ކ. މާލެ
|
9 މެއި 2023 | އަންގާރަ 19:01
އިމްރާން ޚާން ހައްޔަރުކޮށްގެން ގެންދަނީ
އިމްރާން ޚާން ހައްޔަރުކޮށްގެން ގެންދަނީ
އަލްޖަޒީރާ
އިމްރާން ޚާން ހައްޔަރުކުރުން
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ހައްޔަރުކޮށްފި
އިމްރާން ޚާން ގެންދިޔައީ ރޭންޖަރސް ވަށާލައިގެން، ކޮއްޕަމުން

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން، އެގައުމުގެ ޕެރަމިލިޓަރީ ފުލުހުންގެ ގިނަ އަދަދެއްގެ ބަޔަކު ނިކުމެ މިއަދު ހައްޔަރުކޮށްފިއެވެ. މިކަން ހިނގާފައިވަނީ ކޮރަޕްޝަންގެ ތުހުމަތެއްގައި އިމްރާން ހައިކޯޓަށް ހާޒިރުވެވަޑައިގެންނެވި ވަގުތު އެތަނުގައެވެ.

މިދިޔަ އަހަރު މަގާމުން ވަކިކުރެވުނު ފަހުން އިމްރާން ޚާންގެ މައްޗަށް ވަނީ ކޮރަޕްޝަންގެ އެތައް ދައުވާއެއް އުފުލާފައެވެ. އަދި އެންމެފަހުން މޭ 1 ވަނަ ދުވަހު އެންޓިކޮރަޕްޝަން ބިއުރޯއިން ވަނީ އިމްރާން ހައްޔަރުކުރުމުގެ އަމުރެއްވެސް ނެރެފައެވެ.

އިމްރާން ހައްޔަރުކުރުމަށް، ރޭންޖަރސް ކިޔާ ފުލުހުންގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ އިސްލާމްއާބާދުގެ ހައިކޯޓަށް ބާރާއެކު ވަދެގެންފައެވެ. އަދި އެތަނުގެ ވަކީލުންނާއި އެހެންވެސް މުވައްޒަފުންނަށް އެކި "އަނިޔާ"ތައް ކުރިކަމަށްވެސް ޚަބަރުތައް ބުނެއެވެ. ރޭންޖަރސް ބާރުގެ ބޭނުންކޮށް، އިމްރާން ހުންނެވި ތަނަށް ވަނުމަށްފަހު އިމްރާން ވަށާލައި، ކޮއްޕަމުން ކަހަލަ ގޮތަކަށް ނެރެ، އެމީހުންގެ ވެހިކަލަކަށް އަރުވާ މަންޒަރު ފެންނަ ވީޑިއޯއެއް، ޕީޓީއައިގެ އެކައުންޓުން ޓްވީޓްކޮށްފައި ވެއެވެ. ހައްޔަރުކުރުމަށްފަހު އިމްރާން ގެންދެވުނު ތަނެއް ނޭނގޭކަމަށްވެސް ޚަބަރުތައް ބުނެއެވެ.

ކޯޓަށް ވަޑައިގެންނެވި މަގުމަތީ ރިކޯޑުކުރައްވާފައިވާ ވީޑިއޯއެއްގައި އިމްރާން ޚާން ވިދާޅުވެފައިވާގޮތުގައި ކުރިޔަށް އޮތް ކޮންމެކަމަކަށްވެސް އޭނާ ހުންނެވީ ތައްޔާރުވެވަޑައިގެންނެވެ.

އިމްރާން ޚާން ހައްޔަރުކުރުމާއެކު އޭނާގެ ޕާޓީ، ޕާކިސްތާން ތަހްރީކް-އެ-އިންސާފު(ޕީޓީއައި)އިން ވަނީ ހުރިހާސަޕޯޓަރުންވެސް މަގުތަކަށް ނިކުމެ އިމްރާނަށް ތާއީދުކުރާކަން ދެއްކުމަށް ގޮވާލާފައެވެ.

ސަލާމަތީ ބާރުތަކުން މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން ވަނީ އިމްރާން ގެކޮޅުގައި ހުންނަވަނިކޮށްވެސް ހައްޔަރުކުރުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް ސަޕޯޓަރުން އެއްވެފައި އޮންނަވަރުން އެކަން ނުވަނީއެވެ.  

އުމުރުފުޅުން 70 އަހަރުގެ އިމްރާން ޚާން މަގާމުން ވަކިކޮށްފައިވަނީ މިދިޔަ އަހަރުގެ އެޕްރިލްމަހު މަޖިލީހުގައި ނެގުނު، އިތުބާރު ނެތްކަމުގެ ވޯޓަކުންނެވެ. އެދުވަހުން ފެށިގެންވެސް އޭނާ ގެންދަވަނީ އަވަސް އިންތިޚާބަކަށް ގޮވާލައްވައި ކެމްޕެއިން ކުރައްވަމުންނެވެ.

މިހާރު އޮތް ގޮތުން ޕާކިސްތާނުގެ އިންތިޚާބް ބާއްވާނީ އަންނަ އޮކްޓޯބަރު މަހުއެވެ.       

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް