ކ. މާލެ
|
8 ޖޫން 2023 | ބުރާސްފަތި 11:59
އުއްތަމަފަނޑިޔާރު ޑރ މުއުތަސިމް އަދުނާން
އުއްތަމަފަނޑިޔާރު ޑރ މުއުތަސިމް އަދުނާން
ރާއްޖެއެމްވީ
ފަނޑިޔާރުންގެ ސުލޫކު
ފެންނަ ތަނުގައިވެސް، ނުފެންނަ ތަނުގައިވެސް ފަނޑިޔާރުންގެ ސުލޫކު ހިފަހައްޓަންވާނެ: އުއްތަމަފަނޑިޔާރު
އުއްތަމަފަނޑިޔާރު ވިދާޅުވީ، ފަނޑިޔާރުކަމަކީ ނުހަނު ބޮޑު މަސްއޫލިއްޔަތެއް ކަމަށް
ފަނޑިޔާރުން ހިމާޔަތް ކުރަންޖެހޭ އެންމެ ބޮޑު އެއް މަސްލަޙަތަކީ ދިވެހި ދައުލަތުގެ މަސްލަޙަތު
ޖުޑީޝަރީއަށްވެސް ގިނަ ބަދަލުތަކެއް ގެންނަންޖެހޭކަން ފާހަގަ ކުރެއްވި

ފެންނަ ތަނުގައިވެސް، ނުފެންނަ ތަނުގައިވެސް ފަނޑިޔާރުންގެ ސުލޫކު ހިފަހައްޓަންވާނެކަމަށް އުއްތަމަފަނޑިޔާރު ޑރ މުއުތަސިމް އަދުނާން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެހެން ވިދާޅުވީ ކޯޓުތަަކަށް އަލަށް އައްޔަނު ކުރެއްވި ބައެއް ފަނޑިޔާރުން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އުއްތަމަފަނޑިޔާރު ވަނީ އަލަށް ހުވާކުރެއްވި ފަނޑިޔާރުންނަށް މަރުޙަބާ ވިދާޅުވެފައެވެ.

މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި އުއްތަމަފަނޑިޔާރު ވިދާޅުވީ، ފަނޑިޔާރުކަމަކީ ނުހަނު ބޮޑު މަސްއޫލިއްޔަތެއް ކަމަށެވެ.

ފަނޑިޔާރުންނަކީ އިހުސާންތެރި ބަޔަކަށް ވާންޖެހޭކަން ފާހަގަ ކުރައްވައި އުއްތަމަފަނޑިޔާރު އިތުރަށް ވިދާޅުވީ، ފަނޑިޔާރުންނަކީ ރުޅިގަދަ ބަޔަކަށް ވެގެން ނުވާނެ ކަމަށެވެ. އެކަމުގެ ފަހަތުގައި ގިނަ ސަބަބުތަކެއްވެސް ވާކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ފަނޑިޔާރުން ވާން ޖެހޭނީ ވަކީލުންނާއި ޚަސްމުންނަށް އިހުތިރާމާއެކު ވާހަކަ ދައްކަވާ، އިހުތިރާމާއެކު މުޚާތަބު ކުރައްވާ ބަޔަކަށް
އުއްތަމަފަނޑިޔާރު ޑރ މުއުތަސިމް އަދުނާން

ފަނޑިޔާރުން ހިމާޔަތް ކުރަންޖެހޭ އެންމެ ބޮޑު އެއް މަސްލަޙަތަކީ ދިވެހި ދައުލަތުގެ މަސްލަޙަތުކަން ފާހަގަ ކުރައްވައި އެމަނިކުފާނު އިތުރަށް ވިދާޅުވީ، އެކަން ކުރެވޭނީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބުނާ ކަންކަން ފުރިހަމައަށް އަދާކޮށްގެން ކަމަށެވެ.

ދިވެހި ދައުލަތުގެ މަސްލަޙަތަކީ ހަމައެކަނި އެ ފަނޑިޔާރަކު ޤަބޫލު ކުރައްވާ މަސްލަޙަތެއްވެސް ނޫންކަމަށް އުއްތަމަފަނޑިޔާރު ވިދާޅުވިއެވެ. އޭގެ ތެރޭގައި ދިވެހި މުޖުތަަމައު ހިއްސާކުރާ އަހުލާޤިއްޔަތާއި މަސްއޫލިއްޔަތުވެސް ހިމެނޭކަމަށް ވިދާޅުވިއެވެ.

ފަނޑިޔާރުންގެ އަހުލާޤާއި ސުލޫކު ފެންނަ ތަނުގައިވެސް، ނުފެންނަ ތަނުގައިވެސް ހިފަހައްޓަން ޖެހޭނެކަމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން، ޖުޑީޝަރީއަށްވެސް ގިނަ ބަދަލުތަކެއް ގެންނަންޖެހޭކަން ފާހަގަ ކުރައްވައި އުއްތަމަފަނޑިޔާރު އިތުރަށް ވިދާޅުވީ، މައްސަލަަތައް އެކަށީގެންވާ އަވަސް ނިޒާމެއްގައި ކުރިއަށް ގެންދިއުމަށް ބޭނުންވަނީ ހަމައެކަނި ފަނޑިޔާރުންގެ އަދަދު އިތުރު ކުރުމެއް ނޫންކަމަށެވެ.

އޭގެ ބަދަލުގައި އިތުރު ނިޒާމުތައް ހޯދަންޖެހޭކަަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ފަނޑިޔާރުންގެ ޒިންމާއަކީ ހަމައެކަނި ޙުކުމެއް ކުރުން ނޫން ކަމަށާއި، އަދުލުވެރިކަމާއެކު އިންސާފުން ޙުކުމް ކުރުމަކީ ފަނޑިޔާރުންގެ ހަގީގީ ޒިންމާ ކަމަށްވެސް އުއްތަމަފަނޑިޔާރު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް