ކ. މާލެ
|
19 އޭޕްރިލް 2023 | ބުދަ 11:45
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މަޖިލީހަށް ބެޖެޓު ހުށަހަޅުއްވަނީ
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މަޖިލީހަށް ބެޖެޓު ހުށަހަޅުއްވަނީ
ރައްޔިތުންގެ މަޖިލިސް
ތޮއްޑޫގެ އައު ހެލްތު ސެންޓަރު
"ތޮއްޑޫގެ އައު ހެލްތު ސެންޓަރުގެ ބިޑް ލަސްވީ ޓެކްނިކަލް ޑޮކިއުމެންޓުތަކަށް ބަދަލު އައުމުން"
ބިޑަށް ހުޅުވާލާނީ 2023 ވަނަ އަހަރުގެ އެޕްރިލް މަހުގެ 6 ވަނަ ވާ ބުރާސްފަތި ދުވަހު

އއ.ތޮއްޑޫގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 30 އެނދުގެ އައު ހެލްތު ސެންޓަރު ޢިމާރާތްކުރުމުގެ ބިޑުގެ މަސައްކަތް ލަސްވީ ޓެކްނިކަލް ޑޮކިއުމެންޓްތަކަށް ބަދަލު އައުމުން ކަމަށް މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން ވަނީ އއ.ތޮއްޑޫގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 30 އެނދުގެ އައު ހެލްތު ސެންޓަރު ޢިމާރާތްކުރުމަށް ބިޑުކުރެވި އިވެލުއޭޓްކުރުމުގެ މަސައްކަތް ނިމި ކޮންޓްރެކްޓަރާ ޙަވާލުކުރެވޭނީ ކިހާ ހިސާބެއްގައިތޯ ސުވާލުކުރައްވާފައެވެ. އަދި އެ މަސައްކަތް ކުރިއަށްގެންދިއުމަށް ރޭވިފައިވަނީ ކިހިނެއްތޯ އާއި ހޮސްޕިޓަލް ނިމޭއިރު ކޮންކަހަލަ ޚިދުމަތްތަކެއް ލިބެން ހުންނާނެތޯ ސުވާލުކުރައްވާފައެވެ.

އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު އަމީރު ވިދާޅުވީ އއ.ތޮއްޑޫގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 30 އެނދުގެ އައު ހެލްތު ސެންޓަރުގެ ޓެކްނިކަލް ޑޮކިއުމެންޓުތަކަށް ބަދަލު އައިސްފައިވާ ކަމަށެވެ. އެ މަސައްކަތުގެ ބިޑް ލަސްކުރީ އެ ސަބަބާއި ހުރެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންނަމަވެސް މިހާރު ބިޑް ހުޅުވާލުމަށް ހަމަޖެހިފައިވާ ކަމަށާއި ބިޑަށް ހުޅުވާލާނީ 2023 ވަނަ އަހަރުގެ އެޕްރިލް މަހުގެ 6 ވަނަ ވާ ބުރާސްފަތި ދުވަހު ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެ ހެލްތު ސެންޓަރުގެ މަސައްކަތަކީ މިނިސްޓްރީ އޮފް ހެލްތުން 30 އެނދުގެ ހެލްތު ސެންޓަރުތަކަށް ކަނޑައަޅާފައިވާ ހުރިހާ ޚިދުމަތެއް ލިބެން ހުންނާނެހެން ކުރިއަށްގެންދާ މަސައްކަތެއް ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް