ކ. މާލެ
|
12 މެއި 2023 | ހުކުރު 13:17
މިސްކިތުގައި ބަޔަކު ހުކުރު ޚުތުބާ އަޑު އަހަނީ
މިސްކިތުގައި ބަޔަކު ހުކުރު ޚުތުބާ އަޑު އަހަނީ
މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް
ހުކުރު ޚުތުބާ
ފާފައަކީ އޭގެ ސުންޕާކަން މުޅި މުޖުތަމައުއަށް ކުރިމަތި ކުރުވާ އެއްޗެއް: ޚުތުބާ
ދިރިއުޅުމުގެ ހަޔާތް ނާމާންވެ، ބިންމަތި ފަސާދަވޭ
އަމަންއަމާންކަން ގެއްލި ބިރުވެރިކަމާއި ނާމާންކަން ފެތުރޭ
މާތްﷲ އާއި އެކަނލާގެ ރަސޫލާއަށް ކިޔަމަންތެރިކަން އަދާ ކުރުމަކީ ދެ ދުނިޔޭގެ ބާއްޖަވެރިކަން ހާސިލުވާނެ މަގެއް

ފާފައަކީ އޭގެ ސުންޕާކަން އެކަން ކުރާ މީހާއަށާއި މުޅި މުޖުތަމައުއަށް ކުރިމަތި ކުރުވާ އެއްޗެއް ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

ފާފައިގެ އަސަރު މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ މާތްﷲއަށް އުރެދުމަށް ކުރެވޭ ކޮންމެ ކަމަކީ ފާފައެއް ކަމަށާއި، ފާފައަކީ އޭގެ ނުބައިކަން އިންތިހާއަށް ބޮޑު އެއްޗެއް ކަމަށެވެ. ޝައިތާނާ މާތްﷲގެ ރަހުމަތުން ބޭރުކުރެވި ލައުނަތް ލެއްވުނީ ފާފައިގެ ސަބަބުން ކަމަށާއި، ފާފައަކީ އޭގެ ސުންޕާކަން އެކަން ކުރާ މީހާއަށާއި، މުޅި މުޖުތަމައުއަށް ކުރިމަތި ކުރުވާ އެއްޗެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ފާފައިގެ ސަބަބުން މުޅި މުޖުތަމައު ނުރައްކަލަށް ހުށައެޅޭކަން ފާހަގަކޮށް ޚުތުބާގައި ބުނީ ދިރިއުޅުމުގެ ހަޔާތް ނާމާންވާ ކަމަށާއި، ބިންމަތި ފަސާދަވާ ކަމަށެވެ. ޚުތުބާގައި ބުނީ ފާފައަކީ އޭގެ ސަބަބުން މާތްﷲގެ ކޯފާއާއި އަޒާބަށް ހުށަހެޅޭ ކަމެއް ކަމަށާއި، ބައެއް ފާފަތަކަށް ދުނިޔެމަތީގައި ވެސް އަޒާބު އަންނަ ކަމަށެވެ. އަދި އަމަންއަމާންކަން ގެއްލި ބިރުވެރިކަމާއި ނާމާންކަން ފެތުރޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މާތްﷲ ވަހީކުރައްވާފައިވެއެވެ. މީސްތަކުން އަތްތަކުން ހޯދައިގަތް ކަންތަކުގެ ސަބަބުން އެއްގަމާއި ކަނޑުގައި ނުބައިކަން ފާޅުވެއްޖެއެވެ. އެއުރެން ކުރި ބައެއް އަމަލުގެ ރަހަ އެއުރެންނަށް ދެއްކެވުމަށެވެ. (އެއީ) އެއުރެން (ތައުބާވެ) ރުޖޫއަ ވުމަށްޓަކައެވެ.
ހުކުރު ޚުތުބާ

ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ބަލިމަޑުކަމާއި ވަބާތަކަށް އިޝާރަތްކޮށް ޚުތުބާގައި ބުނީ އޭގެ އެންމެ ނުރައްކާތެރި އެއް ބާވަތަކީ ނަހަމަ ޖިންސީ ގުޅުމުގެ ސަބަބުން ޖެހޭ ބަލިތައް ކަމަށާއި، މިފަދަ ބަލިމަޑުކަން ފެތުރެނީ އިންސާނުން އަމިއްލައަށް ކުރާ ނުބައި އަމަލުތަކުގެ ސަބަބުން ކަމަށެވެ. އެއްޖިންސުގެ ގުޅުމާއި ކައިވެނިން ބޭރުގައި ހިންގޭ ބަދު އަހުލާގީ އަމަލުތަކުގެ ތެރެއިން ގެނބިގެން ދިއުމުގެ ސަބަބުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި މިފަދަ އަމަލުތައް ބައެއްގެ ތެރޭގައި ގިނަވެއްޖެނަމަ ކުރީގެ އުންމަތްތަކުގެ ތެރެއަށް ފާޅު ނުކުރައްވާ ބަލިމަޑުކަމާއި ވަބާތައް އެބަޔެއްގެ ތެރޭގައި ފާޅު ކުރައްވާނެކަމުގެ އިންޒާރު ދެއްވާފައިވެއެވެ.

ޚުތުބާގައި ބުނީ ބައެއް މީހުން ފާފައާމެދު ދެކެނީ ވަރަށް ލުއި ގޮތަކަށްކަން ފާހަގަކޮށް ޚުތުބާގައި ބުނީ ދުންޔަވީ މަންފާއަށް ފާފައެއް ކުރުމަށް ޖެހެލުން ނުވާ ކަމަށާއި، ބޮޑެތި ފާފަތަކަށް ވެސް އަރައިގަންނަ ކަމަށެވެ. ބަނގުރާ ބުއިމާއި، މަސްތުވާތަކެތި ބޭނުން ކުރުމާއި، ޒިނޭ ކުރުމާއި، ވައްކަން ކުރުމާއި، ރިބާ ކެއުމާއި، ޖުވާ ކުޅުމާއި، މީހުން މެރުމާއި، ސިހުރު ހެދުމާއި، އީބަ ބުނުމާއި، ނެތި މޮށުމާއި ފުރައްސާރަ ކުރުމާއި، މަލާމާތް ކުރުމާއި، އިއްފަތް ފޭރުން ފަދަ ކަންކަމަށް މީހުން އަރައިގަންނަނީ އެއްވެސް ބިރެއްނެތި ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ މުޖުތަމައުގެ އާއްމު މިންގަޑާ ހިލާފުވިޔަސް ބޭނުން ގޮތަކަށް ހެދުން އަޅާ ކަމަށާއި، ފާފަ ކުރުމަށް ފަހު އެކަމަށް ފަހުރުވެރިވެ އެވާހަކަ ދައްކާ އުޅޭމީހުން ވެސް މަދު ނޫން ކަމަށެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ މާތްﷲއާއި އެކަނލާގެ ރަސޫލާއަށް ކިޔަމަންތެރިކަން އަދާ ކުރުމަކީ ދެ ދުނިޔޭގެ ބާއްޖަވެރިކަން ހާސިލުވާނެ މަގެއް ކަމަށާއި، އެކަލާނގެއަށް އުރެދުމަކީ އަބާއްޖަވެރިކަން ލިބި ނިކަމެތިވާނޭ މަގެއް ކަމަށެވެ. އެހެންކަމުން ފާފަތަކުން ދުރުވެ ތައުބާވެ، މާތްﷲގެ މަގަށް ރުޖޫއަވުމަށް ޚުތުބާގައި ގޮވާލާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް