ކ. މާލެ
|
10 މެއި 2023 | ބުދަ 18:10
ށ. ފޭދޫ ބަނދަރު
ށ. ފޭދޫ ބަނދަރު
އެމްޓީސީސީ
ށ. ފޭދޫ ބަނދަރު ތަރައްގީކުރުން
ށ. ފޭދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިންމާލައިފި
މި މަޝްރޫއަކީ 35.67 މިލިއަން ރުފިޔާގެ މަޝްރޫއެއް

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ، ށ. ފޭދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމިއްޖެއެވެ.

ށ. ފޭދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއަކީ 35.67 މިލިއަން ރުފިޔާއަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. 1335 މީހުންގެ އާބާދީއެއް އޮންނަ ށ. ފޭދޫއަކީ ބިމުގެ ޖާގަ ތަނަވަސް، ގާމަތީ ރަށެކެވެ. ފަޅު ކުޑަ، ގާމަތީ ރަށަކަށްވުމާއެކު، ފޭދޫއަކީ ޒަމާނުއްސުރެ ލަފާފުރުމުގެ ދަތިކަން ތަހައްމަލުކުރަމުން އައިސްފައިވާ ރަށެކެވެ. އެގޮތުން މޫސުން ގޯސް ދުވަސްވަރު، ރަށު ބަނދަރު ބޭނުންކުރުމަކީ އޮޑިފަހަރުތަކަށް ދަތި އުނދަގޫކަމަކަށް ވަނީ ވެފައެވެ. މީގެ އިތުރުން ބަނދަރުގައި އުޅަނދުފަހަރު ގިނަވަމުންދިޔުމާއެކު، ބަނދަރުގެ ޖާގަވެސްވަނީ ރަށުގެ ބޭނުންތަކަށް ފުދޭވަރަށްވުރެ ކުޑަވެފައެވެ. ހަމައެހެންމެ ކޮޅުވެއްޓިފަދަ އުޅަނދުފަހަރު ކައިރިކުރާނެ ރޭމްޕެއް ނެތުމާއެކު، އެފަދަ އުޅަނދުތަކަށްވެސް މުދާ އަރުވައި ބޭލުމުގައި ވަނީ ދަތިތަކާ ކުރިމަތިލާންޖެހިފައެވެ.

Advertisement

ނަމަވެސް ފޭދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު މިހާރު ނިމިފައިވުމާއެކު، މި ރަށުގެ ރައްޔިތުންނަށް މިވަނީ ކުރިޔަށްވުރެ ޖާގަ ތަނަވަސް، ޒަމާނީ ބަނދަރެއް ލިބިފައެވެ. އަދި ބާރުބޮޑުވެފައިވާ ރަށުގެ ބަނދަރަށް ޖާގައިގެ ތަނަވަސްކަން ލިބި، ޓީ-ޖެޓީއެއް އިތުރުވެ، ކޮޅުވެއްޓިފަދަ އުޅަނދުތައްވެސް ކައިރިކުރެވޭނެ ފަދަ ރޭމްޕެއް ބަނދަރަށް އިތުރުވުމާއެކު، އުޅަނދުފަހަރު ފަސޭހައިން ގާތްކޮށް، ލަފައިފުރުމުގައި ގިނަ ފަސޭހަތަކެއް މިހާރު ފޭދޫގެ ރައްޔިތުންނަށް ލިބިގެންދާނެއެވެ.

މި މަޝްރޫއުގެ ދަށުން، 25،456 ކޮޑިމީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 9،000 ކޮޑިމީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 280 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 110 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 317 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 1،782 އަކަމީޓަރުގެ ސަރަހައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، މޫރިންގ ބޯއީސް ހަރުކުރުމާއި، ނެރު ބައްތިއާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް