މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް)އަށް 2022 ވަނަ އަހަރު ސާފު ފައިދާގެގޮތުގައި ޖުމްލަ 108.9 މިލިއަން ރުފިޔާ ލިބިފައިވާކަމަށާއި، މިއީ 2021 އަޅައިބަލާއިރު 43 އިންސައްތަގެ ކުރިއެރުމެއް ކަމަށް އެކުންފުނިން ބުނެފިއެވެ.
ބުދަ ދުވަހުގެ ރޭ އެމްޕީއެލްގެ 2022 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާ ވަނީ ބާއްވާފައެވެ.
އަހަރީ އާއްމު ޖަލްސާގައި މިނިސްޓްރީ އޮފް ފިނޭންސް ތަމްސީލުކުރެއްވީ އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަނަސް އަބްދުއްސައްތާރެވެ. މީގެ އިތުރުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ވައިސް ޕްރެޒިޑެންޓް މުހައްމަދު ފިރާޒާއި އޮޑިޓަރ ޖެނަރަލްގެ އޮފީހާއި އަދި ކުންފުނީގެ އެކްސްޓަރނަލް އޮޑިޓަރ ކޭޕީއެމްޖީގެ މަންދޫބުންވެސް ބައިވެރިވެވަޑައިގަތެވެ.
މި ޖަލްސާގައި 2022 ވަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓް ރިޕޯޓާއި އޮޑިޓްކުރެވިފައިވާ، ކުންފުނީގެ މާލީ ބަޔާންތައް ވަނީ ފާސްކޮށްފައެވެ. މީގެ އިތުރުން 2022 ވަނަ އަހަރުގެ ޑިވިޑެންޓް އަދި މުވައްޒަފުންގެ އަހަރީ ބޯނަސްވެސް ވަނީ ފާސްކޮށްފައެވެ. އަދި 2023 ވަނަ އަހަރަށް، ކުންފުނީގެ އެކްސްޓަރނަލް އޮޑިޓަރ އައްޔަންކޮށް، އެފަރާތުގެ އުޖޫރަވެސް ވަނީ ކަނޑައަޅާފައެވެ. މި ހިނގާ 2023 ވަނަ އަހަރަށް، ކުންފުނީގެ އެކްސްޓަރނަލް އޮޑިޓަރގެ ގޮތުގައި ކަނޑައަޅާފައިވަނީ ކޭޕީއެމްޖީއެވެ.
އެމްޕީއެލްއަށް 2022 ވަނަ އަހަރު އާމްދަނީގެ ގޮތުގައި ޖުމްލަ 809 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 2021 ވަނަ އަހަރާ އަޅައިބަލާއިރު، 15 އިންސައްތައިގެ ކުރިއެރުމެކެވެ. ސާފު ފައިދާގެގޮތުގައި ޖުމްލަ 108.9 މިލިއަން ރުފިޔާ ލިބުނުއިރު، މިއީ 2021 އަޅައިބަލާއިރު 43 އިންސައްތަގެ ކުރިއެރުމެއް ކަމަށް އެމްޕީއެލުން ބުނެއެވެ.
މީގެ އިތުރުން ސަރުކާރަށް ޑިވިޑަންޓުގެގޮތުގައި 67.5 މިލިއަން ރުފިޔާ ދެއްކުމަށް ޑިރެކްޓަރުންގެ ބޯޑުން ވަނީ ފާސްކޮށްފައެވެ. މިއީ 2021 ވަނަ އަހަރާ އަޅައިބަލާއިރު 78 އިންސައްތައިގެ ކުރިއެރުމެކެވެ.
މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވަނީ 2022 ވަނަ އަހަރު ކުންފުނިން ހާސިލްކުރި މުހިންމު ލަނޑުދަނޑިތައް ފާހަގަކުރައްވާފައެވެ. މީގެ އިތުރުން 2022 ވަނަ އަހަރަކީ އޮޕަރޭޝަންސްއާއި މާލީ ގޮތުންވެސް ކުންފުންޏަށް ކާމިޔާބު އަހަރެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.
މި ނިމިގެންދިޔަ 2022 ވަނަ އަހަރު އަޅުގަނޑުމެންގެ އާމްދަނީ ވަނީ ޕްރީ-ކޮވިޑްގައި ހުރި މިންވަރަށް އަރާފަ. އަދި މި އަހަރުގެ މިހާތަނަށް ލިބިފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ޕަރފޯމަންސް ޕްރީ-ކޮވިޑަށްވުރެވެސް ރަނގަޅުވާނެކަމަށް އަޅުގަނޑުމެންނަށް ލަފާކުރެވޭ. މިއަހަރުގެ ރަމަޟާން މަހަށް ބެލިޔަސް ވަރަށް ބޮޑުތަނުން މުދާ ގެނެވޭ އަދަދު، ޚާއްސަކޮށް ޕެރިޝަބަލްސް އެތެރެކުރިވަރު އިތުރުވެގެން ދިޔަ.އެމްޕީއެލްގެ ސީއީއޯ، ޝާހިދު އަލީ
މީގެ އިތުރުން އެމްޕީއެލުން ކުރިއަށް ރާވާފައިހުރި ޕްރޮޖެކްޓްތަކުގެ މައުލޫމާތާއި، ކުންފުނީގެ ހިންގުމަށް ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ގެނެވުނު ހެޔޮ ބަދަލުތަކާއި, ކުންފުނީގެ ތަސައްވުރާ ގުޅޭގޮތުން ސީސީއޯ ޝާހިދު ވަނީ ވާހަކަފުޅުދައްކަވާފައެވެ.