ކ. މާލެ
|
13 ޖޫން 2023 | އަންގާރަ 15:13
މަލޭގެ މަގުމަތި
މަލޭގެ މަގުމަތި
ރާއްޖެއެމްވީ
ކުޑަކުދިންގެ މައުލޫމާތު އާންމުކުރުން
ކުށުގެ ވެށީގައި ހިމެނޭ ކުދިންގެ މައުލޫމާތު އާންމު ކުރުމުގައި އަމަލުކުރާނެ އުސޫލު އާންމުކޮށްފި
މިފަދަ މައްސަލައެއްގައި ހިމެނޭ ކުއްޖެއްގެ މައުލޫމާތު އާންމުކުރަންވާނީ އެކުދިންގެ ކަރާމާތް ނުގެއްލޭގޮތަށް
ކުޑަކުދިންގެ މަޢުލޫމާތު އާންމުކުރެވޭނެ ހާލަތްތަކުގެ ތަފްސީލާއި މިންވަރު ބަޔާންކޮށްފައިވޭ

ކުށުގެ ތުހުމަތުގައިވާ ކުދިންނާއި، ކުށުގެ ޝިކާރައަކަށްވެފައިވާ ކުދިންނާއި، އެނޫންވެސް ސަބަބަކަށްޓަކައި އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުދިންގެ މަޢުލޫމާތު އާންމުކުރުމަށް ޗިލްޑްރަންސް އޮމްބަޑްސްޕަރސަން ހުއްދަކުރާ މިންވަރު ބަޔާންކުރާ އުސޫލު އާންމުކޮށްފިއެވެ.

ކުށުގެ ތުހުމަތުގައިވާ ކުދިންނާއި، ކުށުގެ ޝިކާރައަކަށްވެފައިވާ ކުދިންނާއި، އެނޫންވެސް ސަބަބަށްޓަކައި އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުދިންގެ މަޢުލޫމާތު، އެ ކުދިންގެ މަސްލަޙަތަށްޓަކައި، ހުއްދަކުރެވިގެންވާ ޙާލަތްތަކެއްގައި އަދި ލިޔުމުން ރެކޯޑު ކުރެވޭ ސަބަބުތަކަށްޓަކައި ޗިލްޑްރަންސް އޮމްބަޑްސްޕަރސަން ހުއްދަކުރާ މިންވަރެއް ޢާންމުކުރެވިދާނެކަމަށް ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު)ގެ 33 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން އެ މަޤްޞަދު ހާޞިލުކުރުމުގެ ގޮތުން "ކުށުގެ ތުހުމަތުގައިވާ ކުދިންނާއި، ކުށުގެ ޝިކާރައަކަށް ވެފައިވާ ކުދިންނާއި، އެނޫންވެސް ސަބަބަކަށްޓަކައި އަޅާލުމާއި ރައްކައުތެރިކަން ބޭނުންވާ ކުދިންގެ މަޢުލޫމާތު އާންމުކުރުމަށް ޗިލްޑްރަންސް އޮމްބަޑްސްޕަރސަން ހުއްދަކުރާ މިންވަރު ބަޔާންކުރާ އުސޫލު" ގެ ނަމުގައި އެ އޮފީހުގެ ފަރާތުން އުޞޫލެއް އެކުލަވާލައި 2023 ޖޫން 11 ވީ އާދިއްތަ ދުވަހު ދިވެހި ސަރުކާރުގެ ގެޒެޓުގައި ވަނީ ޝާއިޢުކޮށްފައެވެ.

މި އުސޫލު ޝާއިޢުކުރުމުގެ މަގުސަދަކީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާގޮތުގެ މަތީން، ކުޑަކުދިންގެ މަޢުލޫމާތު އާންމުކުރުމަށް ޗިލްޑްރަންސް އޮމްބަޑްސްޕަރސަން ހުއްދަކުރާ މިންވަރު ވަކި އުސޫލެއްގެ ދަށުން ކަނޑައެޅުމެވެ. މީގެއިތުރުން، މި އުސޫލުގެ މަގުސަދުތަކުގެ ތެރޭގައި، ކުށުގެ ތުހުމަތުގައިވާ ކުދިންނާއި ކުށުގެ ޝިކާރައަކަށްވެފައިވާ ކުދިންނާއި، އެނޫންވެސް ސަބަބަކަށްޓަކައި އަޅާލުމާއި ރައްކައުތެރިކަން ބޭނުންވާ ކުދިންގެ މަޢުލޫމާތު، ކުއްޖާގެ މަޞްލަޙަތަށްޓަކައި ހާމަކުރުމަށް ހުއްދަކުރެވިގެންވާ ހާލަތްތަކަކީ ކޮބައިކަން ބަޔާންކުރުމާއި، އެފަދަ ހާލަތެއްގައި އެކަށީގެންވާ މިންވަރަކަށް ކުއްޖާގެ މައުލޫމާތު ހާމަނުކުރުމުގެ ސަބަބުން ލިބިދާނެ ގެއްލުމަކުން ސަލާމަތްކުރުމާއި، ކުދިންގެ މަޢުލޫމާތު ކޮންމެހެން ހާމަކުރަންޖެހޭ ހާލަތްތަކުގައި އެ މަޢުލޫމާތު ހާމަކުރުމުގެ ސަބަބުން އެއްވެސް ބާވަތެއްގެ އަނިޔާއަކަށް އަދި ނުރައްކަލަށް ނުވަތަ ގޯނާއެއްކަމަށް ބެލެވޭ އެއްވެސް ކަމަކަށް އެކުދިން ހުށަހެޅުނަ ނުދިނުމަށް މަގުފަހިކުރުންވެސް ހިމެނެއެވެ.

ކުށުގެ ތުހުމަތުގައިވާ ކުދިންނާއި، ކުށުގެ ޝިކާރައަކަށްވެފައިވާ ކުދިންނާއި، އެނޫންވެސް ސަބަބަކަށްޓަކައި އަޅައިލުމާއި ރައްކައުތެރިކަން ބޭނުންވާ ކުދިންގެ މަޢުލޫމާތެއް ނުވަތަ ތަސްވީރެއް އެއްވެސް ފަރާތަކުން މީޑިއާއެއްގައި ނުވަތަ އެނޫން އެހެން އެއްވެސް ވަސީލަތެއްގައި އާންމުކުރަންވާނީ، އެކުދިންގެ ކަރާމާތަށާއި މަޞްލަޙަތަށް އުނިކަން ނާންނާނެގޮތަށް އަދި އެ ހާލަތަކަށް އެކަށީގެންވާ އެންމެ ކުޑަ މިންވަރަކަށް ކަމަށް މި އުސޫލުގައި ބަޔާންކޮށްފައިވެއެވެ. އަދި، އެފަދަ ކުދިންގެ މަޢުލޫމާތެއް ނުވަތަ ތަސްވީރެއް މީޑިއާއެއްގައި ނުވަތަ އެނޫންވެސް ވަސީލަތެއްގައި އާންމުކުރުމުގައި ހިފަހައްޓަންޖެހޭ މިންގަނޑު މި އުސޫލުގައި ހިމަނާފައި ވެއެވެ. މީގެއިތުރުން މި އުސޫލުގައި ކުޑަކުދިންގެ މަޢުލޫމާތު އާންމުކުރެވޭނެ ހާލަތްތަކުގެ ތަފްސީލާއި، ކުޑަކުދިންގެ މަޢުލޫމާތު އާންމުކުރެވޭނެ މިންވަރާއިގުޅޭ މައުލޫމާތު ހިމެނިފައިވެއެވެ.

މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އިދާރާއަކުން ކުއްޖެއްގެ މަޢުލޫމާތެއް އާންމުކޮށްފިނަމަ، އެ މަޢުލޫމާތެއް އާންމުކުރި މިންވަރާއި އާންމުކުރި ސަބަބު، މަޢުލޫމާތު އާންމުކުރި އިދާރާއެއްގައި ރިކޯޑުކުރަންވާނެއެވެ. އަދި މި އުސޫލުގައި ބަޔާންކޮށްފައިވާ މިންވަރާ ޚިލާފަށް އެއްވެސް މީޑިއާއަކުން ޚަބަރާއި މައުލޫމާތު ފޯރުކޮށްދިނުމުގައާއި، ސަރުކާރުގެ މުއައްސަސާއެއްގެ ރަސްމީ މީސްމީޑިއާގެ މަންސައެއްގައި ނުވަތަ އާންމު ފަރާތަކުން މި އުސޫލާއި ޚިލާފަށް ކުޑަކުއްޖެއްގެ މަޢުލޫމާތެއް އާންމުކޮށްފިކަން ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުގެ ސަމާލުކަމަށް އަތުވެއްޖެނަމަ، އެފަރާތްތަކަށް މި އުސޫލުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކުގެ ދަށުން ފިޔަވަޅުއެޅޭނެކަމަށް ޗިލްޑްރަންސް އޮމްބަޑްސްޕާސަން އޮފީހުން ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް