ކުޅިވަރަށް އޮތް ލޯބި އެންމެ ބޮޑަށް ގުޅިފައި ވަނީ ވޮލީ ބޯޅައާ އެވެ. ރަށު ފެންވަރުގައި ފެށި މަސައްކަތް، ޤައުމީ ފެންވަރުގައި ވެސް ވަނީ ކޮށްފަ އެވެ. ވޮލީ ކޯޗިންގެ ތެރެއަށް ނުކުތުމުގެ ކުރިން އަލީ ޒާހިރު އަކީ ފ.އަތޮޅުގައި ފާހަގަކޮށްލެވުނު ކުޅުންތެރިޔެކެވެ. އެންމެ ފުރަތަމަ ވޮލީ ކުޅެން ފެށީ 1989 ވަނަ އަހަރު އެވެ. އޭރު ވޮލީ ކުޅެމުން އައި ސްކޫލުގައި އުޅެމުންނެވެ. އެންމެ ފުރަތަމަ ވޮލީ މުބާރާތަކަށް ކުރިމަތިލީ 1995 ވަނަ އަހަރު އޮތް އަތޮޅު މުބާރާތުގަ އެވެ. އޭރު ކުޅުނީ ފީއަލީ އެކުވެރި ޒުވާނުންގެ ގުޅުން (ފެޒްގ) އަށެވެ. ސެޓަރެއްގެ ގޮތުގައި ކުޅެން ފެށި ނަމަވެސް، ސްޕައިކަރެއްގެ ގޮތުގައި ވެސް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
އަތޮޅުވެރިޔާގެ ވާދައިގެ ތައްޓަށް އޭރު ކުޅުނު މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެ އަހަރު ހޯދި އެވެ. އޭގެ އިތުރުން އެންމެ މޮޅު ސެޓަރުގެ މަގާމުން ފެށިގެން ގޮސް، އެންމެ މޮޅު ސާވަރ އަދި އެންމެ މޮޅު ސްޕައިކަރުގެ މަގާމު ވެސް ހޯދި އެވެ. އާންމު ގޮތެއްގައި ވޮލީ ކުޅެ އުޅުނީ ރަށު ފެންވަރުގައި އޮންނަ މުބާރާތްތަކުގަ އެވެ. އެ މުބާރާތްތަކުގައި އޭރު އަލީ ޒާހިރު އަކީ އެންމެ މޮޅު ކުޅުންތެރިޔާ އެވެ. ހަ އަހަރު ވަންދެން ރަށު ފެންވަރުގައި ފެޒްގ އިން ބޭއްވި މުބާރާތްތަކުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އެވެ. އެ ފަހުން މާލޭގައި އުޅުނު ދުވަސްވަރު ވެސް ވޮލީ ކުޅުމުގައި ދެމި ހުރި އެވެ. އޭރުގެ މަޝްހޫރު ކުޅުންތެރިންނާއެކު ދެ ވަނަ ޑިވިޝަންގެ ވޮލީ މުބާރާތުގައި ކުޅުނެވެ. ވޮލީ ލެޖެންޑް ސައްޔިދު އަލީ، ޤައުމީ އަންހެން ޓީމުގެ ކުރީގެ ކޯޗު އިބްރާހީމް ނިޒާރު (ބޮޑޭ) މެންފަދަ ވޮލީގެ މަޝްހޫރު ކުޅުންތެރިންނާއެކު ވޮލީގެ ތެރޭގައި އުޅުނެވެ.
އޭރު މާލޭގައި ކިޔަން އުޅުނު ދުވަސްވަރު ވެސް ވޮލީ ކުޅުނިން. ދެ ވަނަ ޑިވިޝަންގެ މުބާރާތް ވެސް ކުޅުނިން. ސައްޔިދު އަލީމެން، ނިޒާރުމެން، ކަހަލަ ކުޅުންތެރިންނާއެކު އޭރު ކުޅޭނީ. އޭރުން ފެށިގެން މިހާރު ވެސް ވޮލީ ކުޅުމުގައި އުޅެން.އަލީ ޒާހިރު
ރަސްމީ ގޮތެއްގައި ކުޅުން ހުއްޓާލުމަށް ފަހު ވޮލީ ކޯޗިންގެ ތެރެއަށް ވަނީ އެހެން ކުޅިވަރެއްގައި ކޯޗުގެ ގޮތުގައި މަސައްކަތް ކުރުމަށްފަހު އެވެ. ފީއަލީ ބަށި ޓީމުގެ ކޯޗެއްގެ ގޮތުގައި ކުރި މަސައްކަތުގެ ތެރެއިން އުފެދުނު ޝައުޤުވެރިކަމުގެ ސަބަބުން ވޮލީގެ ބޭސިކް ކޯޗިން ކޯހެެއް ފުރިހަމަ ކުރީ 2011 ވަނަ އަހަރު އެވެ. އެއަށްފަހު ރަށު ފެންވަރުގައި އޮންނަ މުބާރާތްތަކާއި، އަތޮޅު ފެންވަރުގައި އޮންނަ މުބާރާތްތަކުގައި އެކި އެކި ޓީމުތަކަށް ކޯޗުކަން ކޮށްދެ އެވެ. ގިނަ ކާމިޔާބީތަކެއް ވެސް ހޯދި އެވެ. ދެ އަހަރު ފަހުން، 2013 ވަނަ އަހަރު ވަނީ އިންޓަނޭޝަނަލް ވޮލީބޯލް ކޯޗިން ކޯހެއް ފުރިހަމަކޮށްފަ އެވެ. އެއަށްފަހު ދެން ފެށީ ވޮލީގެ ތެރެއަށް ޒުވާން ކުޅުންތެެރިން ނެރުމުގެ މަސައްކަތެވެ.
އެ މަސައްކަތުގައި ފ.އަތޮޅު މަދަރުސާގެ ކުދިންނަށް ވޮލީ ކޭމްޕުތައް ހިންގުމާއި، ފެޒްގ އަންހެން ވޮލީ ޓީމަށް ކޭމްޕުތައް ހިންގި އެވެ. ކޯސް ފުރިހަމަ ކުރުމަށްފަހު، ފެޒްގ އިން ބައިވެރިވާ މުބާރާތްތަކުގައި އެ ޓީމުގެ ކޯޗަކީ ވެސް އޭނާ އެވެ. އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރާތް ތައާރަފް ކުރުމާއެކު، ފ.އަތޮޅު މަދަރުސާގެ ކުދިން ގޮވައިގެން އެ މުބާރާތާ ކުރިމަތިލި އެވެ. ފުރަތަމަ ދެ އަހަރު ނާކާމިޔާބުވި އެވެ. ސެމީ ފައިނަލުން ބަލިވެ ކުރިއަށް ދެވޭ ގޮތެެއް ނުވި އެވެ.
ފުރަތަމަ ދެ ފަހަރު ބަލިވީ، އެއީ ސެމީ ފައިނަލާ ހަމައިން. އޭގެ ތެރެއިން އެއް އަހަރު (2017) ބަލިވީ ވިލާ އަތުން ސެމީ ފައިނަލްގައި. އެހެން ނަމަވެސް، އުންމީދުގައި އަނެއް އަހަރަށް ތައްޔާރުވީން. ނިސްބަތުން އެހެން ސްކޫލްތަކުގައި އޭރު ތިބެނީ ވެސް ވަރަށް މޮޅެތި ކުޅުންތެރިން.އަލީ ޒާހިރު
އިންޓަ ސްކޫލް މުބާރާތުގައި އެންމެ ފުރަތަމަ ތައްޓެއް ކާމިޔާބު ކުރެވުނީ 2018 ވަނަ އަހަރު އެވެ. 19 އަހަރުން ދަށުގެ އުމުރުފުރާއިން އެ އަހަރު ތަށި ހޯދީ ފައިނަލްގައި ޣާޒީ ސްކޫލްގެ މައްޗަށް ކުރި ހޯދައިގެންނެވެ. ޣާޒީ ސްކޫލް ޓީމުގައި ނިސްބަތުން މޮޅެތި ކުޅުންތެރިން ތިބި ނަމަވެސް، ފ.އަތޮޅު މަދަރުސާ އިން ތަށި އޭރު ހޯދީ އެންމެން "ސިއްސުވާލުމަށްފަހު" އެވެ. އެ ކާމިޔާބާއެކު ޖެހިގެން 2019 ވަނަ އަހަރު އޮތް މުބާރާތާ ކުރިމަތިލީ އައު ޓާގެޓުތަކާ އެކު އެވެ. ދުރާލާ މުބާރާތައް ތައްޔާރުވުންތައް ފެށީ ދެ އުމުރުފުރާއަކުން ހަތަރު ޓީމު ގޮވައިގެންނެވެ. އެއީ 16 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން، 14 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ހަތަރު ޓީމެވެ.
2019 ވަނަ އަހަރުގެ މުބާރާތަކީ ވޮލީ ކޯޗެއްގެ ގޮތުގައި އަލީ ޒާހިރުގެ އެންމެ ކާމިޔާބު މުބާރާތެވެ. ހަތަރު ޓީމު ވެސް އުމުރުފުރާތަކުގެ ފައިނަލްގައި ވާދަކުރި އެވެ. އޭގެ ތެރެއިން ގެއްލުނީ އެންމެ ތައްޓެކެވެ. އެއީ 16 އަހަރުން ދަށުގެ އަންހެން ތައްޓެވެ. 16 އަހަރުން ދަށުގެ ފިރިހެންް އަދި 14 އަހަރުން ދަށުގެ ފިރިހެން، އަންހެން ތަށި ކާމިޔާބު ކުރި އެވެ. ތިން އުމުރުފުރާގެ ވެސް އެންމެ މޮޅު ކޯޗަކަށް ހޮވުނީ އަލީ ޒާހިރު އެވެ. އެއީ މިހާތަނަށް ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީ އެވެ.
ދެހާސް ނަވާރަ ވަނަ އަހަރުގެ މުބާރާތް ވަރަށް ޚާއްސަ. ހަތަރު ޓީމާއެކު ގޮސް، ހަތަރު ފައިނަލް ކުޅުނުއިރު، އެންމެ ފައިނަލަކުން ބަލިވީ. ތިން ފައިނަލް ކާމިޔާބުކޮށް، ތިން ތަށި ހޯދިން. ދެން އެ ނޫނަސް ހުންނާނެ ރަށު ފެންވަރުގައި ވެސް އަދި އަތޮޅު ފެންވަރުގައި ވެސް ގިނަ ކާމިޔާބީތަކެއް. ފާހަގަކޮށްލެވޭ އެންމެ ބޮޑު ކާމިޔާބަކީ އެއީ ހަމަ.އަލީ ޒާހިރު
އޭގެ ފަހުން މިދިޔަ އަހަރު ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ބޭއްވި، ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕްގައި ފ.ބިލެތްދޫ ޓީމުގެ ކޯޗުގެ ގޮތުގައި މަސައްކަތް ކުރި އެވެ. އެ މުބާރާތުގައި ބިލެތްދޫ ފިރިހެން ޓީމުން ވަނީ ފައިނަލްގައި މަގުދޫ ބަލިކޮށް، ތަށި ކާމިޔާބުކޮށްފަ އެވެ. އަލީ ޒާހިރު ކޯޗުކޮށްދިން ބިލެތްދޫ އަންހެން ޓީމަށް ފައިނަލްގެ ޖާގަ ގެއްލުނީ އެންމެ ޕޮއިންޓެއް މެދުވުމުގެ ސަބަބުންނެވެ. އެ މުބާރާތުގެ ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ކޯޗަކީ އަލީ ޒާހިރު އެވެ.
ވޮލީ އަށް ހިތް އޮތް އަލީ ޒާހިރު މިހާރު އަނެއްކާ ވެސް ތައްޔާރުވާން ފަށަނީ މިއަހަރު އޮންނަ އިންޓަ ސްކޫލް މުބާރާތަށެވެ. ޒުވާން ކުދިންގެ މައްޗަަށް އެކުލެވޭނެ ފ.އަތޮޅު މަދަރުސާ އިން މިއަހަރުގެ މުބާރާތަށް ނިކުންނަނީ އަލީ ޒާހިރުގެ ބެލުމުގެ ދަށުންނެވެ. އަލީ ޒާހިރުގެ އުންމީދަކީ މިއަހަރުގެ މުބާރާތުގައި ވެސް ރަނގަޅު ކާމިޔާބެއް ހޯދުމެވެ. ހަތަރު އަހަރު ކުރީގެ ކާމިޔާބީ އަލުން ތަކުރާރު ކުުރުމެވެ.