ކ. މާލެ
|
11 މެއި 2023 | ބުރާސްފަތި 08:52
ތުއްތު ދިއާލާ - އިސްރޭލުގެ ހަމަލާތަކުގައި މައިންބަފައިން ވަނީ ޝަހީދުވެފައި
ގާޒާއަށް ދިން ހަމަލާ
މަންމައާއި ބައްޕަ އަދި ބޭބެވެސް މި ދުނިޔޭގައި މިހާރު ނެތްކަން އެނގުމުން ތުއްތު ދިއާލާއަށް ކިހާ ވަރެއް ވާނެ ހެއްޔެވެ؟
ހަމަލާތަކުގައި ޔަޠީމު ވި ދިއާލާ ޖަމާލް ޚުސްވާންގެ ހޮތުގައި އަޅަމުންދާ ވޭން، އެހެން މީހަކަށް ބަޔާންކޮށެއް ނުދެވޭނެ
އިޒްރޭލުގެ ހަމަލާތަކުގައި 4 ކުޑަކުދިންވެސް މަރުވި

ދެލޯނޭދި އެދޭ އިންތިހާ ލޯތްބާއެކު އެންމެ ފުރަތަމަ ދުވަހުން ފަށައިގެން ތިމާ ބަލާ ބޮޑުކުރި މައިންބަފައިން މި ދުނިޔެއާ ވަކިވެދާކަށް ހަމަ އެއްވެސް މީހަކު ނޭދެނެއެވެ. ޢުމުރުން ކިތަންމެ ދުވަހެއް ވީ ކަމުގައި ވިއަސް، މައިންބަފައިން މި ދުނިޔެއާ ވަކިވެދިއުމުން އެ ކުރާ ހިތާމައަކަށް ބަދަލެއް ނާދެއެވެ. ވީ އިރު، މައިންބަފައިންގެ ލޯތްބާއި އޯގާތެރި ކަމަށް އެންމެ ބޭނުން ޖެހިފައި އޮތް ޢުމުރެއްގައި، އިހާނެތި ގޮތަކަށް، ތާ އަބަދަށް، އެ މީހުންނާ ވަކި ކޮށްލުމުން ހިތުގައި އަޅާ ވޭން އަންދާޒާ ކޮށްލަބަލާށެވެ. އެފަދަ ކަމެއް ތަޖުރިބާ ކުރި މީހަކަށް ނޫނީ އެކަން އިޙުސާސެއް ނުވާނެއެވެ. ޢުމުރުން އެންމެ 10 އަހަރުގެ، މި ތުއްތު ކުއްޖާގެ މޫނު މަތިން ފެންނަމުން އެދަނީ އެފަދަ މަންޒަރެކެވެ.

ޔަހޫދީ އިޒްރޭލުން، ފަލަސްޠީނުގެ ޣައްޒާއަށް އަމާޒު ކުރަމުންދާ ސިލްސިލާ ހަމަލާތައް ވަރުގަދަ ކުރަމުން ގޮސް މެއި 9 ވަނަ ދުވަހަކީ މި ފަހުން އެންމެ ވަރުގަދަ ހަމަލާތަކެއް ދިން ދުވަހެވެ. ހަމަލާތަކުގައި ޔަޠީމު ވި ދިއާލާ ޖަމާލް ޚުސްވާންގެ ހޮތުގައި އަޅަމުންދާ ވޭން، އެހެން މީހަކަށް ބަޔާންކޮށެއް ނުދެވޭނެއެވެ. ދިއާލާގެ މަންމައާއި ބައްޕަ އަދި ބޭބެ، މި ދުނިޔެ ދޫކުރީ އަންގާރަ ދުވަހުގެ ހަމަލާތަކުގައެވެ. ގިސްލާ ރޮމުން، ދިއާލާ ގޮވަމުން ދިޔައީ އޭނާގެ ބައްޕައަށެވެ. އަވަސް ފަރުވާ ދޭ މެންބަރުން، ދިއާލާ އެމްބިއުލާންސްއަށް އަރުވަމުން، އޭނާ ރުއްސޭތޯ ބަލަމުން ދިޔައެވެ. ބައްޕަ އަދި އަންނާނެ ކަމަށް ބުނެ، ދޮގެއް ހަދައިގެންވެސް އެކުއްޖާފުޅު ހަމަޖެއްސޭތޯ ބެލިއެވެ. ނަމަވެސް، ދިއާލާއަށް އޭނާގެ ބަނަ މުސްތަޤުބަލު ސިފަވާ ކަހަލައެވެ.

މެއި 9 ވަނަ ދުވަހު މުޅި ޣައްޒާ، ނިދިން ހޭލައްވާލީ އިޒްރޭލުގެ ހަމަލާތަކުގެ އަޑުފަށްގަނޑަށެވެ. އިސްލާމިކް ޖިހާދުގެ އިސް ކޮމާންޑަރުންގެ ގޮތުގައި ތިބި 3 މީހެއްގެ އިތުރުން އާންމުންގެ 9 މީހުން މަރާލި ހަމަލާތަކުގެ އަޑުފަށްގަނޑަށެވެ. އިޒްރޭލުގެ ހަމަލާތަކުގައި 4 ކުޑަކުދިންވެސް މަރުވިއެވެ.

އަހަރެން އަބަދުވެސް އުޅެނީ މިތާ. އާންމުކޮށް ވަރަށް އަމާންކޮށް އޮންނާނީ. އާންމުކޮށް، މީހުން ތޮއްޖެހުމުގެ ކުރިން އަހަރަމެން ނައްޓާލަން. އާންމު ގޮތެއްގަ މީހުން ވަރަށް ގިނަ ވާނެ. ސްކޫލްތަކަށް ދާ ކުދިންނާއި، އޮފީސްތަކަށް ދާ މީހުންނާ، ޑޮކްޓަރުންނާ އެކިއެކި މުވައްޒަފުން މަސައްކަތު ދާނެ. މިއަދު މިތިބީ ބޮޑު ސިހުމެއްގަ. ފަތިހު ތިނެއް ނޫނީ ހަތަރެއް ޖެހިއިރު އިޒްރޭލުން ފަށައިފި ވައިގެ ހަމަލާތައް ދޭން. ފަތިހު ފަހެއް ޖަހަންދެން ހަމަލާތައް ދިން. ހާލަތު ރަނގަޅެއް ނުން. ވަރަށް ބިރުވެރި މިވަޤުތާ ޖެހެންދެންވެސް.
ޠާހާ ހަމްދާން؛ ޣައްޒާގެ ރަށްވެއްސެއް

ލާއިންސާނީ އެތައް އަނިޔާއެއް ދިނުމަށްފަހު އަބަދުވެސް ދިފާޢަށް ކުޅޭ އިޒްރޭލުން ބުނީ، ހަމަލާތައް އަމާޒު ކުރީ އިސްލާމިކް ޖިހާދުގެ ލީޑަރުންނަށް ކަމަށެވެ. އިސްލާމިކް ޖިހާދަކީ އީރާނުގެ އެއްބާރުލުން ލިބޭ، އަދި ހުޅަނގުގެ ޤައުމުތަކުން ޓެރަރިޒަމް ފާރައިގެ ލިސްޓަށް ލާފައި ވާ ނެޓްވޯކްއެކެވެ. އެއީ ޣައްޒާގައި ހަރަކާތްތެރިވާ، ދެވަނައަށް އެންމެ ބޮޑު، ހަތިޔާރު އެޅި ހަނގުރާމަވެރި ނެޓްވޯކް ކަމަށް ބުނެވެއެވެ.

އިޒްރޭލުގެ ޢުދުވާންތަކުގައި ވަކިވެދިޔަ އެކަކީ ފަލަސްޠީނަށް މަޝްހޫރު ޑެންޓިސްޓެކެވެ. އަންގާރަ ދުވަހުގެ ހަމަލާތަކުގައި ޑެންޓިސްޓާއި އޭނާގެ އަންހެނުން މަރާލީ އެމީހުންގެ އަމިއްލަ ގޭގައި ތިއްބާއެވެ. ފަލަސްޠީނުގެ ރައްޔިތުން ސިފަ ކުރި ގޮތުގައި އެއީ އިޚުލާސްތެރި އެކުވެރިއެކެވެ. އޯގާތެރި އިންސާނެކެވެ. ބައްޕައަށް އެދި ގޮވަމުން ދިޔަ، ދިއާލާގެ ލޯބިވާ ބައްޕައެވެ.

ވަރަށް ނޭދެވޭ އިޙުސާސްތަކެއް ކުރެވެނީ. އޭނައަކީ ގިނަ ބަޔަކަށް އެނގޭ ޑޮކްޓަރެއް. އޭނަގެ ފިރިހެން ދަރިއަކީވެސް ޑޮކްޓަރެއް. އަންހެނުންނަކީ ފާމަސިސްޓެއް. މުޅި ޢާއިލާއަކީވެސް ވަރަށް ސުލްޙަވެރި، މަޑުމައިތިރި ބައެއް. ޖަމާލްއަކީ ރަޝިއާ ރަށްވެހިކަން އޮންނަ މީހެއް. ވަރަށް ގިނަ ބަޔަކަށް އެނގޭނެ އޭނަ. ކީކޭ ބުނާނީ. އެއީ ވަރަށް މަޑުމައިތިރި ޢާއިލާއެއް. އެމީހުން، އެމީހުންގެ ގޭބަ ތިއްބާ، ޔަހޫދީ އިޒްރޭލުން އެ ހިންގީ ޖަރީމާއެއް. ބުނާނީ ކީކޭ ކަމެއް މަށަކަށް ނޭނގެ.
މުޙައްމަދު ޚުސްވާން؛ ޑެންޓިސްޓްގެ ބޭބެ

ޣައްޒާގެ ސިއްހަތާ ބެހޭ އޮފިޝަލުން ވިދާޅުވި ގޮތުގައި އިޒްރޭލުން އެންމެ ފަހުން ދިން ޢުދުވާނީ ހަމަލާގައި 12 މީހެއްގެ ފުރާނަ ގެއްލި، 20 މީހަކު ވަނީ ޒަޚަމްވެފައެވެ. ހަމަލާތައް އަމާޒު ކުރީ، 140 އަކަ މޭލުގެ ސަރަޙައްދެއްގައި 2.3 މިލިއަން މީހުން ދިރިއުޅެމުން ދާ ޣައްޒާގައި އާންމުން ވަޒަންވެރިވެފައިވާ ހިސާބުގަނޑަކަށެވެ.

ފަތިހު 4 ޖެހިއިރު ހަމަ ގަދައަށް ޣައްޒާއަށް ވައިގެމަގުން ހަމަލާތައް ދެނީ. މުސްކުޅިންނާއި ކުޑަކުދިން ބިރު ފިތްކެނޑިފަ. ކުރިން އަހަރަމެންނަށް އަޑު އިވިފަ އޮތީ 48 ނޫނީ 72 ގަޑިއިރަށް ހަމަލާ މެދުކަނޑާލި އެއްބަސްވުމެއް އޮތް ވާހަކަ. އެކަމަކު، ޔަހޫދީ އިޒްރޭލުން އަހަރަމެންނަށް ދޯކާ ދިނީ. ފަތިހު 4 ޖެހީއްސުރެ އެކަކުވެސް ނުނިދާ. ކުދިންނަށްވެސް ހޭލެވުނީ ހަމަލާގެ އަޑުފަށްގަނޑަށް. ބިރުންވިރިފަ އެކުދިން އެތިބީ. އަހަރަމެން ތެރޭ އެބަތިބި ކުޑަކުދިންނާއި، އަންހެނުންނާއި، ބަލި މީހުންނާއި، ދޮށީ ޢުމުރުގެ މީހުން. މީ އާދައިގެ ކަމެއް ނޫން.
ހާނީ ޖާބިރު؛ ޣައްޒާގެ ރަށްވެއްސެއް

އިޒްރޭލު އަސްކަރިއްޔާގެ ތަރުޖަމާނަކު ވަނީ، ހަމަލާތަކުގައި އާންމުން މަރުވިކަމަށް ބުނާ މައްސަލަ ބަލަމުން ދާ ކަމަށް ބުނެފައެވެ. އެހެން ބުނުން ފިޔަވާ، އެކަމާ އިތުރު އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ޣައްޒާއަށް ހަމަލާ ދިނުމުގައި އިޒްރޭލުން ވަނީ ވައިގެ މަގުން ހަމަލާ ދޭ 40 ޖެޓެއް ބޭނުން ކޮށްފައެވެ. ހަމަލާތައް އަމާޒު ކުރީ ހަތިޔާރު އުފައްދާ ތަންތަނާ، ބިންގަރާސް ހަދަން ކޮންކުރީޓު އުފައްދާ ތަންތަނަށް ކަމަށްވެސް އިޒްރޭލު އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.

މި އަހަރަށް ފެށުނު ފަހުން އެކަނިވެސް، އިޒްރޭލާއި ފަލަސްޠީނާ ދެމެދު ބަދަލު ކުރަމުންދާ ހަމަލާތަކުގައި ފަލަސްޠީނުގެ 100 އަށް ވުރެ ގިނަ މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ. ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޑަކުދިންގެ ދުވަހުގެ އިހުތިފާލުތައް ކުލަ ގަދަ ގޮތެއްގައި ފާހަގަ ކުރަމުން ދާއިރު، ދިއާލާ ފަދަ ކުދިން މިއަދު ކުރަމުންދާ ހިތާމައާ، އުޅެމުންދާ ނުތަނަވަސްކަން ހަނދާންކޮށްދީ، ލިބިފައި ވާ ނިޢުމަތްތަކަށް ޝުކުރުވެރިވާން ދަސްކޮށްދިނުންވެސް މުހިންމެވެ.

- ކޮމެންޓް