Advertisement
ކ. މާލެ
|
29 މާރޗް 2023 | ބުދަ 11:40
52 މިލިއަން ދެއްކުމަށް ޔާމީންގެ މައްޗަށް ކުރި އަމުރުގެ އިސްތިއުނާފުގެ އަޑުއެހުން
52 މިލިއަން ދެއްކުމަށް ޔާމީންގެ މައްޗަށް ކުރި އަމުރުގެ އިސްތިއުނާފުގެ އަޑުއެހުން
ރާއްޖެއެމްވީ
ވ. އާރަށު މައްސަލަ
52 މިލިއަން ރުފިޔާ ދެއްކުމުގެ އަމުރުގެ ބޮޑު ސުވާލު: އެފަދަ އަމުރު ނެރެވޭނީ ހަމައެކަނި ޙުކުމް ކުރާ ވަގުތު ޙުކުމާއެކުތަ؟
އޭޕްރީލް 8 ގެ ކުރިން މި މައްސަލައިގައި ގޮތެއް ކަނޑައަޅަން ޖެހޭ
ޔާމީނުގެ ފަރާތުން ވަނީ އެއީ ޤާނޫނާ ޚިލާފު އަމުރެއްކަމަށް ކަނޑައަޅުއްވައި ދެއްވުމަށް އެދިފައި
ދައުލަތުން ދެކޭ ގޮތުގައި މި މައްސަލައިގައި ދިމާވެފައި މިވަނީ އިޖުރާއީ އައިބެއް

ވ. އާރަށު މައްސަލައިގައި 52 މިލިއަން ރުފިޔާ ދައުލަތަށް ދެއްކުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރި އަމުރުގެ އިސްތިއުނާފު އަޑުއެހުމެއް ބުދަ ދުވަހު ހައިކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ހައިކޯޓުގައި މި މައްސަލައިގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު މުޙައްމަދު ފައިސަލްއެވެ. ބެންޗުގައި ދެން ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު ދީބާނާޒް ފަހުމީއެވެ.

މި އަޑުއެހުމުގައި ޔާމީނުގެ ފަރާތުން ވަނީ އިސްތިއުނާފީ ނުކުތާތައް ދަންނަވާފައެވެ. އެގޮތުން ވ އާރަށު މައްސަލައިގައި ޔާމީނަށް ކުރި ޙުކުމުގައި ފައިސާ ހޯދުމުގެ އަމުރު ހިމަނާފައިނުވާކަމަށް ޔާމީނުގެ ވަކީލުން ވިދާޅުވިއެވެ.

ދައުލަތުން އެ އަމުރު ނެރުމަށް އެދިފައިވަނީ ދައުވާލިބޭ ފަރާތުން ކުށެއް ކުރުމުގެ ސަބަބުން އެ ފަރާތަށް ފައިސާއެއް ލިބިފައިވާނަމަ އަދި އެ މުދަލާ ފައިސާއިން އިތުރު މަންފާއެއް ހޯދާފައިވާނަމަ، އެ ފައިސާއެއް ހޯދުމަށް އެދެވިދާނެކަމަށް ބަޔާންކޮށްފައިވާ މާއްދާއާ ޙަވާލާދީއެވެ. ނަމަވެސް އެފަދަ އަމުރެއް ނެރޭއިރު އެއީ ކުށުގެ އަދަބު ކަނޑައަޅައި  ކުރާ ޙުކުމުގައި ބަޔާންކޮށްފައި އޮންނަން ޖެހޭނެ ކަމެއްކަމަށް ޔާމީނުގެ ވަކީލުން ވިދާޅުވިއެވެ.

އަދި، ޔާމީނަށް ކޮށްފައިވާ ޙުކުމުން ބޭރުން އެފަދަ އަމުރެއް ނެރުމަކީ ޤާނޫނުން ބާރު ލިބިގެން ނެރެފައިވާ އަމުރެއް ނޫންކަމަށް އިސްތިއުނާފު ހުށައަޅުއްވަމުން ވަކީލުން ވިދާޅުވިއެވެ.

މި އަމުރު ނެރިފައިވަނީ މި މައްސަލައިގެ ފުރިހަމަ ރިޕޯޓު ދޫކޮށް، އިސްތިއުނާފު ކުރުމަށްވެސް ހުށައެޅި ފަހުންކަން ފާހަގަކޮށް ވަކީލުން ވިދާޅުވީ، މި އަމުރަކީ މައްސަލައިގެ ތެރޭގައި ހިމެނޭ އަމުރެއްނަމަ، މައްސަލައިގެ ފުރިހަމަ ރިޕޯޓާއި ލިއުންތައް ދޫކުރިއިރު މި އަމުރު ހިމެނޭނެ ކަމަށެވެ.

Advertisement

ޔާމީނުގެ ފަރާތުން ވަނީ އެއީ ޤާނޫނާ ޚިލާފު އަމުރެއްކަމަށް ކަނޑައަޅުއްވައި ދެއްވުމަށް އެދިފައެވެ.

 އަދި އާރަށު މައްސަލައިގެ ޙުކުންވެސް ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، އެ މައްސަލައިގެ ޙުކުމެއް ކުރުމުގެ ކުރިން އެ އަމުރަށް އަމަލު ކުރުން ފަސްކުރުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށްވެސް ޔާމީނުގެ ފަރާތުން އެދިފައިވެއެވެ.

އެއަށްފަހު ދައުލަތުން ވަނީ އިސްތިއުނާފީ ނުކުތާތަކަށް ރައްދު ދީފައެވެ. އެގޮތުން މި މައްސަލައިގައި ދެފަރާތުންވެސް ދެބަސް ނުވާ ކަންކަން އެބަހުރިކަން ފާހަގަކޮށް ދައުލަތުން ބުނީ، މި މައްސަލައިގައި އޮތް ހަމައެކަނި ޚުސޫމާތަކީ އެފަދަ އަމުރެއް ނެރެވިދާނެ ވަގުތާއި ގުޅޭގޮތުން އޮތް ދެބަސްވުން ކަމަށެވެ.  

ދައުލަތުން ބުނާ ގޮތުގައި އެފަދަ އަމުރު ނެރެވޭނީ ހަމައެކަނި ޙުކުމް ކުރާ ވަގުތު ޙުކުމާއެކު އެކަންޏެއް ނޫނެވެ. އެފަދަ އަމުރެއް ނެރެވިދާނެ ވަގުތާއި ގުޅޭ ނުކުތާއަކީ ހައިކޯޓުން އެކަމަށް ގޮތެއް ނިންމަން ޖެހިފައިވާ ނުކުތާއެއްކަމަށްވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ދައުލަތުގެ ވަކީލުން ވަނީ އެ އަމުރަކީ ސައްޙަ އަމުރެއްކަމަށް ދައުލަތަށް ޤަބޫލު ކުރެވޭ ސަބަބުތައްވެސް ކިޔާދީފައެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ތަރުތީބަށް ބަލާއިރު، ޙުކުމާއެކުވެސް އަދި ޙުކުމަށްފަހުވެސް އެފަދަ އަމުރެއް ނެރުމަށް ހުރަހެއް ނެތްކަމަށް ދައުލަތަށް ޤަބޫލު ކުރެވޭކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ތަރުތީބާއި، ޤާނޫނުގެ ނައްސުތައް ހުރިގޮތަށް ބަލާއިރު، ޝަރީއަތުގެ ފަހުގެ މަރުޙަލާގައި އެފަދަ އަމުރެއް ނެރުމަށް އެއްވެސް ހުރަހެއް އޮތްކަމަށް ދައުލަތުން ނުދެކެން
ދައުލަތުގެ ވަކީލު

ދައުލަތުން ދެކޭ ގޮތުގައި މި މައްސަލައިގައި ދިމާވެފައި މިވަނީ "އިޖުރާއީ އައިބެކެވެ". އެއީ އެކަމަށް ހައިކޯޓުން ޙައްލެއް ގެނެވިދާނެ އައިބެއްކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

މީހެއްގެ އަސާސީ ޙައްޤަކަށް އުނިކަމެއް ނާންނަ އިޖުރާއީ އައިބުތަކަކީ ރަނގަޅު ކުރެވިދާނެ އައިބުތަކެއްކަމަށް ސުޕްރީމް ކޯޓުގެ ނިންމުންތަކާ ޙަވާލާދީ ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

އިތުރު ނަޒަރިއްޔާތަކަށް ބަލާއިރު، އެފަދަ އަމުރެއް ނެރެދިނުމަށް ދައުވާ ހުށައެޅުމުގެ މަރުޙަލާއިން ދައުލަތަށް ލާޒިމު ކޮށްފައި ނެތުމަކީވެސް، ފަހުގެ މަރުޙަލާއެއްގައި އެފަދަ އަމުރެއް ނެރުމުގެ ފުރުސަތު އޮތްކަން އެނގޭ ކަމެއްކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

އޭގެ އިތުރުން، ޙުކުމާއެކު އެފަދަ އަމުރެއް ނެރެން ޖެހޭނެކަމަށް ބަހުސްގެ ބޭނުމަށް ބަލާނަމަ، ޙުކުމް އިސްލާޙު ކުރެވިދާނެ 3 ޙާލަތުގެ ތެރެއިން ޙާލަތަކަށް މި މައްސަލައިގައި ދިމާވެފައިވާ ޙާލަތު ފެތޭކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. އެ ޙާލަތަކީ ފާޅުކަން ބޮޑު ގޮތެއްގައި އުނިވެފައިވާ ކަމެއް އިސްލާޙު ކުރުމެވެ.

ދައުލަތުން ވަނީ މި އަމުރު ބާތިލު ކުރަން ޖެހޭ ޝަރުއީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑަައަޅުއްވައި ދެއްވުމަށް އެދިފައެވެ.

ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ދައުލަތުން ދިން ޖަވާބަށް ޔާމީނުގެ ފަރާތުން ރައްދު ދިނުމެވެ.

މި ބާވަތުގެ މައްސަލަތަކަކީ ޤާނޫނުގައި ވަކި މުއްދަތެއްގައި ނިންމަންޖެހޭ މައްސަލަތަކެއްކަމަށްވާއިރު، އޭޕްރީލް 8 ގެ ކުރިން މި މައްސަލައިގައި ގޮތެއް ކަނޑައަޅަން ޖެހޭކަން ފަނޑިޔާރުން ފާހަގަ ކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް