ކ. މާލެ
|
28 އޭޕްރިލް 2023 | ހުކުރު 13:32
ހުކުރު ނަމާދު ކުރުމަށް ޖަމާއަތް ހަދައިގެން
ހުކުރު ނަމާދު ކުރުމަށް ޖަމާއަތް ހަދައިގެން
އިސްލާމިކް މިނިސްޓްރީ
ހުކުރު ޚުތުބާ
މަޝްހޫރުވުމަށް ލޯބި ކުރެވުނު ވަރަކަށް އިޚްލާސްތެރިކަން ފަނޑުވަމުންދޭ: ޚުތުބާ
އިސްލާމްދީން ދެކޭގޮތުގައި ކަންދެއްކުމަކީ ޝިރްކުގެ ބާވަތެއް
އަމަލުތައް ގަބޫލުކުރައްވަނީ މާތްﷲގެ ހަސްރަތުން ދަރުމައަށް އެދި އެއްވެސް ކަންދެއްކުމެއް އެކަމެއް ކޮށްގެން
ނިޔަތް ނުބައިވުމުގެ ސަބަބުން ހެޔޮ އަމަލުތައް ފައިދާއެއްނެތް ދުންޔަވީ ކަމަކަށް ބަދަލުވެގެންދޭ

ފަޚްރުވެރިވުމަށާއި މަޝްހޫރުވުމަށް ލޯބި ކުރެވުނު ވަރަކަށް އިޚްލާސްތެރިކަން ފަނޑުވަމުންދާ ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

''އަމަލުތަކުގައި އިޚުލާސްތެރިވުން'' މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ އިސްލާމްދީނަކީ ހެޔޮ އަމަލުގެ ދީން ކަމަށާއި، އުފެއްދުންތެރިކަމުގެ ދީން ކަމަށެވެ. އަދި އާރާސްތުކުރުމާއި ތައުމީރު ކުރުމުގެ ދީން ކަމަށެވެ.

ޚުތުބާގައި ބުނީ މާތް ﷲ ވަނީ އަހަރެމެންނަށް މި ބިން ކިޔަމަންކޮށް ދެއްވާފައިވާ ކަމަށާއި، އަހަރެމެންގެ ދިރިއުޅުމަށް ބޭނުންވާ ކަންޒުތަކާއި ބާރުތަކާއި، ހަކަތަތަކާއި މުއްސަންދިކަން އެ ބިމުގެ ތެރޭގައި ރައްކައުކޮށް ދެއްވާފައިވާ ކަމަށެވެ. އިންސާނާގެ މައްޗަށް އޮތީ މިތަކެތިން ފައިދާ ލިބިގަތުމަށް އިޚްލާސްތެރިކަމާއެކު މަސައްކަތް ކުރުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މުއުމިނާއަކީ މާތްﷲ އަންގާފައިވާ ގޮތުގެ މަތިން ދުނިޔެއާއި އާޚިރަތް ކާމިޔާބު ކުރުމަށްޓަކައި ގަދައަޅައި މަސައްކަތް ކުރާ ހީވާގި މީހެކެވެ. މާތްﷲ ވަހީ ކުރައްވާފައިވެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން އަމަލު ކުރާށެވެ. ފަހެ ތިޔަބައިމީހުންގެ އަމަލުތައް ﷲ ދެކެވޮޑިގެންވާނެތެވެ. އަދި އެކަލާނގެ ރަސޫލާވެސް މެއެވެ. އަދި މުއުމިނުތަކުން ވެސް މެއެވެ. އަދި ނުފެންނަ ކަންތަކާއި ފެންނަ ކަންތައް ދެނެވޮޑިގެންވާ ރަސްކަލާނގެ ހަސްރަތަށް ތިޔަބައިމީހުން ރައްދު ކުރައްވާ ހުއްޓެެވެ. ދެން ތިޔަ ބައިމީހުން ކޮށްއުޅުނު އަމަލުތަކުގެ ޚަބަރު ތިޔަބައިމީހުންނަށް އެކަލާނގެ އަންގަވާނެތެވެެ.
ހުކުރު ޚުތުބާ

ޚުތުބާގައި ބުނީ އިސްލާމް ދީނުގައި އަމަލުތައް ޤަބޫލުކުރައްވަނީ މާތް ﷲގެ ހަސްރަތުން ދަރުމައަށް އެދި އެއްވެސް ކަންދެއްކުމެއް ނެތި އިހްލާސްތެރިކަމާއެކު އެކަމެއް ކޮށްގެން ކަމަށެވެ. އަދި ހިތްނިޔަތް ރަނގަޅުކޮށް، ކުރާ ކަންތައްތައް މާތް ﷲ އަށް ޚާލިސްކުރުމަކީ ދުންޔަވީ އަމަލުތަކުގެ ދަރަޖައިން އަޅުކަމުގެ ދަރަޖައަށް އެކަންތައްތައް ބަދަލުވެގެންދާނެ ކަމެއް ކަމަށާއި، ހަމަ އެފަދައިން ނިޔަތް ނުބައިވުމުގެ ސަބަބުން ހެޔޮ އަމަލުތައް ފައިދާއެއްނެތް ދުންޔަވީ ކަމަކަށް ބަދަލުވެގެންދާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ އަމިއްލަ އެދުންތައް ބޮޑުވެ ތައުރީފުކުރުމަށް ލޯބި ކުރެވުނު ވަރަކަށް އިޚްލާސްތެރިކަަމުގެ ބައްތި ކަނިވަމުންދާނެ ކަމަށާއި، ފަޚްރުވެރިވުމަށާއި، މަޝްހޫރުވުމަށް ލޯބި ކުރެވުނު ވަރަކަށް އިޚްލާސްތެރިކަން ފަނޑުވަމުންދާނެ ކަމަށެވެ. އަދި އިސްލާމްދީން ދެކޭގޮތުގައި ކަންދެއްކުމަކީ ޝިރުކުގެ ބާވަތެއް ކަމަށެވެ. ކުރާ އަމަލާއި މަސައްކަތުގައި އިޚްލާސްތެރިކަމެއް ނެތި ބޭރުފުށުން އެއީ ރަނގަޅު އަމަލުތަކެއް ކަމުގައި ފެނުނަސް އެވާނީ ފާސިދު އަމަލުތަކެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ އިޚްލާސްތެރިކަމުގެ ނޫރަކީ އޭގެ އަލިކަމުން ނަފްސަށް އުޖާލާކަން ލިބޭ ނޫރެއް ކަމަށެވެ. އިންސާނާ އޭނާގެ އަމިއްލަ އެދުންތަކާ ދުރުހެލިވާނަމަ މާތް ﷲގެ ހަސްރަތަށް ރުޖޫއަވެ، އެކަލާނގެ އަޒާބަށް ބިރުގަތުމަށް ޚުތުބާގައި ގޮވާލާފައިވެއެވެ.

ޚުތުބާގައި ބުނީ ދުނިޔޭގެ އަރާމާއި ނަފްސުގެ ބައެއް އެދުންތަކަކީ ވެސް ރަނގަޅު ހެޔޮ ނިޔަތެއްގައި ކުރެވިއްޖެނަމަ މާތް ﷲގެ ހަޟްރަތާ ކުއްތަން ކުރުވަނިވި އަމަލެއް ކަމަށެވެ. ތިމާ ކައިބޮއި އުޅެނީ އެއިން ހަށިގަނޑުގައި ވަރުޖައްސައި މާތް ﷲ އެންގެވި ގޮތަށް ދިރިއުޅުމަށް ފުރިހަމަ ސިއްހަތެއް ހޯދުމަށް ކަމުގައިވާނަމަ އެއީ ސަވާބު ލިބޭނެ ކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް