ކ. މާލެ
|
14 އޭޕްރިލް 2023 | ހުކުރު 12:57
ހުކުރު ޚުތުބާ
ހުކުރު ޚުތުބާ
އިސްލާމިކް މިނިސްޓްރީ
ހުކުރު ޚުތުބާ
ފަހުދިހައިގައި ހީވާގިވެ، ލައިލަތުލްޤަދްރި ވިލޭރޭ ހޯދުމަށް ގަދައަޅާ މަސައްކަތް ކުރުމަށް ޚުތުބާގައި ގޮވާލައިިފި
މިދާ ދުވަސްތަކަކީ މަތިވެރި ދުވަސްތަކެއް
އެ ރޭގައި ކޯފާ ލެއްވުމެއް ނުވޭ
ލައިލަތުލްޤަދްރި ވިލޭރެއަކީ އަމާންކަމުގެ ރެއެއް

ރަމަޟާންމަހުގެ ފަހުދިހައިގައި ހީވާގިވެ، ލައިލަތުލްޤަދްރި ވިލޭރޭ ހޯދުމަށް ގަދައަޅާ މަސައްކަތް ކުރުމަށް ހުކުރު ޚުތުބާގައި ގޮވާލައިިފިއެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކަށް ''ރަމަޟާންމަހުގެ ފަހުދިހަ'' މިމައުޟޫއަށް އިއްވި ހުކުރު ޚުތުބާގައި ބުނީ މިދާ ދުވަސްތަކަކީ މަތިވެރި ދުވަސްތަކެއް ކަމަށާއި، ބަރަކާތްތެރި ރޭތަކެއް ކަމަށެވެ. އަދި އެ ރޭ ހޯދުމަށް ފަހު ދިހައިގައި ގަދައަޅައި މަސައްކަތް ކުރުމަށް ލޮބުވެތި ރަސޫލާ އިރުޝާދު ދެއްވާފައިވާ ކަމަށާއި، އެއީ ލައިލަތުލްޤަދްރި ގެ ނަމުން ނަންދެވިފައިވާ ބަރަކާތްތެރި ޝަރަފުވެރި ރެއެއް ކަމަށެވެ.

ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކުގައި ކީރިތި ރަސޫލާ، އެކަލޭނގެފާނުގެ އަނބިއަނބިކަނބަލުން ފަހު ދިހައިގެ ރޭތައް އިހްޔާ ކުރެއްވުމަށްޓަކައި އަވަހާރަފުޅުން ނެންގެވި ކަމަށާއި، އެކަލޭގެފާނު ވެސް ފަހު ދިހަައިގައި އަޅުކަން ކުރެއްވުމުގައި އެހެން ދުވަސްތަކަށްވުރެ ބޮޑަށް ހީވާގިވެ ވަޑައިގެން ގަދައަޅުއްވާ ހިއްމަތް ކުރެއްވި ކަމަށް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

ޚުތުބާގައި ބުނީ ލައިލަތުލްޤަދްރި ވިލޭރެއަކީ އަމާންކަމުގެ ރެއެއް ކަމަށާއި، އެއީ ސުލްހަ މަސަލަސްކަމުގެ ރެއެއް ކަމަށެވެ. އެ ރޭގައި ކޯފާ ލެއްވުމެއް ނުވާ ކަމަށާއި، އަޒާބު ދެއްވުމެއް ނެތް ކަމަށެވެ. އަދި މިއަމާންކަން ފަތިސްވެއްޖައުމަށް ދާންދެން މި ބިމުގައި އޮންނާނެކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ ރަމަޟާން މަހުގެ ފަހު ދިހައިގެ ސަވާބާއި ނަރަކައިން މުއްތި ކުރެއްވުން ލިބޭ ބާއްޖަވެރިން ކަމުގައިވޭތޯ އަތުކުރި އޮޅާލަންޖެހޭ ކަމަށާއި، އެކަމަށްޓަކައި ގަދައަޅައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި ވިސްނުންތޫނު ވިޔަފާރިވެރިއަކީ މި މޫސުމުގެ ބޭނުން އާޚިރަތަށްޓަކައި ހިފާ މީހާ ކަމަށާއި، އެންމެ މޮޅު ވިޔަފާރިވެރިއަކީ ﷲއަށް ކިޔަމަންގަތުން ކަމަށެވެ. އެއީ ގެއްލުމެއް ނެތް ވިޔަފާރިއެއް ކަމަށް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

ލައިލަތުލްޤަދްރި ވިލޭރޭގެ މާތްކަން ބަޔާކޮށް ދެއްވަމުން، މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. މާނައީ: ލައިލަތުލްޤަދްރި ވިލޭރޭ، އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ.
ޚުކުރު ޚުތުބާ

ލައިލަތުލްޤަދްރި ވަންހަނާ ކުރައްވާފައިވާކަން ފާހަގަކޮށް ޚުތުބާގައި ބުނީ އެއީ އެކަމަށް ޝައުގުވެރި ކުރެއްވުމަށްޓަކައި ކަމަށެވެ. އެއީ ރަމަޟާން މަހުގައިވާ ރެއެއްކަން ކަށަވަރު ކޮށްދެއްވި ކަމަށެވެ. އެރޭ ވަނީ ރަމަޟާން މަހުގެ ފަހު ދިހައިގެ އޮނަހިރި ރެއްގައި ކަމަށް ވެސް އިޝާރާތް ކުރެއްވިއެވެ. އަދި ލައިލަތުލްޤަދްރި ވިލޭރޭގެ އިޙްތިފާލުތަކުގައި މަލާއިކަތްބޭކަލުން ބައިވެރިވެޑައި ގަންނަވާނެއެވެ. އެބޭކަލުން ބިމަށް ފައިބާވަޑައިގެން މުއުމިނުންނަށް މާތްﷲ ލައްވާފައިވާ ހެޔޮކަންތައް ދެކެވަޑައިގަންނަވާނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޚުތުބާގައި ވަނީ ފިތުރުޒަކާތް ދެއްކުމަށާއި، ހަރޯދަ ހިފުމަށް ހަނދުމަކޮށްދީފައެވެ. ފިތުރުޒަކާތަކީ ފަގީރުންނަށް ތަނަވަސް ކޮށްދިނުމާއި އެމީހުންގެ ބޭނުންތައް ފުއްދައި ދިނުމަށްޓަކައި ދިއްކޮށްލެވޭ އެހީގެ އަތެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި ރަމަޟާން މަހު ރޯދަ ހިފުމަށްފަހު ޝައްވާލުމަހު އިތުރު ހަ ދުވަހު ރޯދަ ހިފުމުން ތިރީސް ހަ ދުވަހު ރޯދަ ހިފުނީ ކަމަށާއި، ކޮންމެ ރޯދައަކީ ދިހަ ހެޔޮ ކަން ކަމަށް ބުނެފައިވެއެވެ. އެހެންކަމުން ހަ ރޯދަ ހިފާ މީހަކަށް ތިން ސަތޭކަ ފަސްދޮޅަސް ހެޔޮކަން ލިބޭނެ ކަމަށާއި، އެއީ މުޅި އަހަރުގެ ދުވަސްތަކާއި އެއްވަރު އަދަދެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް