސްޓީއޯގެ ފުރަތަމަ މުބާރާތް ކާމިޔާބުކުރި ފަހުން އެ ޓީމު ވަނީ އިތުރަށް ވަރުގަދަ ވެފައެވެ. ޖެހިގެން އައި 2013، 2014 އަދި 2015 ވަނަ އަހަރުވެސް މުބާރާތް ކާމިޔާބުކުރީ އެއްވެސް "ހާސްކަމެއް" ނެތިއެވެ. އެ މުބާރާތްތަކުގައި ވެސް ޝިހާމާގެ ދައުރު ވަރަށް ބޮޑެވެ. ވަކިވަކި މަގާމެއް ނުލިބުނު ނަމަވެސް، ކުޅުމަށް ބަދަލެއް ނާދެއެވެ. މަގާމަކާ ހަމައަށް ވާސިލްނުވެވެނީ ބައެއް ޓީމުތަކުން ފެޒްގއާ ދެކޮޅަށް ކުޅެން ޖެހިލުންވެ، މެޗު ދޫކޮށްލުމުންނެވެ. 

އެސްޓީއޯ މުބާރާތުގައި އެންމެ ފުރަތަމަ ފެޒްގއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ 2016 ވަނަ އަހަރުއެވެ. މުބާރާތުގެ ސެމީ ފައިނަލްގައި ބަލިވީ ހުޅުމާލޭ ވިމެންސް ސްޕޯޓްސްއާ ވާދަކޮށެވެ. ނަމަވެސް އެ އަހަރުގެ މުބާރާތުގެ އެންމެ މޮޅު 8 ކުޅުންތެރިންގެ ތެރޭގައި ޝިހާމާ ހިމެނުނެވެ. މިއީ ވާދަވެރި މުބާރާތެއްގައި ޝިހާމާ އަދި ފެޒްގަށް ވެސް ނާކާމިޔާބާ ކުރިމަތިލާން ޖެހުނު ފުރަތަމަ ފަހަރެވެ. 

ބަށި މެޗެއްގައި ޝިހާމާ ބަށި ކުޅެނީ

ފުރަތަމަ ބައްޔާއެކު ނާކާމިޔާބާ ކުރިމަތިލާން ޖެހުނު ނަމަވެސް، ޝިހާމާގެ އުންމީދަކަށް އޭރުވެސް ބަދަލެއް ނާދެއެވެ. ޖެހިގެން އައި 2017 ވަނަ އަހަރު ރާއްޖޭގައި އައު ބަށި މުބާރާތެއް އިއުލާންކުރިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާދައިގެ ތައްޓަށް ބާއްވާ "ފަސްޓް ލޭޑީ ބަށި ބޯޅަ ޗެލެންޖު" ވެގެންދިޔައީ ފޯރި ގަދަ މުބާރާތެކެވެ. އަތޮޅުގެ ޗެމްޕިއަންކަމާއި ޒޯންގެ ޗެމްޕިއަންކަން ހޯދުމަށްފަހު ފައިނަލް ރައުންޑުގެ ކުޅުން އޮތީ މާލޭގައެވެ. ސެމީ ފައިނަލްގައި ލ. ގަމު ބަށި ޓީމު ބަލިކުރުމަށްފަހު ފައިނަލްގައި ނިކުތީ ކ. މާފުށީ ބަށި ޓީމާ ދެކޮޅަށެވެ. 

މިހާ ހިސާބަށް އައިއިރު ރާއްޖޭގައި ބަށި ކުޅުމަށް ދަށް ޓީމެއް ނޯންނާނެ ކަމަށް ޝިހާމާ ގަބޫލުކުރެއެވެ. ކޮންމެ ޓީމަކުންވެސް އަވަސް، އަދި ހުނަރުވެރި ކުޅުމެއް ދެއްކިއެވެ. ނަމަވެސް އޭރުވެސް ޝިހާމާ ގަބޫލުކުރި ހަގީގަތަކީ ޓީމެއްގެ ގޮތުގައި ފެޒްގ އޮންނަ އޮތުމަށް ބަދަލެއް ނާންނަކަމެވެ. އެ ފައިނަލަކީ މިހާތަނަށް ޝިހާމާ ކުޅެން ޖެހުނު އެންމެ ޕްރެޝަރު ބޮޑު އެއް ފައިނަލެވެ. މެޗުގެ ކޮންމެ ވަގުތުކޮޅެއް ވެސް ދިޔައީ ނޭވާ ހިފަހައްޓައިގެން ތިބެންޖެހޭ ކަހަލަ ގޮތަކަށެވެ. އެ މެޗުގައިވެސް ފެޒްގ ޓީމުން އެންމެ މޮޅު ކުޅުމެއް ދެއްކި އެއް ކުޅުންތެރިޔަކީ ޝިހާމާއެވެ. މެެޗުގެ ފަހު ކަށިގަނޑު ރެފްރީ ފުމެލިއިރުވެސް މޮޅުވީ ކޮން ބައެެއްކަން ނޭނގޭހާ މެޗު ފޯރި ގަދަވިއެވެ. އެ މުބާރާތް އަނެއްކާ ވެސް ޝިހާމާއަށް ޚާއްސަވެއެވެ. އެއީ ޝިހާމާގެ ކެޕްޓަން ކަމުގައި ފެޒްގުން ކާމިޔާބުކުރި ފުރަތަމަ ތައްޓެވެ. ކޮންމެ ފަހަރަކުވެސް ޓީމުގެ ކެޕްޓަން ބޭންޑު ޝިހާމާއަށް ދިނުމަށް ނިންމައެވެ. ނަމަވެސް އެކަން އޭނާ ގަބޫލު ނުކުރަނީ އެވެ. އެ އަހަރު އެ ޒިންމާ ނެގީ އިތުރު އެހެން ގޮތެއް ޓީމަށް ނެތުމުންނެވެ. 

ފަސްޓް ލޭޑީ ބަށި ބޯޅަ މުބާރާތުގެ ތަށި ޝިހާމާ އުފުލާލަނީ
ދުވަހަކުވެސް ކެޕްޓަންކަން ކުރާކަށް ބޭނުމެއް ނުވޭ. އަބަދުވެސް ޓީމުން ހުށަހަޅާނެ، ކޯޗުވެސް އަދި ޖަމިއްޔާގެ އިސްވެރިން ވެސް. އެކަމު އެކަން އެހާ ކުރާ ހިތެއް ނުވޭ. ނަމަވެސް މިއަހަރު (2017 ވަނަ އަހަރު) އެކަން ކުރީ އެހެން ގޮތެއް ނެތިގެން. ދެން އެ އަހަރުގެ ކާމިޔާބީ ވެސް ޚާއްސަ، ކެޕްޓަން ކަމުގަ ތައްޓެއް ލިބުމުން.
ޝިހާމާ

އެ މުބާރާތަށްފަހު އެ އަހަރު އޮތް އެސްޓީއޯ މުބާރާތުގައި އަނެއްކާވެސް ފެޒްގއަށް ނާކާމިޔާބުވީ ސެމީ ފައިނަލުންނެވެ. މިފަހަރު ނާކާމިޔާބުވީ ލ. ގަމު ޓީމާ ވާދަކޮށެވެ. އެ ފަހަރުގެ ސެމީ ފައިނަލަށްފަހު، 2023 ވަނަ އަހަރާ ހަމައަށް ޝިހާމާ ހުރީ ބަށި ރެކެޓެއްގައި އަތްނުލައެވެ. ސަބަބަކީ ބައްޓަށް ދީފައި އޭރު އޮތް ގައުމީ ހައިިސިއްޔަތު އުވާލުމާއެކު، އެ ފޯރި މަޑުމަޑުން ފަނޑުވަމުން ދިޔުމެވެ. ރަށު ފެންވަރުގައިވެސް ބަށި ކުޅޭނެ ފުރުސަތު ބަންދުވުމެވެ. ބަށީގެ ގައުމީ ހައިސިއްޔަތު އުވާލުމާއެކު، އެސްޓީއޯ މުބާރާތަށް ވެސް ހުއްޓުން އައެވެ. ގައުމީ ފެންވަރުގައި އެހެން މުބާރާތެއް ވެސް ނޯވެއެވެ. ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު، ބަށި ރެކެޓެއްގައި ޝިހާމާ އަތްލީ މިދިޔަ މެއި މަހު، ގއ. ވިލިނގިލީގައި އޮތް ބަށި މުބާރާތެއްގަ ލއެވެ. އެރަށު ސިއްހީ މަރުކަޒުގެ ޓީމަށް ކުޅެން ލިބުނު ފުރުސަތުގައި ފުރަތަމަ ޝިހާމާ ބުނީ، "ބަށި ނުކުޅޭތާ މިހާރު ކޮން ދުވަހެއް." މިހެންނެވެ. އެކަން އެހެން އޮތް ނަމަވެސް އެ ޓީމުން ބޭނުންވީ ޝިހާމާ ގެންދާށެވެ. އެ މުބާރާތުގައި ޝިހާމާ ކުޅުނު ނަމަވެސް، ޓީމަށް މާ ދުރަަކަށް ނުދެވުނެވެ. އެހެން ނަމަވެސް ޝިހާމާގެ ކުޅުން ފާހަގަވިއެވެ. މުބާރާތުގެ އެންމެ މޮޅު 8 ކުޅުންތެރިންގެ ތެރޭގައި ހިމެނުނެވެ. 

މިހާރު އުމުރުން 43 އަހަރުވެފައިވާ ޝިހާމާ އަދިވެސް ބަށި ކުޅުމަށް ޝައުގުވެރިވެއެވެ. ކުރީގައި ކުޅުނު ޖޯޝުގައި ކުޅެ، ކާމިޔާބީ ހޯދުމަށް ވެސް ބޭނުންވެއެވެ. ނަމަވެސް އެކަމަށް ފުރުސަތު ނެތުމަކީ އޭނާގެ ކަންބޮޑުވާ ކަމެކެވެ. ގައުމީ ފެންވަރުގައި ކުޅުމުގެ ފުރުސަތު ނެތީ އެ ފެންވަރުގައި މުބާރާތްތައް ނޯންނާތީއެވެ. ރަށު ފެންވަރުގައި ނުކުޅެވެނީ އެކަމަށް ވެސް ފުރުސަތު ނެތުމުންނެވެ. ރަށުގައި މިހާރު ބަށި ކުޅޭނެ ބަށި ކޯޓެއް ވެސް ނޯވެއެވެ. 

އަދިވެސް ވަރަށް ބޮޑަށް އުންމީދު ކުރަން، ވާދަވެރި ގޮތެއްގަ ބަށި ކުޅެވޭނެ ކަމަށް. މިހާރު އެ ފުރުސަތު ނެތީ. ރަށުގައި ބަށި ކޯޓެއް ނޯވޭ، ބަށީގެ ގައުމީ ހައިސިއްޔަތު އުވާލުމާއެކު ރަށުގަ އޮތް ބަށި ކޯޓުވެސް ނެގީ. އެކަމާ ދެން ވަރަށް ދެރަވެސް ވޭ. ބަށީގެ ފޯރި މުޅިންހެން މިހާރު ގެއްލިފަ މިއޮތީ. އެކަމު އެ ޖޯޝާ ފޯރި އަލުން އަންނަތަން ވެސް ދެކެން ބޭނުންވޭ. ދެ އަހަރަކު ރަށުގަ، މިފަހުން މުބާރާތް ބޭއްވުމަށް މަސައްކަތް ވެސް ކުރިން. އެކަމު ކުރިއަށް ދެވޭނެ ގޮތެއް ނެތީ.
ޝިހާމާ
މިއަހަރު ގއ. ވިލިނގިލީގައި ބޭއްވި މުބާރާތެއްގައި ޝިހާމާ

ބަށި ކުޅުމުގައި މިހާރު ޝިހާމާއަށް ހާސިލްނުވާ ކާމިޔާބެއް ނެތެވެ. އަދިވެސް ބަށި ކުޅުމުގައި ދެމިހުންނަން ބޭނުންވާ މިންވަރަށް، ބަށި ކުޅޭނެ މޮޅެތި ޒުވާން ކުޅުންތެރިން އުފެދުމަކީވެސް ޝިހާމާ ކުރާ ވަރަށް ބޮޑު އުންމީދެކެވެ. ރަށުގައި ބަށި ކުޅޭނެ ފުރުސަތު މިހާރު ވެސް ލިބިއްޖެނަމަ، އަނެއްކާވެސް ބަށީގައި ފީއަލީގެ ނަން މުޅި ރާއްޖޭގައި ވިދައިގެން ދާނެ ކަމަށް ޝިހާމާ ޔަގީން ކުރެއެވެ. އަނެއްކޮޅުން ޒުވާން ކުޅުންތެރިން އުފެދޭނެކަން ވެސް ޔަގީނެވެ.

- ކޮމެންޓް