ތިން ރަށެއްގައި ކޯލްޑް ސްޓޯރޭޖް ގާއިމްކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފިއެވެ.
މި މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވަނީ ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ އެހީގައެވެ. ފިނޭންސް މިނިސްޓްރީން މިހާރު ވަނީ މި މަސައްކަތަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައެވެ.
ފިނޭންސް މިނިސްޓްރީން އިޢުލާންކޮށްފައިވަނީ ގއ. ކޫއްޑޫ، ކ. ކަނޑުއޮތްގިރި އަދި މ. މުލަކުގައި ކޯލްޑް ސްޓޯރޭޖް އެންޑް އެސޯސިއޭޓެޑް އެންސިލަރީ ފެސިލިޓީސް ޑިވެލޮޕް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށެވެ.
މި މަޝްރޫއު ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ 3 ލޮޓްއަކަށް ބަހާލައިގެންނެވެ. އެގޮތުން ކޫއްޑޫގައި އިތުރު 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީއާއި ޕަވަރ އިމްޕްރޫވްމަންޓްގެ މަސައްކަތާއި ކަނޑުއޮތްގިރީގައި 200 ޓަނުގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީއާއި ބްލާސްޓް ފްރީޒިންގް ފެސިލިޓީގެ މަސައްކަތުގެ އިތުރުން މުލަކުގައި 500 ޓަނުގެ ކޯލްޑް ސްޓޯރޭޖް ޑިވެލޮޕް ކުރުމުގެ މަސައްކަތް ހިމެނެއެވެ.
މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ލިމިޓެޑް އިންޓަރނޭޝަނަލް ބިޑިންގ (އެލް.ސީ.ބީ) އުސޫލުގެ މަތިން، ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ 'ގައިޑްލައިން ފޯ ޕްރޮކިއުމަންޓް އޮފް ގުޑްސް އެންޑް ކޮންޓްރެކްޓިންގ ފޯ ދަ އެގްސެކިއުޝަން އޮފް ވޯކްސް' އާއި އެއްގޮތްވާ ގޮތުގެ މަތިންކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ.
ބީލަމުގައި ބައިވެރިވުމަށް 1500 ރުފިޔާ ދައްކަން ޖެހޭއިރު އެ ފުރުޞަތު ވަނީ ޖޫން މަހުގެ 8 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައެވެ. އަދި ބިޑް ސެކިއުރިޓީގެ ގޮތުގައި 12000 އާއި 35000 ރުފިޔާއާ ދެމެދުގެ ޢަދަދަކަށް ފައިސާ ދައްކަން ޖެހެއެވެ. ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 12 ވަނަ ދުވަހުއެވެ.