ކ. މާލެ
|
22 މެއި 2023 | ހޯމަ 07:13
މިފްކޯގެ ޖަރީޒާ 103 އަށް މަސްކިރަނީ
މިފްކޯގެ ޖަރީޒާ 103 އަށް މަސްކިރަނީ
ރާއްޖެއެމްވީ
މިފްކޯ
"ޖަޒީރާ 103" އަށް ދިމާވި މައްސަލަ ހައްލުކޮށް އަލުން މަސް ކިރަން ފަށައިފި
މި ބޯޓުގައި ޖުމްލަ 420 މެޓްރިކް ޓަނުގެ މަސް ރައްކާކުރެވޭނެ
މި ބޯޓަކީ 120 މެޓްރިކްޓަނުގެ މަސް ގަނެ، ފިނިކުރެވޭނެ ބޯޓެއް
ބޯޓުގެ ދެ ފަރާތުން އެއްފަހަރާ ފަސޭހަކަމާއެކު މަސް ކިރޭ

މިފްކޯގެ ކެޕޭސިޓީ އިތުރުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ގެނައި "ޖަޒީރާ 103" އަށް ދިމާވީ މައްސަލަ ހައްލުކޮށް އަލުން އެ ބޯޓު އޮޕަރޭޝަނަށް ގެނެސްފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެ ކުންފުނިން މިހެން ބުނީ ޖަޒީރާ 103 އިން މަސްކިރަން ފެށިތާ މާގިނަ ވަގުތުތަކެއް ނުވަނީސް އެ ބޯޓުގައި މައްސަލަ ޖެހި މަސް ކިރުން މެދުކަނޑާލި ކަމަށްބުނެ ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ. އާދީއްތަ ދުވަހު ނެރުނު އެ ބަޔާނުގައި މިފްކޯއިން ބުނީ އެ ކުންފުނިން މަސް ގަތުމަށް މިހާރުވެސް 14 އުޅަނދެއް ހަރަކާތްތެރިވާ ކަމަށާއި މަސްކިރާ ބޯޓުފަހަރަށް ޓެކްނިކަލް މައްސަލަތައް ދިމާވާއިރު އެފަދަ މައްސަލަތައް ހައްލު ކުރުމުގެ ގާބިލު ކަން އެ ކުންފުނީގައި ގާއިމު ކުރެވިފައިވާ ކަމަށެވެ.

މަސްކިރާ އުޅަނދުތަކަށް ދިމާވާ ޓެކްނިކަލް މައްސަލަތަކުގެ ސަބަބުން ވަގުތީގޮތުން މަސްގަތުމުގެ އޮޕަރޭޝަނަށް ދަތިކަމެއްކަމުގައިވީނަމަވެސް އެ އޮޕަރޭޝަނަށް ބޮޑު ބުރުލެއް ނާރުވައި ކުރިއަށްގެންދިއުމުގެ ގާބިލުކަން ކުންފުނީގެ އިންޖިނިއަރުންގެ ޓީމުގައި އެބަހުރިކަން ވެސް މިފްކޯއިން ފާހަގަކުރިއެވެ. އެގޮތުން، ޖަޒީރާ 103 އަށް ދިމާވި މައްސަލަވެސް ހައްލުކޮށް މިހާރު އޮޕަރޭޝަނަށް ގެނެސްފައިވާ ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް މަސްވެރިންނާއި އާއްމުންގެ އިތުބާރު ދެމެހެއްޓުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ޔަގީންކަން ވެސް އެ ކުންފުނިން ވަނީ ދީފައެވެ.

ޖަޒީރާ 103 އިން މަސްކިރަން ފެށީ މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ގދ. ފަރެސްމާތޮޑާގައި ބޭއްވި ހާއްސަ ރަސްމިއްޔާތަކާއެކުގައެވެ. މި ބޯޓަކީ 120 މެޓްރިކްޓަނުގެ މަސް ގަނެ ފިނިކުރެވޭނެ ބޯޓެކެވެ. އަދި މި ބޯޓުގައި ޖުމްލަ 420 މެޓްރިކް ޓަނުގެ މަސް ރައްކާކުރެވޭއިރު ބޯޓުގެ ދެ ފަރާތުން އެއްފަހަރާ ފަސޭހަކަމާއެކު މަސް ކިރޭގޮތަށް، ދެ ކްރޭން ވަނީ ހަރުކޮށްފައެވެ.

މި ބޯޓުގެ އޮޕަރޭޝަން މި މަހު ފެށި ނަމަވެސް މި ބޯޓު ރާއްޖެ ގެނައީ ޖަޕާނުގައި މަސްވެރިކަމުގައި ބޭނުން ކުރަމުންދަނިކޮށް މިއަހަރުގެ އޭޕްރިލް މަހުގެ ހަވަނަ ދުވަހުއެވެ. ބޯޓު ރާއްޖެ ގެނައީ މަސްގަތުމަށް ފަސޭހަވާނެގޮތަށް ކުރަން ޖެހޭ ކަންކަން ސީނިއަރ އިންޖީނިއަރެއްގެ ބެލުމުގެ ދަށުން ކޮރެއާގެ ޑޮކްޔާޑެއްގައި ކުރުމަށްފަހު ކަމަށް މިފްކޯއިން ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް