Advertisement
ކ. މާލެ
|
9 ޖޫން 2023 | ހުކުރު 13:05
މިސްކިތުގައި ބަޔަކު ހުކުރު ޚުތުބާ އަޑު އަހަނީ
މިސްކިތުގައި ބަޔަކު ހުކުރު ޚުތުބާ އަޑު އަހަނީ
މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް
ހުކުރު ޚުތުބާ
ތައުބާވުން ލަސްކޮށްގެން ސަލާމަތްތެރިކަން ނުލިބޭނެ: ޚުތުބާ
ތެދުވެރި މުއުމިނަކީ އޭނާއަށް ކުރެވޭ ކުށްތަކުގެ މަތީގައި ދެމި ހުންނާނެ މީހެއް ނޫން
އާދަމުދަރިޔާގެ ވަށައިގެން އެތައް ދުޝްމަނުންތަކެއްވޭ
ތައުބާވާމީހާ އޭނާގެ ހިތުގެ އަޑިން ﷲގެ ފުއްސެވުމަށް އެދެންޖެހޭނެ

ގިނަގިނައިން ތައުބާވާންޖެހޭ ކަމަށާއި، ތައުބާވުން ލަސްކޮށްގެން ސަލާމަތްތެރިކަން ނުލިބޭނެ ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

''ތައުބާގެ އަހައްމިއްޔަތާއި އޭގެ ދައުރު'' މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ އިންސާނާ، އޭނާގެ އިއްޔެއަށްވުރެ އޭނާގެ މިއަދު ހެޔޮ ދުވަހަކަށް ހެދުމަށް ގަދައަޅައި މަސައްކަތް ކުރާނެ ކަމަށާއި، މިއަދަށްވުރެ މާދަމާގެ ހެޔޮކަން އިތުރުކުރުމަށް ދަހިވެތިވާނެ ކަމަށެވެ.

Advertisement

ޚުތުބާގައި ބުނީ މީހެއްގެ ހިތުގައި މާތްﷲ އަށް ބިރުވެތިވުން އަށަގެންފައިވާނަމަ އޭނާ އެކަލާނގެ މަނާކުރައްވާފައިވާ ކަމަކަށް އަރައެއް ނުގަންނާނެ ކަމަށެވެ. އަދި ތައުބާވުން ލަސްކުރުމަކީ ޝައިތާނާގެ ވަސްވާހުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އަދި ތިބާގެ ކުރިމަތީގައި އަދި ވަގުތު އެބައޮތް ކަމަށް ވިސްނައިދޭ ކަމަށާއި، ބައެއް ފަހަރު ޝައިތާނާ ވަސްވާސްދީ މާޔޫސް ވެސް ކޮށްލާކަމަށެވެ. ނަމަވެސް މާތްﷲ ގެ ރަހުމަތުން އުންމީދު ކަނޑާލައިގެން ނުވާނެ ކަމަށާއި، ފާފައެއް ކުރެވޭއިރު އެކަމަކަށް ދެރަވެ، މާތްﷲ ގެ މަގަށް އެނބުރި ރުޖޫއަވެ ތައުބާވުމަށް ޚުތުބާގައި ގޮވާލާފައިވެއެވެ.

ކީރިތި ޤުރުއާނުގައި ބަޔާން ކުރައްވާފައިވާ ގޮތުގައި ތެދުވެރި މުއުމިނަކީ އޭނާއަށް ކުރެވޭ ކުށްތަކުގެ މަތީގައި ދެމި ހުންނާނެ މީހެއް ނޫންކަން ފާހަގަކޮށް ޚުތުބާގައި ބުނީ ތިން ކަމަކަށް ކޮންމެ މުސްލިމެއްގެ މައްޗަށް ވެސް ތައުބާވުން ވާޖިބުވެގެންވާ ކަމަށެވެ.

ފުރަތަމަ ކަމަކީ މާތްﷲ ގެ އުގޫބާތުން ރައްކާތެރި ވުމަށްޓަކައި ތައުބާވުމެވެ. ދެވަނަ ކަމަކީ އޭނާގެ އަމަލުތައް މާތްﷲ ގަބޫލުކުރައްވަވާ އަމަލުތަކަކަށް ހެދުމަށްޓަކައި ތައުބާވުމެވެ. އެހެނީ ކުށްފާފަތަކަށް އަރައިގަނެގެން ހުރެ ކުރާ އަމަލުތައް މާތް ﷲ ގަބޫލެއް ނުކުރައްވާނެތެވެ. މާތް ﷲ ވަހީކުރައްވާފައިވެއެވެ. މާނައީ: ﷲ ގަބޫލުކުރައްވާކަން ކަށަވަރީ ތަގްވާވެރިންގެ ކިބައިންނެވެ. ތިންވަނަ ކަމަކީ ސާލިހު އަމަލުތައް ކުރުމުގައި ހެޔޮ ތައުފީގު ލިބިގެންވާ މީހަކަށްވުމަށްޓަކައި ތައުބާވުމެވެ.
ހުކުރު ޚުތުބާ

ޚުތުބާގައި ބުނީ އާދަމުދަރިޔާގެ ވަށައިގެން އެތައް ދުޝްމަނުންތަކެއްވާ ކަމަށާއި، މި ދުޝްމަނުން ހަޑިހުތުރު އަމަލުތައް ޒީނާތްތެރިކޮށްދޭ ކަމަށެވެ. އަދި ރިވެތި އަމަލުތައް ހުތުރުކޮށްދޭއިރު، ނުބައިވެގެންވާ އަމަލުތަކަށް ދަލުގައި ޖައްސަން މަސައްކަތް ކުރާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. މި ފަދަ ދަޅަތަކަށް ހެލުންތެރިވެގެން އުޚްރަވީ ހަޔާތް ކާމިޔާބެއް ނުކުރެވޭނެ ކަމަށާއި، ތައުބާވުން ލަސްކޮށްގެން ސަލާމަތްތެރިކަން ނުލިބޭނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ ތައުބާވާމީހާ އޭނާގެ ހިތުގެ އަޑިން ﷲގެ ފުއްސެވުމަށް އެދެންޖެހޭނެ ކަމަށާއި، އަދި އެ ފާފަތަކަށް އެނބުރި ނުދިޔުމަށް އަޒުމް ކަނޑައަޅަންޖެހޭ ކަމަށެވެ. އަދި ތެދުވެރި އަޒުމަކާ އިހްލާސްތެރި ތައުބާއަކާއެކު ކުރިމަތިލިާނަމަ ތިބާގެ ހިތަށް މާތް ﷲ ހިތްހަމަޖެހުން ވައްދަވާނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އޭރުން ތިބާގެ ކުރިމަތީގައި އުންމީދުގެ ދޮރުތައް މާތް ﷲ ހުޅުއްވައި ދެއްވާނެ ކަމަށާއި، އޭރުން ތިބާގެ ނަފްސަށް އަލުން އިތުބާރު ލިބޭނެ ކަމަށެވެ. އަދި ތިބާއަށް ސީދާވެގެންވާ މިސްރާބު ހިފި، ތިބާއަށް އަމާންކަމާއެކު މިދުނިޔޭގައި ދަތުރުކޮށް އުޚްރަވީ މަންޒިލަށް ދެވޭނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް