ކ. މާލެ
|
4 އޭޕްރިލް 2023 | އަންގާރަ 12:34
މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަލްފާޟިލް މުޙައްމަދު އަސްލަމް
މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަލްފާޟިލް މުޙައްމަދު އަސްލަމް
މަޖިލިސް
މާލެ ސަރަހައްދުން ގޯތި ދޫކުރުން
ސޯޝަލް ހައުސިންގެ ޕްރޮގްރެސް ރަނގަޅު، ފޯމްތައް އިވެލުއޭޓްކޮށް ޖޫން މަހު ކުރީކޮޅު ނިމޭނެ: އަސްލަމް
ހުށަހެޅުންތައް އިވެލުއޭޓްކޮށް ނިންމާ ދައުރު ނިމުމުގެ ކުރިން ގޯއްޗާއި ފްލެޓުތައް ހަވާލު ކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ
4،000 ސޯޝަލް ހައުސިން ޔުނިޓުގެ މަސައްކަތުގެ ސްޕީޑު ރަނގަޅު ކަމަށް މިނިސްޓަރ ވިދާޅުވި
ބައެއް ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތް ކުރިއަށް ދާ ކަމަށް މިނިސްޓަރ ވިދާޅުވި

ސަރުކާރުން އިމާރާތްކުރާ 4،000 ސޯޝަލްގެ ޕްރޮގްރެސް ނުވަތަ ކުރިއެރުން ރަނގަޅުކަމަށާއި، މާލެ ސަރަހައްދުން ދޫކުރާ ގޯއްޗަށް އެދި ކުރިމަތިލާފައިވާ މީހުންގެ ފޯމްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ކުރިއަށް އޮތް ޖޫން މަހުގެ ކުރީކޮޅު ނިންމާލެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

އަންގާރަ ދުވަހު މަޖިލީހުގައި މާލޭގެ މީހުންނަށް ދޫކުރާ ގޯއްޗާ ބެހޭ ގޮތުން ހޯރަފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ސަލީމް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ މާލެ ސަރަހައްދުގެ ގޯއްޗަށް އެދި ހުށަހެޅި ފޯމުތައް ބެލުމުގެ މަސައްކަތް ކުރަނީ ވަކި ކޮމިޓީއަކުން ކަމަށެވެ. އަދި އެވަލުއޭޝަންގެ މަސައްކަތް ނިމުމުން ކޮމިޓީން އެކަން އަންގާނެކަމަށެވެ. އެ މަސައްކަތް މޭއިގެ ނިޔަލަށް ނިންމާ، އޭގެ މައުލޫމާތު ޖޫން މަހުގެ ކުރީކޮޅު އެމަނިކުފާނަށް ފޯރުކޮށްދެވޭނެކަމަށް އަންދާޒާކުރައްވާ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ ވަނީ ސަރުކާރުން އިމާރާތްކުރާ 4،000 ސޯޝަލް ހައުސިން ޔުނިޓުގެ މަސައްކަތް ކުރިއަށްދާ ގޮތާއި މެދު ސުވާލުކުރައްވާފައެވެ. އެ މަސައްކަތުގެ ތެރެއިން ނިމުނީ ކިތައް ފްލެޓްތޯ އޭނާ ސުވާލުކުރެއްވިއެވެ.

Advertisement

ޖަވާބުގައި މިނިސްޓަރ ވިދާޅުވީ އެ މަސައްކަތް ކުރިއަށް ގެންދަނީ އިންޑިއާގެ ދެ ކުންފުންޏަކާއި ހަވާލުކޮށްގެން ކަމަށެވެ. އަދި އެ މަސައްކަތުގެ ސްޕީޑު ރަނގަޅުކަމަށާއި ބައެއް ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތް ކުރިއަށް ދާ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި މަސައްކަތް ކުރިއަށް ދާ ގޮތް ރަނގަޅު ކަމަށް ފާހަގަކުރެއްވިއެވެ.

މާލެ ސަރަހައްދުން ދޫކުރަން ހަމަޖެހިފައިވާ 3،000 ގޯއްޗަށް 15،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލިއެވެ. އަދި އެ ހުށަހެޅުންތައް އިވެލުއޭޓްކޮށް ނިންމާ ދައުރު ނިމުމުގެ ކުރިން ގޯއްޗާއި ފްލެޓުތައް ހަވާލު ކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 މިނެޓު ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް