ފުޓުބޯޅަ ކުޅުންތެރިންނާއި، އެހެނިހެން ވެސް ދުނިޔޭގައި ސަމާލުކަން ހޯދަމުން އަންނަ ފަރާތްތަކުގެ ކިބައިން ކިރިޔާ ވެސް ކަމެއް ފެނިއްޖެނަމަ، އެ ވާހަކަ ދުނިޔޭގެ މީޑިއާތަކަށް އަރާނެ އެވެ. ފުޓުބޯޅައިގެ ތެރެއަށް ބަލާއިރު، އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އަކީ އެކަހަލަ ޝަޚުސިއްޔަތެކެވެ. ކިރިޔާ ކަމެއް ހިނގާއިރަށް، މީޑިއާތަކަށް އެ ވާހަކަ އަރާނެ އެވެ.
ހޯމަ ދުވަހު ދުނިޔޭގެ ގިނަ މީޑިއާތަކުގައި އޮތީ ނުބައި ޕާސްޕޯޓެއް ހިފައިގެން މެސީ ދަތުރު ކުރުމުން އޭނާ ހުއްޓުވި ކަމަށް ބުނާ ވާހަކަ އެވެ. އެ މަންޒަރު ފެންނަ ފޮޓޯތައް ވެސް ކޮންމެ ވެސް ވަރަކަށް ދަނީ ދައުރުވަމުންނެވެ. މެސީ ހުއްޓުވި ކަމަށް ބުނެފައި ވަނީ ޗައިނަ އެއާޕޯޓުންނެވެ. އެއީ އޮސްޓްރޭލިޔާއާ ދެކޮޅަށް ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގެ މެޗެއް ކުޅުމަށް އާޖެންޓީނާ އިން ޗައިނާގެ ބެއިޖިން އަށް ކުރި ދަތުރުގަ އެވެ. ބުރާސްފަތި ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އެ މެޗަށް މެސީ ޗައިނާ އަށް ދިޔުމުން، އޭނާ ހުއްޓުވާފައި ވަނީ ބޯޑަރު އޮފިޝަލުން ކަމަށް ވަނީ ބުނެފަ އެވެ. ސަބަބަކީ މެސީ ބޭނުން ކުރަމުން ދިޔަ ޕާސްޕޯޓާ މެދު އެމީހުން ހިތްހަމަ ނުޖެހިގެންނެވެ. ޗައިނާގެ މީޑިއާތަކުން ބުނާ ގޮތުގައި މި މައްސަލަ ދިމާވީ އާޖެންޓީނާގެ ޕާސްޕޯޓުގެ ބަދަލުގައި މެސީ އޭނާގެ ސްޕެނިޝް ޕާސްޕޯޓް ހިފައިގެން ދަތުރުކުރުމުންނެވެ.
އުމުރުން 35 އަހަރުގެ ކުޅުންތެރިޔާ ސްޕެއިންގެ ޕާސްޕޯޓު ބޭނުންކުރީ ޓައިވާނަކީ ޗައިނާގެ ބައެއް ކަމަށް ހީކުރެވިގެން ކަމަށް ބެލެވޭ އިރު، އޭނާ ބޯޑަރު އޮފިޝަލުންނާ ސުވާލުކުރާ އަޑު އިވުނު ކަމަށް މީޑިއާ ތަކުން ބުނެ އެވެ. އެގޮތުން "ޓައިވާން އަކީ ޗައިނާ ނޫންތޯ؟" މިފަދައިން މެސީ ބުނާ އަޑު އިވުނު ކަމަށް ވަނީ ރިޕޯޓުކޮށްފަ އެވެ. އޭނާގެ އަތުގައި އާޖެންޓީނާގެ ޕާސްޕޯޓު ނެތްކަން ބޯޑަރު އޮފިޝަލުންނަށް އެންގުމުން، ހަތް ފަހަރު ބެލެންޑިއޯ އެވޯޑު ވެސް ކާމިޔާބުކުރި ކުޅުންތެރިޔާ އަށް ވިސާ ދޭން ދެ ގަޑިއިރު ނެގި ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ޕާސްޕޯޓުގެ މި މައްސަލަ ދިމާވި ނަމަވެސް، ޗައިނާގައި މެޗު ކުޅުމުގެ ފުރުސަތު މެސީ އަށް ވަނީ ލިބިފަ އެވެ. މީގެ ކުރިން 2008 ވަނަ އަހަރު މެސީ ވަނީ، ބެއިޖިންގައި އާޖެންޓީނާއާ އެކު އޮލިމްޕިކް ރަން މެޑަލް ހޯދައިފަ އެވެ.