ކ. މާލެ
|
16 އޭޕްރިލް 2023 | އާދީއްތަ 09:54
ޖަޕާންގެ ބޮޑުވަޒީރު ފުމިއޯ ކިޝިޑާ
ޖަޕާންގެ ބޮޑުވަޒީރު ފުމިއޯ ކިޝިޑާ
ރޮއިޓާސް
ޖަޕާންގެ ބޮޑުވަޒީރު ފުމިއޯ ކިޝިޑާ
ސްމޯކް ބޮމުގެ ހަމަލާއަށްފަހު ޖަޕާންގެ ބޮޑުވަޒީރު އަލުން ކެމްޕެއިން ހަރަކާތްތަކަށް ނުކުންނަވައިފި
ކިޝިޑާ ވަނީ މިހާދިސާގެ ސަބަބުން ގިނަބައެއްގެ ހިތްތަކަށް ބިރުވެރިކަމާ ނުތަނަވަސްކަން ވެރިވިކަމަށްޓަކައި މާފަށް އެދިވަޑައިގެންފައި
މިވަގުތަކީ އެގައުމުން މުހިންމު އިންތިހާބަކަށް ތައްޔާރުވަމުންދާ ވަގުތުކަމުން މިމަސައްކަތްތައް ގުޅިގެން ކުރަން ޖެހޭ ކަމަށް ކިޝިޑާ ވަނީ ވިދާޅުވެފައި
ކިޝިޑާ ވަނީ ހޮނިހިރު ދުވަހުގެ ހާދިސާ ފުލުހުން ތަހުގީގުކުރަމުންދާ ކަމަށް ވިދާޅުވެފައި

ޖަޕާންގެ ބޮޑުވަޒީރު ފުމިއޯ ކިޝިޑާއަށް އަމާޒުކޮށް ދިން ސްމޯކް ބޮމުގެ ހަމަލާއަށްފަހު އެމަނިކުފާނު އަލުން ކެމްޕެއިން ހަރަކާތްތަކަށް ނުކުންނަވައިފިއެވެ.

ޖަޕާނުގެ އޯސަކަ ސިޓީގެ ހުޅަނގު ދެކުނުގައި ހުންނަ ވަކަޔަމަ ޕްރެފެކްޗަރގައި، ސައިކަޒަކި މަސްވެރިންގެ ބަނދަރުގައި، ކިޝިޑާ އާންމުންނާ މުހާތަބުކުރައްވައި ވާހަކަފުޅުދައްކަވަން ހުންނަވަނިކޮށް، ހޮނިހިރު ދުވަހު، އާންމުންގެ މީހަކު ވަނީ ސްމޯކް ބޮމެއް އެއްލައި ކިޝިޑާއަށް ހަމަލާދޭން މަސައްކަތްކޮށްފައެވެ.

އާންމުންގެ ތެރެއިން މީހަކު ސްމޯކް ބޮމެއް އެއްލުމާއެކު، ބޮޑުވަޒީރު ވަނީ ރައްކާތެރި ހިސާބަކަށް ގެންގޮސްފައެވެ. މިހަމަލާގައި އެމަނިކުފާނަށް އެއްވެސް އަނިޔާއެއް ލިބިވަޑައިގެންފައި ނުވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ޖަޕާނުގެ ފުލުހުން މިހާރު ވަނީ އެބޮން އެއްލި މީހާކަމަށް ޝައްކުކުރެވޭ މީހާ ހައްޔަރުކޮށްފައެވެ.

އަލުން ކެމްޕެއިން ހަރަކާތްތަކަށް ނުކުމެވަޑައިގެން ކިޝިޑާ ވަނީ ހޮނިހިރު ދުވަހުގެ ހާދިސާ ފުލުހުން ތަހުގީގުކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި މިވަގުތަކީ އެގައުމުން މުހިންމު އިންތިހާބަކަށް ތައްޔާރުވަމުންދާ ވަގުތުކަމުން މިމަސައްކަތްތައް ގުޅިގެން ކުރަން ޖެހޭ ކަމަށް ކިޝިޑާ ވަނީ ވިދާޅުވެފައެވެ.

ކިޝިޑާ ވަނީ މިހާދިސާގެ ސަބަބުން ގިނަބައެއްގެ ހިތްތަކަށް ބިރުވެރިކަމާ ނުތަނަވަސްކަން ވެރިވިކަމަށްޓަކައި މާފަށްވެސް އެދިވަޑައިގެންފައެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގެ 8 ވަނަ ދުވަހު ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ، އެގައުމުގެ ދެކުނުގެ ސިޓީ އެއްކަމަށްވާ ނާރާގައި ބޭއްވުނު ކެމްޕެއިން ހަރަކާތަކަށް ވަޑައިގެން ހުންނަވަނިކޮށް, އާންމުންގެ މީހަކު ދިން ހަމަލާއެއްގައި ވަނީ އަވަހާރަވެފައެވެ.

މިހާރުގެ ބޮޑުވަޒީރަށް އަމާޒުކޮށް ދިން ހަމަލާއަށްފަހު އެގައުމަށް ވަނީ އަބޭއަށް ހަމަލާދިން ހާދިސާގެ ހަނދާންތައް އާވެފައެވެ. މިދެ ހާދިސާ އަކީ މުޅި ޖަޕާނަށް ސިހުން ގެނުވި ދެ ހާދިސާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް