ރީތިކަމަށް މަޝްހޫރު އިޓަލީގެ އަވަށަކަށް ޒިޔާރަތްކުރާ ޓުއަރިސްޓުންނާއި އަދި އެތަނުގެ އަހުލުވެރިންވެސް ސެލްފީ ނަގާތަން ފެނިއްޖެނަމަ ސަރުކާރުން ބޮޑު ޖޫރިމަނާއެއް ނަގަން ފަށައިފިއެވެ.
އިޓޭލިއަން ރިވިއޭރާއާ އިންވެގެން އޮންނަ ރީތި އަވަށް، ޕޯޓޯ ފީނޯއަކީ އިޓަލީގެ ތަންތަން ބަލާލުމަށް ދަތުރުކުރާ ފަތުރުވެރިންގެ ޝައުގުވެރިކަން ދަމައިގަންނަ މައިގަނޑު އެއް އަވަށެވެ. ކުލަކުލައިގެ ގެތަކުން އެތަނެއްގެ ޒީނަތްތެރިކަން އިތުރުކޮށްދޭ ޕޯޓޯފީނޯގައި މެހެމާނުންގެ ހިތްއެދޭފަދަ ސީފުޑް ރެސްޓޯރެންޓްތަކާއި އަގުބޮޑު ބުޓިކްތައް ހުރެއެވެ. ނަމަވެސް މި އަވަށުގައި މެހެމާނުން ވަރުބަލި ފިލުވާލަން މަޑުކޮށްލާނެ ތަންތަނެއްވެސް ނުހުރެއެވެ. ސަރުކާރުން މިހެން ހަދާފައިވަނީ މަގްބޫލު ޓުއަރިސްޓް ސްޕޮޓްތަކުގައި ފަތުރުވެރިން މާގިނައިރު ހުއްޓި ތިބެ، އަދި އެތަންތަނަށް ބޮނޑިވެދާނެތީ ކަމަށް ވެއެވެ. މި އަވަށުތެރޭގައި އުޅޭއިރު ޚާއްސަ ވަކި ތަންތަނުގައި ސެލްފީ ނަގާތަން ފެނިއްޖެނަމަ ތިންސަތޭކައެއްހާ ޔޫއެސް ޑޮލަރުން އެމީހަކު ޖޫރިމަނާކުރެއެވެ. މިހެން ހަދާފައިވަނީ މަގުމަތީގައި ފޮޓޯ ނެގުމަށްޓަކައި ހުއްޓި ތިބޭތިބުމުން ތޮއްޖެހުން ކުޑަކޮށް، އަދި ފަތުރުވެރިންގެ ސަބަބުން ޓްރެފިކަށް ހުރަސް އެޅުނަ ނުދިނުމަށް ޓަކައެވެ.
ސެލްފީ ނެގުން ބޮޑަށް މަނާކޮށްފައިވަނީ އެގައުމުގައި ފާހަގަކުރާ އީސްޓަރ ޗުއްޓީއާ ދިމާކޮށެވެ. ނަމަވެސް މިހާރު ނިންމާފައިވަނީ އޮކްޓޯބަރުގެ ނިޔަލަށް މި ގަވާއިދަށް އަމަލު ކުރާގޮތަށެވެ. ނަމަވެސް މަނާ ތަންތަނުގައި ކޮންމެހެން ފޮޓޯ ނަގަން އެދޭ މީހުންނަށް، އިރުއޮއްސި 6ގެ ފަހުން އެކަމުގެ ފުރުސަތު ދެވެއެވެ.
ޚާއްސަ ތަންތަނުގައި ސެލްފީ ނެގުން މަނާކޮށްފައިވަނީ ހަމައެކަނި އިޓަލީގެ ޕޯޓޯފީނޯއަކު ނޫނެވެ.
ޖަޕާނުގެ ރޭލްވޭސްގެ ފަރާތުންވެސް ވަނީ ރޭލުގައި ދަތުރުކުރާ ފަރާތްތަކުން ސެލްފީ ސްޓިކް ބޭނުންކޮށްގެން ސެލްފީ ނެގުން މަނާކޮށްފައެވެ. މިހެން ހަދަންޖެހުނީ, ފޮޓޯ ނަގަން އުޅުމުގެ ތެރޭގައި، ރޭލުގެ މަތިން ގޮސްފައި އޮންނަ ވައިރުތަކުގައި ސެލްފީ ސްޓިކް ޖެހި ކަރަންޓުގައި ޖެހިދާނެތީ ކަމަށް އަންގާފައި ވެއެވެ.
އިނގިރޭސިވިލާތުގެ ޓަވަރ އޮފް ލަންޑަންގެ ބައެއް ހިސާބުތަކުގައިވެސް ސެލްފީ ނެގުން ވަނީ މަނާކޮށްފައެވެ. މިހެން ހަދާފައިވަނީ ކްރައުން ޖުވެލްސް ނުވަތަ ޝާހީ އާއިލާގެ ތެރޭން ވާރުތަވާ ތާޖުކޮޅާއި އެހެންވެސް އަގުބޮޑު ޖަވާހިރުގެ ރައްކާތެރިކަމަށްޓަކައެވެ.
ސްޕެއިންގައި އަހަރަކު އެއްފަހަރު އޮންނަ ގެރި ދުއްވާ ފެސްޓިވަލްގައިވެސް ސެލްފީ ނެގުން ސަރުކާރުން ވަނީ މަނާކޮށްފައެވެ. އެކަން މަނާކުރީ ދުވާ ގެރިތަކާއެކު ސެލްފީ ނަގަން އުޅެނިކޮށް މީހަކަށް ބޮޑު ގެއްލުމެއް ލިބިދާނެތީއެވެ. މިދުވަސްވަރު ސެލްފީ ނަގައިފިނަމަ އެމީހަކު ތިންހާސް ޑޮލަރުން ޖޫރިމަނާކުރެއެވެ.
ސާރިދޯޅު ގިނައިން އުޅޭ ތަނެއްކަމަށްވާ ކެލިފޯނިޔާގެ ލޭކް ޓެހޯގައިވެސް ވަނީ ސެލްފީ ނެގުން މަނާކޮށްފައެވެ. އެތަނުގެ އޮފިޝަލަކު މައުލޫމާތު ދިންގޮތުގައި، އެހެން ހަދަންޖެހުނީ ބައެއް މީހުން ސެލްފީ ނެގުމަށްޓަކައި ސާރިދޯޅުތަކާ ދިމާއަށް ދުވެފައި ދިއުންފަދަ ކަންތައް އާންމުވާން ފެށުމުންނެވެ.