ކ. މާލެ
|
10 މެއި 2023 | ބުދަ 12:20
މިފްކޯ
މިފްކޯ
ރާއްޖެއެމްވީ
ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް
ހަތަރު ރަށެއްގައި ތަމްރީން ހޯދުމުގެ ފުރުސަތު މިފްކޯއިން ހުޅުވާލައިފި
އެޕްރެންޓިޗްޝިޕް ޕްރޮގްރާމުގެ ދަށުން ހުޅުވާލާފައިވަނީ 37 ފުރުސަތު

ހަތަރު ރަށެއްގައި އެކި ދާއިރާތަކުން ތަމްރީން ހޯދުމުގެ ފުރުސަތު މިފްކޯއިން ހުޅުވާލައިފިއެވެ.

މިއީ ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ދަށުން ޔޫތު މިނިސްޓްރީއާ ގުޅިގެން އެ ކުންފުނިން ހުޅުވާލި ފުރުސަތުތަކެކެވެ. އެގޮތުން، ފެލިވަރާއި މ. މުލައް، ގދ. ތިނަދޫ އަދި ފުވައްމުލައް ސިޓީގައި ތަމްރީން ހެދުމުގެ ފުރުސަތު އެ ކުންފުނިން ވަނީ ހުޅުވާލައިފައެވެ.

އެ ކުންފުނިން ބުނެފައިވާ ގޮތުގައި 6 ދާއިރާއަކުން މި އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ބައިވެރިން ތަމްރީން ކުރާނެއެވެ. މީގެ ތެރޭގައި ރެފްރިޖަރޭޝަން އެންޑް އެއަރކޮންޑިޝަނިންގ މެކޭނިކް އާއި މެކޭނިކަލް އިންޖިނިއަރ / މެރިން މެކޭނިކް އާއި އޮޓޮމޯޓިވް މެކޭނިކް އާއި އިލެކްޓްރީޝަނާއި ފިޝް ޕްރޮސެސިންގ އެންޑް ކޮލިޓީ ކޮންޓްރޯލް އޮފިސަރ އަދި އެގްރިކަލްޗަރ އޮފިސަރ ހިމެނެއެވެ.

މިފްކޯއިން އެޕްރެންޓިޗްޝިޕް ޕްރޮގްރާމުގެ ދަށުން ހުޅުވާލާފައިވަނީ 37 ފުރުސަތެވެ. އެއީ ފެލިވަރުގައި ހަ ދާއިރާއިން ތަމްރީން ވުމަށް 11 ފުރުސަތާއި މުލަކުގައި ފަސް ދާއިރާއިން ތަމްރީން ވުމަށް 11 ފުރުސަތާއި ތިނަދޫގައި ފަސް ދާއިރާއިން ތަމްރީން ވުމަށް 11 ފުރުސަތު އަދި ފުވައްމުލަކުގައި ދެ ދާއިރާއަކުން ތަމްރީންވުމަށް ހަތަރު ފުރުސަތެވެ.

މި އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމާ ބައިވެރިންނަށް ނޭޝަނަލް ލެވެލް ތިނެއްގެ ސެޓްފިކެޓެއް ލިބޭނެއެވެ. އަދި ޕްރޮގްރާމް ކުރިއަށްދާ މުއްދަތުގައި ކޮންމެ މަހަކު 6،000 ރުފިޔާ އެލަވެންސްގެ ގޮތުގައި ވެސް ލިބޭނެއެވެ.

މި ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މި މަހުގެ 31 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ފޯމު ހުށަހަޅަން ޖެހޭނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް