ކ. މާލެ
|
16 ޖޫން 2023 | ހުކުރު 13:20
ހުކުރު ނަމާދު
ހުކުރު ނަމާދު
ރާއްޖެއެމްވީ
ހައްޖު މަސް
ހައްޖުމަހުގެ ނުވަވަނަ ދުވަހުގެ ރޯދައަކީ ވޭތުވެދިޔަ އަހަރާއި އަންނާން އޮތް އަހަރުގެ ފާފަތައް ފުއްސަވާނެ ރޯދައެއް: ޚުތުބާ
ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހަކީ ދުނިޔެއަށް އަންނަ އެންމެ މާތް ދުވަސްތައް

ހައްޖުމަހުގެ ނުވަވަނަ ދުވަހުގެ ރޯދައަކީ ވޭތުވެދިޔަ އަހަރާއި އަންނާން އޮތް އަހަރުގެ ފާފަތައް ފުއްސަވާނެ ރޯދައެއް ކަމަށް ޚުތުބާގައި ބުނެފިއެވެ.

ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަސް މި މައުޟޫއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ޚުތުބާގައި ބުނީ ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހަކީ ދުނިޔެއަށް އަންނަ އެންމެ މާތް ދުވަސްތައް ކަމަށެވެ.

މި ދުވަސްތަކަކީ ދުނިޔެއަށް އަންނަ އެންމެ ހެޔޮ ދުވަސްތަކަށް ވުމުގެ ސަބަބެއް ކަމުގައި އިލްމުވެރިން ބަޔާން ކުރައްވަނީ އެންމެ މަތިވެރި ހެޔޮ އަމަލުތައް މި ދުވަސްތަކުގައި ޖަމާވެގެންދާތީ ކަމަށެވެ. އެގޮތުން ނަމާދާއި ރޯދައާއި ސަދަޤާތާއި ހައްޖުގެ މަތިވެރި އަޅުކަން ޖަމާވެގެން އަންނާތީ ކަމަށް ޚުތުބާގައިވެއެވެ. އެހެންކަމުން މި ދުވަސްތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށްޓަކައި ހެޔޮ އަމަލު ކުރުމަށް އަވަސްވެގަތުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.

އެންމެ ފުރަތަމަ ކަމަކަށް ތެދުވެރި އިހްލާސްތެރި ތައުބާއަކުން ތައުބާވެ ދުވަސްތައް ފެށުމަށް ޚުތުބާގައި ވަނީ ބުނެފައެވެ. ތައުބާވާ އަޅުންދެކެ މާތްﷲ ލޯބިވެ ވޮޑިގަންނަވާކަން ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ.

މި ދުވަސްތަކުގައި ކުރެވޭނެ ހެޔޮ އަމަލުތަކުގެ ތެރޭގައި ތަކްބީރާއި ތަސްބީހަ ކިޔައި މާތްﷲ ގެ މަތިން ހަނދުމަކުރުން ހިމެނެއެވެ. އެހެނީ ކީރިތި ޤުރުއާނުގައި މި ދުވަސްތައް ސިފަ ކުރައްވާފައިވަނީ ޒިކުރުކޮށް އުޅޭ ދުވަސްތަކެއްގެ ގޮތުގައެވެ.

މީގެއިތުރުން މި ދުވަސްތަކުގައި ގިނަގިނައިން ސަދަޤާތް ކުރުމަކީ ވެސް މަތިވެރި އަޅުކަމެކެވެ. ހައްޖު މަހުގެ މަތިވެރި ދުވަސްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށްޓަކައި މި ދުވަސްތަކުގައި ނުބައިކަންކަމާއި ދުރުހެލިވުމަކީ ވަރަށް މުހިންމު ކަމެކެވެ. ޚުތުބާގައި ބުނީ ހެޔޮ ކަންކަމަކީ މީހާއަށް މާތްﷲ ގެ ރަހްމަތާއި ނިއުމަތްތައް ލިބުމުގެ ސަބަބެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް