މިތަނަށް މިއަހަރު ފުރޭނީ 47 އަހަރެވެ. މިހިޔާވަހިކަމުގެ ދަށުގައި އެކަކު ގުނަމުން އެދަނީ އޭނާގެ ހަޔާތުން 40 ވަނަ އަހަރެވެ. މިތަނުގައި މީހަކު ނެތް ރާއްޖޭގެ ހަމަ އެއްވެސް އަތޮޅެއް ނެތެވެ. ތަނުގެ ޖާގައަކީ 160 އެވެ. އެކަމަކު އަބަދުވެސް މިތަނުގައި ދުއިސައްތައެއްހާ މީހުން ތިބެއެވެ. މިވަގުތުވެސް މިތަނުގައި 201 މީހުން އެބަތިއްބެވެ. ތަނުގައި ތިބި މީހުންނަށްވުރެ ހާލަތު ގޯސް މީހުން ހިމެނޭ ގޮތަށް ކިޔޫގައި ދިގު ލިސްޓެއް އެބައޮތެވެ. މިއީ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒެވެ. ކ.ގުރައިދޫގައި ޤާއިމްކޮށް ޚިދުމަތް ދެމުންދާ މަރުކަޒުގެ އުމުރުން ކޮންމެ އަހަރެއް ނިމިގެންދާއިރުވެސް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޢާއްމު ހާލަތުގައި އެހެން މީހުން ދިރިއުޅޭފަދައިން އުޅެވޭނެފަދަ ބަޔަކު ހަތަރުފާރު ތެރޭގައި ބަލަހައްޓަން ޖެހުމެވެ. އަދި އޭގެ ސަބަބުން ހާލަތު ގޯސް ބަޔަކަށް ފުރުޞަތު ނުދެވި މަޑުކުރަން ޖެހުމެވެ.
ވެއިޓިންގ ލިސްޓްގައި މަރުކަޒަށް ދާން ތިބި މީހުންގެ ހާލަތަށްވުރެ ހާލަތު ރަނގަޅު މީހުން އެބަތިބި މަރުކަޒުގައި, އެމީހުންގެ އާއިލާ އަނބުރާ އެމީހުންނާ ހަވާލުވެ ބަލައިގަންނާނެ ނަމަ. ވެއިޓިންގ ލިސްޓްގައި ހާލުދެރަކޮށް ތިބި މީހުންނަށް އަޅުގަނޑުމެންނަށް ޖާގަ ދެވޭނެއައިޝަތު މުޙައްމަދު ދީދީ/ މިނިސްޓަރ އޮފް ޖެންޑަރ, ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
މިއާއެކު ފާހަގަކޮށްލަން ޖެހޭކަމަކީ މަރުކަޒުގައި ތިބި މީހުންނަށްވުރެ މާހާލަތު ގޯސް މީހުން އާއިލާތަކުގެ ލޯތްބާއި އޯގާތެރިކަމުގެ ހިޔާވަހިކަމުގެ ދަށުގައިވެސް ތިބިކަމެވެ. އެތަކެއް އަހަރު އެފަދަ މީހުން ލޯތްބާއެކު ބަލަމުންދާ އާއިލާތައް ތިބިކަމެވެ. އޭގެތެރޭގައި މާ ބުރަކޮށް, އެކަނި ދިރިއުޅެމުންދާ ފަރާތްތައްވެސް ހިމެނެއެވެ.
އަޅުގަނޑު ވަރަށްފަހުން އައްޑޫ ސިޓީ މަރަދޫއަށް ގޮސް ޒިޔާރަތްކުރި ގެއެއްގައި, އަޅުގަނޑަށް ހީވަނީ ދިވެހިރާއްޖޭގައި އުމުރުން އެންމެ ދޮށީ ފިރިހެނަކަށް ޑައުންސިންޑްރޯމް ހުރި ފަރާތްހެން އެއީ. މިހާރު އުމުރުން ފަސްދޮޅަސް އަހަރާ ގާތްކޮށް އެދަނީ. ހާދަ ރަނގަޅަށޭ އެބަލަނީ. އެއްބަނޑު މީހަކު އެބަލަނީ. އެމީހާއާއި އެމީހާގެ ފިރިމީހާއާ. މަންމަ ނިޔާވީމަ ތިމަންނަމެން ގެނެސްގެން ބަލަނީއޭ ބުނީއައިޝަތު މުޙައްމަދު ދީދީ/ މިނިސްޓަރ އޮފް ޖެންޑަރ, ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
މިދިޔަ އަހަރު ތަކުގެ ތެރޭގައި އެމަރުކަޒަށް އައި އެންމެބޮޑު އެއް ބަދަލަކީ ކުރިން އެއީ ވަންނާނެ ގެދޮރެއް ބަލާނެ މީހަކު ނެތް ބަޔަކު ބަލަހައްޓަމުން ދިޔަ މަރުކަޒެއް ނަމަވެސް, ބަލާނެ މީހުން ތިބެ, ވަންނާނެ ގެދޮރު ހުރެ ނަމަވެސް ނަފްސާނީ ބަލީގެ ގޮތުން މުޖުތަމައުގެ ތެރޭގައި ގެންގުޅެން ދަތިވެގެން "ވަގުތީ" ގޮތުން މީހުން ގެންގޮސް ބަލަހައްޓާ މަރުކަޒަކަށް ވުމެވެ.
ވަންނާނެ ގެދޮރެއް ނެތް, ބަލާނެ މީހަކު ނެތް މީހުން މަރުކަޒުގައި ތިބި ނަމަވެސް ގިނަ މީހުންނަކީ ހޮސްޕިޓަލަކުން ނުވަތަ ސެންޓަރ ފޮރ މެންޓަލް ހެލްތުން ޑޮކްޓަރެއް ރިޕޯރޓް ކުރައްވައިގެން ބޭސްފަރުވާކޮށް ފަސޭހަވުމުން އަނެއްކާވެސް އަނބުރާ މުޖުތަމައުއަށް ބަދަލުކުރަން ގެންދާ މީހުންނެވެ. ނަމަވެސް އަނބުރާ މުޖުތަމައުއަށް ބަދަލުކުރުމަކީވެސް ފަސޭހަކަމެއްނޫނެވެ. ވަގުތީ ގޮތުން ގެންދެވޭ މީހުން ދާއިމީވެ, އަހަރުތަކެއް ވަންދެން ދައުލަތުން ބަލަހައްޓަން ޖެހުމަކީ ބޮޑު ގޮންޖެހުމެކެވެ. 25 އަހަރު, 20 އަހަރު, 15 އަހަރު ދައުލަތުގެ ބެލުމުގެ ދަށުގައި ގުރައިދޫ މަރުކަޒުގެ ހަތަރު ފާރުގެ އެތެރޭގައި ބަލަހައްޓަން ޖެހުމަކީ މުޖުތަމައެއްގެ ގޮތުން އެންމެންވެސް ވިސްނާލަން ޖެހޭކަމެކެވެ. ވަކިން ޚާއްޞަކޮށް އެމީހުންގެ އާއިލާތަކުން އިތުރަށް ވިސްނާ އެމީހުންނަށް މުޖުތަމައުގެ ތެރޭގައި އާއިލާއާއެކު އުޅެވޭނެ ގޮތެއް ހޯދަން ޖެހޭ ކަމެކެވެ. އާއިލާއާއި މުޖުތަމައުގެ ލޯތްބާއި އޯގާތެރިކަމުން އެމީހުން މަހުރޫމްވެފައިވާ ދުވަސްތައް އަނބުރާ ހޯދައި ނުދެވުނަސް, ބާކީ އޮތް ދުވަސްތަކުގައި އެލޯބި ދެވޭނެ ގޮތްތަކެއް ހޯދަން ޖެހިފައިވާ ކަމެކެވެ.
ގުރައިދޫގައި ހުންނަ ޚާއްސަ ރައްކާތެރިކަން ބޭނުންވާ މީހުންގެ ގެއަށް އަޅުގަނޑު ޒިޔާރަތްކުރާ ކޮންމެ ފަހަރަކު ދުވަސްވީ ރަނގަޅަށްތިބޭ, މީހުން އައިސް އަތުގަ ހިފާލާފަ އަބަދުވެސް އެއްވާހަކައެއް ބުނަނީ. ގެއިން ގުޅައޭ, ބުނެއޭ ގެންދާނަމޭ, ކީއްވެހޭ ނުގެންދަނީ. ދެން އަޅުގަނޑު އެނބުރި އައިސް ބަލަން, އެއާއިލާއަކުން އެބައޮތްތޯ ގެންދަން ސިޓީއެއްލާފަ ނޫނީ އެދިފަ. ނޯންނާނެ. މީ ވަރަށް ދުވަސްވީ މީހުން އެތަނުގައި ދިރިއުޅޭތާ. އެމީހުންގެ ހާލަތު ރަނގަޅު. އެމީހުން ބޭސްކައިގެން އަދި ފަރުވާ ހޯދައިގެން ޢާއްމުކޮށް ދަންނަވާކަމަށް ވަންޏާ ހަމަ ދުނިޔޭގައި އެހެންމީހުންވެސް އުޅޭހެން, އުޅެވޭހާ ރަނގަޅަށް އެއުޅެނީއައިޝަތު މުޙައްމަދު ދީދީ/ މިނިސްޓަރ އޮފް ޖެންޑަރ, ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
މީގެ ބާރަ ވަރަކަށް އަހަރު ކުރިން ނޫސްވެރިއެއްގެ ގޮތުގައި އެމަރުކަޒަށް ތަކުރާރުކޮށް ޒިޔާރަތްކުރުމުގެ ފުރުޞަތު އަޅުގަނޑަށް ލިބުނެވެ. އަހަރުތަކެއް ފަހުން ލިބުނު ފުރުޞަތެއްގައި އެމަރުކަޒަށް ޒިޔާރަތްކުރިއިރުވެސް އެއް މޫނުތަކެއް ބައްދަލުކުރިއެވެ. ފެނުމުން ކައިރިއަށް އައިސް ވާހަކަ ދައްކައެވެ. ގެއަށްދާން ބޭނުންކަމަށް ބުނެއެވެ. އާއިލާ މީހުން ކައިރީ ބަލާ އައިސްދިނުމަށް އެދެއެވެ. އާއިލާ މީހުން ޒިޔާރަތްކުރި ނަމަވެސް ގެއަށް ނުގެންދާކަމުގެ ޝަކުވާ ކުރެއެވެ. ވަޒީފާ އަދާކުރަން ބޭނުންވާކަން ހާމަކުރެއެވެ. ރިސޯރޓަށް ދާން ބޭނުންވާކަމަށް ބުނެއެވެ. މީހަކާ އިންނަން ބޭނުންވާ ވާހަކަވެސް ހިއްސާކުރެއެވެ. ދަރިން ކައިރި އުޅެން ބޭނުންވާހަކަ ބުނެއެވެ. މިއީ އަޅުގަނޑުމެން ފަދައިން މުޖުތަމައުގެ ތެރޭގައި އާއިލާއާއެކު ދިރިއުޅެވޭނަފަދަ ބައެއްގެ ވާހަކައެވެ. އެފަދަ ބައެއްގެ އަޑުތަކެވެ. އެމީހުން އެތަނުގެ ތެރޭގައި ދަނޑު ހައްދައެވެ. ބަންގި ގޮވުމުން ވުޟޫކޮށްގެން މިސްކިތަށް އަރާ ނަމާދުކުރެއެވެ. މިސްކިތަށް ދިއުމަށް ދައުވަތުދެއެވެ. މަރުކަޒުގެ ގޯތިތެރޭގައި ކޮޅުކޮޅަށް ހިނގާ, ޖޯލިފަތިތަކުގައި އިށީނދެ ހަރަކާތްތެރިވަމުން ދިޔައިރު އަޅުގަނޑުގެ ހިތަށް އަރަމުން ދިޔަ ސުވާލަކީ އެމީހުންގެ އުމުރުގެ ބާކީބައިވެސް ހޭދަކުރާނީ މިހަތަރު ފާރުގެ ތެރޭގައިތޯއެވެ. ޔަޤީނުންވެސް އެމީހުންގެ ކޮންމެ ހަރަކާތަކުން, އެމީހުންގެ ކޮންމެ ސުވާލަކުން, އެމީހުންގެ ކޮންމެ އިޝާރާތަކުން ބުނެދެނީ އެމީހުންނަކީ ޢާއްމު ދިރިއުޅުމެއް އުޅެވިދާނެ ބައެއްކަމެވެ. ލޯތްބާއި އޯގާތެރިކަމާއެކު މިނިވަން އުފާވެރި މުޖުމަތައުއެއްގެ ތެރޭގައި އުޅެން ބޭނުންވާކަމެވެ.
މިނިސްޓަރ އޮފް ޖެންޑަރ, ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން މައުލޫމާތުދެއްވި ގޮތުގައި މުޖުތަމައުގެ ތެރޭގައި ދިރުއުޅެވޭނެ ހާލަތުގައި ތިބި 23 މީހުން މިވަގުތުވެސް އެބަތިއްބެވެ. އެކަމަކު އެމީހުން ދޫކޮށްލި ނަމަވެސް ހަވާލުވާނެ އާއިލާއެއް ނެތުމުން ދިރިއުޅެމުން އެދަނީ އެމާހައުލުގައެވެ. އެމީހުން އެތިބީ އާއިލާއިން ހަވާލުވާނެ ވަގުތެއްގެ އިންތިޒާރުގައެވެ.
ވަގުތީ ގޮތުން ގެންދެވޭ މީހުން މުޖުތަމައުގެ ތެރޭގައި އުޅެވޭފަދަ ހާލަތަކަށް ބަދަލުވުމުން އަނބުރާ މުޖުތަމައުއަށް ގެންދިއުމުގައި މިދިޔަ ދެތިން އަހަރެއްގެ ތެރޭގައި ކުރިއެރުންތަކެއް ލިބިފައިވާކަންވެސް މިނިސްޓަރު އައިޝަތު މުޙައްމަދު ދީދީ ފާހަގަކުރެއްވިއެވެ. އެގޮތުން 2020 ވަނަ އަހަރު 16 މީހުން, 2021 ވަނަ އަހަރު 14 މީހުން, 2022 ވަނަ އަހަރު 20 މީހުން އަދި މިއަހަރުގެ މިހާތަނަށް 8 މީހުން ވަނީ އަނބުރާ މުޖުތަމައުއަށް ބަދަލުކޮށްފައެވެ. އާއިލާތަކުން ހަވާލުވެފައެވެ. މާނައަކީ އާއިލާތަކުން ނުވަތަ މުޖުތަމައުއިން ބަލައިގަން މިންވަރަށް ބަދަލުތަކެއް އަންނަމުން ދިއުމެވެ. ވަކިން ޚާއްޞަކޮށް ގުރައިދޫގެ ރައްޔިތުން މަރުކަޒުގައި ތިބި މީހުން ބަލައިގަންނަ މިންވަރު ވަރަށްބޮޑުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އެއީ އަޅުގަނޑުމެން ފުރުޞަތުދެން ހަވީރު ހިނގާލަން ނިކުންނަން. އެބަތިބި ހަމަ ބޭސްކައިގެން އެހެން އެއްވެސް މީހަކަށް އެމީހެއްގެ ފަރަތުން އުނދަގުލެއް ނުކޮށް އެހެން މީހުންވެސް އުޅޭގޮތަށް އުޅޭ މީހުން. އެފަދަ މީހުން ހަވީރު ނިކުމެ ހިނގާލަންގޮސް, މުޖުތަމައުގައި ކެފޭތަކަށް ވަދެލާ ކޮފީއެއް ބޯލައިގެން އެނބުރި އައިސް ގެއަށް ވަންނަހެން އެބައާދޭ. އެގޮތަށް އުޅޭއިރު އެއްވެސްކަހަލަ ފުރައްސާރަކުރުމެއް ނޫނީ ރައްޔިތުން ނުތަނަވަސްވެގެން ހިތްހަމަ ނުޖެހިގެން އުޅޭތަނެއް ނުފެނޭ. އެހެންވީމަ އެއީވެސް ބަލައިގަތުމެއްކަމަށް އަޅުގަނޑުމެން ދެކެނީއައިޝަތު މުޙައްމަދު ދީދީ/ މިނިސްޓަރ އޮފް ޖެންޑަރ, ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ކޮންމެ މުޖުތަމައުއެއް, ކޮންމެ އާއިލާއެއް ވާންވީ ޚާއްޞަ އެހީތެރިކަން ބޭނުންވާ މީހުން ބަލައިގަން މުޖުތަމައުއަކަށް, އާއިލާއަކަށެވެ. ލޯތްބާއެކު އެމީހުންނަށް އަޅާލާ, ފަރުވާ ދީގެން ޢާއްމު ދިރިއުޅުމެއް ހޯދައިދޭން މަސައްކަތްކުރާ ފަރުދަކަށެވެ. ޚާއްޞަކޮށް އެފަދަ އެހީތެރިކަމަށް ބޭނުންވާ މީހުން ތިބި އާއިލާތަކުން މިނިސްޓްރީއާ އިތުރަށް ވާހަކަ ދައްކައިގެން ބޭނުންވާ އެހީތެރިކަން ހޯދައިގެން އާއިލާގެ ތެރޭގައި އާއިލާގެ ހަމަ ކޮންމެ މެންބަރަކު ގެންގުޅެވޭނެ މަގެއް ހޯދައިގެން ނޫނީ މިކަމަށް ހަޤީޤީ ފަރުވާއެއް ނެތެވެ.