ކ. މާލެ
|
22 ޖޫން 2023 | ބުރާސްފަތި 17:27
ރ. ދުވާފަރު ކައުންސިލް ބައްދަލުވުމެއްގެ ތެރެއިން
ރ. ދުވާފަރު ކައުންސިލް ބައްދަލުވުމެއްގެ ތެރެއިން
ދުވާފަރު ކައުންސިލުގެ ކޮރަޕްޝަން މައްސަލަ
ދުވާފަރު ކައުންސިލުގެ ކޮރަޕްޝަން މައްސަލަ: ދައުވާ ކުރުމުގެ ބަދަލުގައި ޕީޖީއާއެކު ނަސޭހަތުގެ އެއްބަސްވުމަކަށް
އެއްބަސްވުމުގެ ޝަރުތުތަކާ ޚިލާފުވެއްޖެނަމަ އެއްބަސްވުން ނިމުމަކަށް ގެނެސް، ކުށުގެ ދައުވާ އުފުލޭނެ

ރ. ދުވާފަރު ކައުންސިލުގެ ކޮރަޕްޝަން މައްސަލަގައި ދައުވާކުރުމުގެ ބަދަލުގައި ނަސޭހަތުގެ އެއްބަސްވުމެއް ހަދާފައިވާކަމަށް ޕީޖީ އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުން ބުނީ ރ. ދުވާފަރު ކައުންސިލުން ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ ޚިލާފަށް ކައުންސިލްގެ މެންބަރުންގެ ޕަރސަނަލް އެކައުންޓަށް ފައިސާ ޖަމާކުރުމާއި، ނަގުދު ފައިސާއިން އެއްވެސް ހުއްދައެއް އަދި ލިޔެކިޔުމެއް ނެތި ކައުންސިލަރުންނަށާއި، އ.ތ.މ ކޮމިޓީގެ މެންބަރުންނަށާއި، މުވައްޒަފުންނަށް ގިނަ ޢަދަދެއްގެ ފައިސާ ހަވާލުކޮށްފައިވާކަމަށް ތުހުމަތުކުރެވުނު މައްސަލާގައި، ދައުވާކުރުމުގެ ބަދަލުގައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 97 ވަނަ މާއްދާގެ ދަށުން ނަސޭހަތުގެ އެއްބަސްވުމެއް ހަދާފައިވާ ކަމަށެވެ.

މި މައްސަލައިގައި ތުހުމަތުކުރެވޭ މީހުންނަކީ:

  1. ރ. ކަނދޮޅުދޫ، ދޯރެންސީވިލާ، ހަސަން ހަކީމް
  2. ރ. ދުވާފަރު، ޒަމާނީގެ، އިޒްމީލް އަހުމަދު
  3. ރ. ކަނދޮޅުދޫ، ނިޔާމަ، ޒުހުދާ އާދަމް
  4. ރ. ކަނދޮޅުދޫ، ދިލްސާދުގެ، އާމިނަތު ސަލާހު
  5. ރ. ދުވާފަރު، ވިލެޖް، މުހައްމަދު ޝާމް
  6. ރ. ކަނދޮޅުދޫ، ހުސްނުހީނާގެ، މުހައްމަދު ނާސިހް
  7. ރ. ކަނދޮޅުދޫ، ރިހިތަޅާގެ، މުހައްމަދު އަލީ ފުޅު

ޕީޖީ އޮފީހުން ބުނީ މި މީހުން ތަހުގީގުގައި އިއުތިރާފުވެ، ޕީޖީ އޮފީހާއެކު ނަސޭހަތުގެ އެއްބަސްވުމެއް ހެދުމަށް އެދިފައިވާކަމަށާއި، މިކަމުގައި އެ އޮފީހުން ރިއާޔަތްކުރި ކަންކަމުގެ ތެރޭގައި؛ ތުހުމަތުކުރެވޭ މީހުންގެ ކުށުގެ ރެކޯޑާއި، މައްސަލާގައި ކަން ހިނގާފައިވާ ގޮތާއި، ކުށުގެ އަމަލުގައި ބައިވެރިވުން އޮތް މިންވަރާއި، ތުހުމަތުކުރެވޭ ފަރާތްތަކުން އަދާކުރަމުންދާ ޒިންމާތަކާއި، ދައުލަތަށް ޚިދުމަތް ކޮށްދީފައިވާ މުއްދަތާއި، ދައުލަތަށް ބަދަލު ލިބިފައިވުމާއި، މައްސަލާގައި ދައުވާއެއްކޮށް، ކުރިއަށް ގެންގޮސްފިނަމަ ކަނޑައެޅިދާނެ އަދަބު ހިމެނޭ ކަމަށެވެ.

މި އެއްބަސްވުމުގެ މުއްދަތުގައި އިތުރު ކުށެއް ނުކުރުމަށް ޝަރުތުކޮށް، އެއްބަސްވުމުގެ ޝަރުތުތަކާ ޚިލާފުވެއްޖެނަމަ އެއްބަސްވުން ނިމުމަކަށް ގެނެސް ކުށުގެ ދައުވާ އުފުލޭނެކަން މި އެއްބަސްވުމުގައި ބަޔާންކޮށްފައި ވާނެކަމަށްވެސް އެ އޮފީހުން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް