ކ. މާލެ
|
26 މާރޗް 2023 | އާދީއްތަ 14:19
އިސްރާއިލުގެ ފުލުހުން
ފަލަސްތީނުގެ ރައްޔިތުންނަށް ހުރަސްއެޅުން
މި ރަމަޟާން މަހުވެސް މުސްލިމުންގެ އަޅުކަމަށް އިޒްރޭލުން ހުރަސްއަޅާކަމުގެ ޝަކުވާތައް އިތުރުވެއްޖެ!
އަޤްޞާ މިސްކިތުގެ މައި ދޮރޯށިތައް ބަންދު ކުރި
ފަލަސްޠީނާއި ޢަރަބި ސަރުކާރުތަކުން ވަނީ، އަޤްޞާ މިސްކިތުގައި ޣައިރު މުސްލިމުންނަށް އަޅުކަން ނުކުރެވޭ ގޮތަށް އޮންނަ އޮތުން، އިޒްރޭލުން އެ ގޮތަށް ދަމަހައްޓަން ޖެހޭނެ ކަމަށް ބާރުއަޅާފައި

ފާއިތުވެ ދިޔަ ކައިރި މާޒީއަށް ބަލާއިރު، ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހަކީ، މުސްލިމުންނަށް އަމާޒުކޮށް، ޔަހޫދީ އިޒްރޭލުން އެކި ކަހަލަ ޖެއްސުންތައް ކޮށް، ހަމަލާތައް ވަރުގަދަ ކުރާ ދުވަސްވަރެކެވެ. މި ފެށުނު 1444 ވަނަ އަހަރުގެ ރަމަޟާން މަހުވެސް، ފަލަސްޠީނުގެ މަސްރަޙުން ފެނިގެންދަނީ ދާދި އެޒާތުގެ މަންޒަރުތަކެކެވެ. ފަލަސްޠީނުގެ ރައްޔިތުންނާއި އެނޫންވެސް މުސްލިމުންގެ ރޭ އަޅުކަމަށް، އިޒްރޭލުން ހުރަސް އަޅާ ކަމުގެ ޝަކުވާތައް ދަނީ ގަދަވަމުންނެވެ. މިއީ މުސްލިމު ޢުއްމަތަކުން ބީރު ކަންފަތެއް ދީގެން ތިބެވޭނެ ވަރުގެ ކަމެއް ނޫނެވެ.

މަރޗް 26 ވަނަ ދުވަހު ބައިނަލްއަޤުވާމީ މީޑިއާއާ ވާހަކަ ދެއްކި ބައެއް މުސްލިމުން ބުނި ގޮތުގައި، އިޒްރޭލުގެ ފުލުހުން ވަނީ ރޭގަނޑުގެ ވަޤުތުގައި، އަލް-އަޤްޞާ މިސްކިތުގެ ގޯތި ތެރެއަށް ވަދެގަނެ، އެ ސަރަޙައްދު ދޫކޮށްދިއުމަށް މުސްލިމުންނަށް މަޖުބޫރުކުރިއެވެ. އަޤްޞާ މިސްކިތުގެ މައި ދޮރޯށިތައް ބަންދު ކުރިއެވެ.

މިސްކިތުގަ އަހަރެން ނިދާފަ އޮއްވާ ސިފައިންގެ މީހަކު އައިސް ބުނީ އަހަންނަށް ޖެހޭނީ ހޭލާށޭ. އެމީހުން މީހުން އަހަންނަށް ޖެހޭނީ ތެދުވެގެން ބޭރަށް ދާށޭ. އަހަރެން، އެތެރޭގަ ހުންނާކަށް އެމީހުން ޤަބޫލެއްނުވި.
ަޅުކަމަށް ގޮސް ހުރި މީހެއް

ދިފާޢުގައި އިޒްރޭލު ފުލުހުން ޢާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ، ޓެމްޕަލް މައުންޓްގެ ގޮތުގައި ޔަހޫދީން ނިސްބަތް ކުރާ ސަރަޙައްދުން މީހުން ނެރެފައި ވަނީ ޤަވައިދާ ޚިލާފު ވުމުން ކަމަށެވެ. އެ ވަޤުތުގައި، މުސްލިމުން އެ ސަރަޙައްދުގައި ތިބުމަކީ އިސްލާމިކް ވަޤުފްއާއެކު ވެފައިވާ އެއްބަސްވުމާ ޚިލާފު ކަމެއް ކަމަށް އިޒްރޭލު ފުލިހުންގެ ބަޔާނުގައި ބުނެފައިވެއެވެ. އިސްލާމިކް ވަޤުފްއަކީ، މުސްލިމުންގެ ފަރާތުން އަޤްޞާ މިސްކިތް ބެލެހެއްޓުމާ ޙަވާލުވެފައިވާ ފަރާތެވެ.

އަލް-އަޤްޞާ މިސްކިތަކީ، ފަލަސްޠީނުގެ މުސްލިމުންނާއި އިޒްރޭލުގެ ޔަހޫދީންނާ ދެމެދު ހިންގާ ޙަމަލާ ބަދަލުތަކުރުންތަކުގެ އެންމެ ބޮޑު އެއް އަސްލާ ގުޅިފައިވާ ސަރަޙައްދެކެވެ. މި މަސައްލާގައި ގިނަ ކުރިމަތިލުންތަކެއް ހިންގާފައި ވާ އިރު، 2021 ވަނަ އަހަރުގެ ކުރިމަތިލުންތަކާ ގުޅިގެން، 10 ދުވަހުގެ ހަނގުރާމައެއްވެސް އިޒްރާލާއި ޣައްޒާއާ ދެމެދު ވަނީ ކޮށްފައެވެ.

ހުސްވި ހަފުތާގެ އާދީއްތަ ދުވަހު، އިޒްރޭލާއި ފަލަސްޠީނުގެ އޮފިޝަލުން ވަނީ ކުރިމަތިލުންތައް ވީހާވެސް މަދު ކުރުމަށް އެއްބާރުލުން ދޭނެ ކަމަށް، މިޞްރުގެ ޝަރަމް އަލް-ޝައިޚްގައި އެއްބަސްވުމަކަށް އައިސްފައެވެ.

މި ފަހަކަށް އައިސް ހުޅަނގު އައްސޭރީގައި ކޮންމެ ދުވަހަކުމެހެން ހިންގާ ހަމަލާ ބަދަލުކުރުންތައް ވަނީ އިތުރުވެފައެވެ. ފަލަސްޠީނަށް ވެރިވެގަނެގެން އުޅޭ ޔަހޫދީން އަމާޒު ކުރާ ހަމަލާތަކާ، އިޒްރޭލުގެ އަސްކަރިއްޔާ ޖަހާ ރެއިޑްތައް ފާހަގަ ކުރަން ޖެހެއެވެ. ފަލަސްޠީނުންވެސް ހަމަލާތަކެއް ދެއެވެ.

އަހަރުގެ ތެރޭގައި މުސްލިމުންނާ ބައްދަލު ކުރާ އެންމެ މާތް، އަޅުކަމުގެ މައްސަރު ކަމުގައި ވާ ރަމަޟާން މަހާ މި ފަހަރު ބައްދަލު ކޮށްފައި ވާ މި ދަނޑިވަޅަކީ، ޔަހޫދީ ދީނުގެ މީހުން ފާހަގަ ކުރާ ޕާސްއޯވަރއާއި ނަޞާރާއިން ފާހަގަ ކުރާ އީސްޓަރ އާ ދިމާވާ ދަނޑިވަޅެއް ކަމުން، ކުރިމަތިލުންތައް ތަކުރާރުވެގެން ދިއުމުގެ ބިރު ވަނީ ބޮޑުވެފައެވެ.

އިޒްރޭލުގެ ފައުޖުތަކުން އައިސް އެދުނީ އަހަރަމެން އެންމެން އެ ސަރަޙައްދު ދޫކޮށް ދިއުމަށް. ނޫނީ ހައްޔަރު ކުރާނެ ކަމުގެ އިންޒާރު ދިން. ދޮށީ ޢުމުރުގެ މީހުންނާ، އަންހެނުންނާ، ކުޑަކުދިންވެސް ތިބި. އެހެންވެ، އަހަރަމެން އެ ސަރަޙައްދު ދޫކޮށް، މި މިސްކިތަށް މި އައީ. އެ މީހުން ބުނި، މި މިސްކިތް ހުންނާނީ ހުޅުވާފައޭ. އެކަމަކު، ކަން ދިމާކުރި ގޮތުން، މި މިސްކިތްވެސް މި ހުރީ ބަންދުކޮށްފަ.
ހުޅަނގު އައްސޭރީގެ ރަށްވެއްސެއް

ކައިރި މާޒީގައި ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި ފަލަސްޠީނާއި ޢަރަބި ސަރުކާރުތަކުން ވަނީ، އަޤްޞާ މިސްކިތުގައި ޣައިރު މުސްލިމުންނަށް އަޅުކަން ނުކުރެވޭ ގޮތަށް އޮންނަ އޮތުން، އިޒްރޭލުން އެ ގޮތަށް ދަމަހައްޓަން ޖެހޭނެ ކަމަށް ބާރު އަޅަމުންނެވެ. އަޤްޞާ މިސްކިތު ސަރަޙައްދުގައި އަޅުކަން ކުރުމުގެ ފުރުޞަތު، ޔަހޫދީންނަށް ދޭ ކަމުގެ ތުހުމަތުތައް، ސިލްސިލާ ގޮތެއްގައި ފެންމަތިވެއެވެ. ނަމަވެސް އިޒްރޭލުން ބުނާ ގޮތުގައި، އެއްބަސްވުމާ ޚިލާފުވެފައެއް ނުވާނެއެވެ.

އިޒްރޭލުން އިރުމަތީ ޤުދުސް ހިފީ 1967 ވަނަ އަހަރުގެ ހަނގުރާމައަށް ފަހުގައެވެ. އަދި އެ ސަރަޙައްދަކީ އިޒްރޭލުގެ ސަރަޙައްދެއް ކަމުގައި ކަނޑައެޅިއެވެ. ނަމަވެސް އެ ނިންމުމަކީ ބައިނަލްއަޤުވާމީ މުޖުތަމަޢުން ބަލައިގެންފައިވާ ނިންމުމެއް ނޫނެވެ. ފަލަސްޠީނުން ދަނީ، ކުރިއަށް އޮތް ތަނުގައި އެކުލަވާލާ ފަލަސްޠީނުގެ ދަޢުލަތުގެ ވެރިކަން ކުރާ ރަށަކީ އިރުމަތީ ޤުދުސް ކަމުގައި ހެދުމަށް މަސައްކަތް ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް