ބައްޓަކީ ދިވެހިންގެ މެދުގައި މަގުބޫލު ތަރުކާރީއެކެވެ. ބަށި ބޭނުން ކޮށްގެން ތަފާތު އެކި ކަހަލަ ކާއެއްޗެހި ތަޔާރުކުރެއެވެ. ބައްޓަކީ ހަށިގަނޑަށް ދިމާވާ ބައެއް ކަހަލަ އުނދަގޫތައް ކުޑަކޮށްދޭ ބާވަތެއް ކަމަށް ވެސް ބައެއް ދިރާސާތަކުން ދައްކައެވެ.
ބޭނުންވާ ތަކެތި
- 2 ބަށި
- ބައި ޖޯޑު އޮލިވް އޮއިލް
- ލޮނު
- 1/2 ސަމުސާ ގާލިކް ޕައުޑަރ
- ބައި ސަމުސާ އަސޭމިރުސް
- 1 ސަމުސާ ތެޅި މިރުސް
- ބައި ސަމުސާ ޑްރައި އޮރިގާނޯ
- 1 ފިޔާ ( ކިއުބްކޮށް ކޮށާފައި)
- 2 ބެލް ޕެޕަރ (ކުދިކޮށް ކިއުބްކޮށް ކޮށާފަައި)
- 2 ލޮނުމެދު (ޗަސްކޮށްފައި)
- 300ގ މިންސްޑް ޗިކަން
- ޕެޕްރިކާ
- 1/2 ސަމުސާ އިގުރު ޕޭސްޓް
- ކޮރިއެންޑަރ
- 250ގ ޓޮމާޓޯ ޕިއުރީ
- 150މލ ފެން
- 150ގ މޮޒެރެއްލާ ޗީޒް
- 60ގ ޕާމެސަން ޗީޒް
- ޕާސްލޭ
ތައްޔާރުކުރާނެ ގޮތް
ފުރަތަމަ ބަށި 1 ސެންޓިމީޓަރ ހުންނަވަރަށް ފޮތި ކޮށްލާށެވެ. ދެން ކުޑަ ބޯ ތައްޓަކަށް، އޮލިވް އޮއިލް، ލޮނު، ގާލިކް ޕައުޑަރ، އަސޭމިރުސް، ތެޅި މިރުސް، އަދި އޮރިގާނޯ އަޅައިގެން ރަނގަޅަށް ހުރިހާ ބާވަތެއް މިކްސް ކޮށްލާށެވެ. ދެން ޓްރޭގައި ބަށި ފޮތިތައް އަތުރާލުމަށްފަހު، ދެންމެ ތައްޔާރުކުރި ސޯސް ދެ ފުށުގައި ރަނގަޅަށް ހާކާލާށެވެ. އެއަށްފަހު، ދެން 180 ޑިގްރީއަށް އަވަން ޖެއްސުމަށްފަހު 20 މިނިޓުވަންދެން ފިހެލާށެވެ.
މަސްގަނޑު ތައްޔާރުކޮށްލަން، ތަވައެއްގައި ފުރަތަމަ، ފިޔާ ކުޑަކޮށް މޯޅި ކޮށްލާށެވެ. ދެން އޭގެ ތެރެއަށް ބެލް ޕެޕަރ، ލޮނު، އަސޭމިރުސް، ލޮނުމެދު، ކުކުޅު، ތެޅި މިރުސް، އިގުރު، ކޮރިއެންޑަރ، އަޅައިގެން 10 މިނިޓް ކައްކާލާށެވެ. އެއަށްފަހު ޕާސްލޭ އާއި، ޓޮމާޓޯަ ޕިއުރީ އަޅައިގެން އެއްކޮށްލުމަށްފަހު ފެން އަޅާލާށެވެ. ދެން 15 މިނިޓް ކައްކާލުމަށްފަހު، ފިހެލި ބަށި ފޮތިތަކުގެ މައްޗަށް ވަކި ވަކިން ސޯސް މަސްގަނޑު އަޅާލާށެވެ. އޭގެ މައްޗަށް މޮޒެރެއްލާ ޗީޒް ލޭޔާރ އެއްޅުމަށްފަހު، ޕާމެސަން ޗީޒް ބުރުވާލާށެވެ. ދެން ސޭންޑްވިޗް ހަދާހެން އެއް ފޮތި މަތީ އަނެއް ފޮތި ބާއްވާށެވެ. މި ގޮތަށް ތިން ފޮތި ރިޕީޓް ކޮށްލުމަށްފަހު، 180 ޑިގްރީގައި 15 މިނިޓް ފިހެލާށެވެ.