ކ. މާލެ
|
6 ޖޫން 2023 | އަންގާރަ 20:56
ވަކިވެ ހިނގައްޖެ، ފައިސާއިން ކުރެވޭނީ ދެން ކޮން ކަމެއް؟
އިންޑިއާ ރެއިލް އެކްސިޑެންޓް
ވަކިވެ ހިނގައްޖެ، ފައިސާއިން ކުރެވޭނީ ދެން ކޮން ކަމެއް؟
ޒަޚަމްވީ މީހުންގެ ޢަދަދު، ގާތްގަނޑަކަށް 1200 އަށް އަރައި
ރޭލު، މައި ދަގަނޑުން ހަވާސާވެ، އަރިމަތީގައި ރޭލުތައް ޕާކު ކުރަން އޮންނަ ދަގަނޑަށް އެރީ ގަޑިއަކު 128 ކިލޯމީޓަރު ބާރުމިނުގައި

ޢުމުރުން އެންމެ 20 އަހަރުގެ ބިޖޭ ލަކްޝްމީ، ޒަވާޖީ ހަޔާތުގެ ދަތުރު ފެށިތާ އަދި މި ވީ އަހަރެއްހާ ދުވަހެވެ. ދިރިއުޅުމުގައި ފޮނި ހުވަފެންތަކެއް ދެކެމުން ދިޔަ ބިޖޭ ލަކްޝްމީ މަންމައަކަށް ވީ މިދިޔަ އޭޕްރިލް މަހުގެ ތެރޭގައެވެ. އަންހެން ދަރިއެއްގެ މަޔަކަށް ވެ، ބޮޑު އަންހެނެއްގެ މައްސޫލިއްޔަތުތައް އުފުލަން ފެށިއެވެ.

ބިޖޭ ލަކްޝްމީ ބަލިވެ އުޅޭތާ މިހާރު ހަފުތާތަކެއް ފާއިތުވެ ހިނގައްޖެއެވެ. ބިޖޭ ލަކްޝްމީގެ ފިރިމީހާ، ގޯބިންދު ޗަރަން ސާހު މަސައްކަތް ކުރަނީ، އިންޑިއާގެ އިރުމަތީ ސިޓީއެއް ކަމަށްވާ ކަލްކަޓާގައެވެ. އަދާ ކުރަނީ ނަރުދަމާ ނިޒާމުގެ މަސައްކަތްތަކެވެ. ޢުމުރުން 27 އަހަރުގެ އެ ޒުވާނާ ދަތުރު ކުރަމުން ދިޔައީ ބިޖޭ ލަކްޝްމީ ގާތަށެވެ. ވިހޭ ދުވަސްވަރު ފެނުނު ގޮތަށް ލޮލުން ނުދެކި އޮތް، އޭނާގެ 2 މަހުގެ ދަރިފުޅުގެ ގާތަށެވެ. ނަމަވެސް، ތަޤުރީރުގައި އޮތީ އެހެން ވާހަކައެކެވެ.

ޖޫން 2 ވީ، ހުކުރު ދުވަހުގެ އިރު އޮއްސި 07:00 ޖަހާއެހާ އިރެވެ. އޮރިއްސާ ސްޓޭޓްގައި ފަސެންޖަރުން އުފުލާ ރޭލެއް، ހުއްޓާފައި އޮތް މުދާ އުފުލާ ރޭލެއްގައި ޖެހި، ދަގަނޑުމަތިން ކަހާލައިގެން ގޮސް، ކުރިމަތިން އައި ފަސެންޖަރުން އުފުލާ އިތުރު ރޭލެއްގައި ޖެހި، މި ފަހުގެ ތާރީޚުގައި އިންޑިއާ ދުށް އެންމެ ނުރައްކާތެރި އެއް ރޭލު އެކްސިޑެންޓް ހިނގިއެވެ.

ހޯމަ ދުވަހަށް އަލިވިލުނު އިރު މަރުވި މީހުންގެ ޢަދަދަކީ 275 އެވެ. ޒަޚަމްވީ މީހުންގެ ޢަދަދު، ގާތްގަނޑަކަށް 1200 އަށް އަރައެވެ. ސާހު ހިމެނުނީ މަރުވި މީހުންގެ ލިސްޓުގައެވެ.

ލިބުނު ޝޮކާއިއެކު، ޙާދިޘާގެ ޙަޤީޤަތް ޤަބޫލު ކުރުމަށް ބިޖޭ ލަކްޝްމީއަށް އަދިވެސް ދައްޗެވެ. ފިރިމީހާގެ ކުއްލި މަރާ ގުޅިގެން ބަދަލުގައި ލިބޭ ފައިސާގެ ކަންކަން ހަމަޖެއްސުމަށްޓަކާ ފުރިހަމަ ކުރަން ޖެހޭ ލިޔެކިއުންތަކުގެ މަސައްކަތް ކުރިޔަށް ދިޔަ އިރު، ގަބުކައިފައޭ ބުނާ ފަދައިން ބިޖޭ ލަކްޝްމީއަށް ހަމަ އިނދެވެނީއެވެ. ލޮލަށް ޖަމާވާ ކަރުނަތައް، ކޯތާފަތްމަތިން ފައިބައިގެންދެއެވެ.

މައިދައިތަ، ސަވިތުރީ ސަހޫ ބުނި ގޮތުގައި ބިޖޭ ލަކްޝްމީ އަދިވެސް އިނީ ޝޮކެއްގައެވެ. ފިރިމީހާގެ މަރުގެ ޚަބަރު ލިބުނު ފަހުން ކެއުމެއް، ބުއިމެއް ނެތެވެ.

ބިޖޭ ލަކްޝްމީ އިނީ ވާހަކަދެއްކޭ ފަދަ ހާލެއްގަ ނޫން. އެހާ ބޮޑު ކާރިޘާއަކަށް ފަހު، އޭނަ އިނީ ވަރަށް ހާލުގަ. އެކައްޗެއްވެސް ނުކައި. އެއްވެސް އެއްޗެއް ނުބޮއެ. ފެން ފޮދެއް ހާ ހިސާބުވެސް ނުބޮއެ. މީ ވަރަށް ހިތްދަތި ވަޤުތެއް. ވަރަށް ބޮޑު ހިތާމައެއް. ވަރަށް ވޭން އަޅާ. ބިޖޭ ލަކްޝްމީ ކައިވެނި ކުރިތާ އަދި ކިރިޔާ އަހެރެއްހާ ދުވަސް މިވީ
ސަވިތުރީ ސާހު؛ ރޭލު އެކްސިޑެންޓްގައި މަރުވި ޒުވާނެއްގެ މަންމަ

އިންޑިއާގެ ރޭލު ދަތުރުފަތުރާ ބެހޭ އިދާރާއިން ދަނީ، ހުކުރު ދުވަހުގެ ހާދިޘާގައި ފުރާނަ ގެއްލި ދިޔަ ކޮންމެ މީހެއްގެ ޢާއިލާއަށް، މާލީ ބަދަލުގެ ގޮތުގައި 1 މިލިއަން އިންޑިއަން ރުޕީޒް، ނުވަތަ 12000 އެމެރިކާ ޑޮލަރު ހަމަޖައްސާދެމުންނެވެ. ބިޖޭ ލަކްޝްމީގެ ބަފާބެގެ މަޤާމުގައި ހުރި ރާމް ޗަރަން ސާހުއަށް، އެ ފައިސާގެ ބޭނުމެއް ނެތެވެ.

އަހަރެންގެ ސިކުނޑި ތެރޭގަ އެނބުރޭހާ ކަންކަން... އަހަރެންގެ ފިރިހެން ދަރިފުޅު މަރުވީއޭ އެ... ފައިސާއިން އަހަރަމެން ކީއްހޭ ކުރާނީ... މިއަދު ފައިސާ އެބަހުރި، މާދަމާ ފޮނުވާނެ. އެކަމަކު، އަހަރެންގެ ދަރިފުޅު ވަކިވެ ހިނގައްޖެ. އަހަރެންގެ ކަނާތް ބުރިކޮށްލި ކަހަލަ. ކަންބޮޑުވާން ޖެހޭ ކަންކަން ވަރަށް ގިނަ. އަހަރެންގެ ދެމަހުގެ ކާފަ ދަރިފުޅާ މެދު ވަރަށް ވިސްނޭ އެބަ
ރާމް ޗަރަން ސާހު؛ ރޭލު އެކްސިޑެންޓްގައި މަރުވި ޒުވާނެއްގެ ބައްޕަ

މިހާތަނަށް ކުރިއަށް ގެންދިޔަ ތަޙުޤީޤުތަކުން އެނގިފައިވާ ގޮތުގައި، ކަލްކަޓާއިން ފުރައިގެން ދެކުނަށް ވާ ގޮތަށް ޗެންނާއީ އަށް ދުއްވަމުން ދިޔަ ކޯރޯމަންޑެލް އެކްސްޕްރެސްގެ ރޭލު، މައި ދަގަނޑުން ހަވާސާވެ، އަރިމަތީގައި ރޭލުތައް ޕާކު ކުރަން އޮންނަ ދަގަނޑަށް އެރީ ގަޑިއަކު 128 ކިލޯމީޓަރު (ގަޑިއަކު 80 މޭލު) ބާރުމިނުގައެވެ. އެރި ގޮތަށް، ހުއްޓާފައި އޮތް ކާގޯ ރޭލުގައި ޖެހުނީއެވެ.

ކާގޯ ރޭލުގައި ޖެހުމުގެ ސަބަބުން، ކޯރޯމަންޑެލް ރޭލުގެ އިންޖީނު ގެގަނޑާއި އިތުރު 4 ނުވަތަ 5 ބައެއް، ރޭލު ދަގަނޑުމަތިން ކަހާލައިގެން ގޮސް، ޔިޝްވަންތުޕޫރު-ހޯވްރާ ރޭލުގެ ފަހަތު 2 ބައިގައި ޖެހުނެވެ. ޔިޝްވަންތުޕޫރު-ހޯވްރާގެ ރޭލު ދަތުރު ކުރަމުން ދިޔައީ ރޭލުތައް ދަތުރު ކުރަން އޮންނަ މައިގަނޑު ދަގަނޑުތަކުގެ ތެރެއިން 2 ވަނަ މަގުން، ކޯރޯމަންޑެލްގެ ރޭލާ އިދިކޮޅަށް، ގަޑިއަކު 126 ކިލޯމީޓަރު ބާރު މިނުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް