ކ. މާލެ
|
24 މާރޗް 2023 | ހުކުރު 13:08
ހުކުރު ޚުތުބާ
ހުކުރު ޚުތުބާ
އިސްލާމިކް މިނިސްޓްރީ
ހުކުރު ޚުތުބާ
ރޯދަމަހު ކާބޯތަކެތީން އިސްރާފުކުރުމާއި ދުރުވުމަށް ޚުތުބާގައި ގޮވާލައިފި
ބައެއްގެ މައްޗަށް ތަނަވަސްކަން އަތުވެއްޖެނަމަ އިސްރާފުކުރުމުގެ ދޮރުތައް ހުޅުވޭ
ކާބޯތަކެތީގެ ބޭނުން ނުހިފައި އޭގެ ހައްގު އަދާނުކޮށް ގުދަންކޮށްފައި ބެހެއްޓުމަކީ ވެސް އިސްރާފު ކުރުން
ފޭރާމާއި ހިފާ ގެންގުޅޭ ތަކެތި ހިސާބަށްވުރެ ގިނަކުރުމަކީ ވެސް އިސްރާފު ކުރުން

ބައެއް މުސްލިމުންގެ ތެރޭގައި ރޯދަމަހު ކާބޯތަކެތީން އިސްރާފުކުރުން ގިނަ މަހަކަށްވާތީ އެކަމުން ދުރުވުމަށް ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

''އިސްރާފު ކުރުމަކީ ނިއުމަތްތަކަށް ކުފުރުވުން'' މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ ރަމަޟާން މަހަކީ ސަވާބާއި ދަރުމައިގެ މަގުތައް ހުޅުވިފައިވާ މަތިވެރި މައްސަރެއް ނަމަވެސް ބައެއް މުސްލިމުންގެ ތެރޭގައި އެމަސް ވެފައިވަނީ ކާބޯތަކެތީން އިސްރާފުކުރުން ގިނަ މަހަކަށެވެ. އެއްވެސް މަހެއްގައި އިސްރާފު ކުރުމަކީ މާތްﷲ ރުހިވޮޑިގެންވާ އަމަލެއް ނޫން ކަމުގައި ވިޔަސް މިއަދު އިންސާނުންނާއި ކުރިމަތިވެފައިވާ އިޖްތިމާއީ ބަލިތަކުގެ ތެރޭގައި އިސްރާފުކުރުން ހިމެނޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ތަނަވަސްތަކާމާއި އިސްރާފުކުރުމަކީ ގުޅިފައިވާކަމެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ ބައެއްގެ މައްޗަށް ތަނަވަސްކަން އަތުވެއްޖެނަމަ އިސްރާފުކުރުމުގެ ދޮރުތައް ހުޅުވިގެން ހިނގައިދާނެ ކަމަށެވެ.

މާތްﷲ ވަހީކުރައްވެއެވެ. މާނައީ އަދި ރަށެއް ހަލާކު ކުރެއްވުމަށް ތިމަން ރަސްކަލާނގެ އިރާދަ ކުރައްވައިފިނަމަ އެރަށެއްގެ ތަނަވަސްކަމުގެ އަހުލުވެރިންނަށް ތިމަންރަސްކަލާނގެ ކިޔަމަންގަތުމަށް އަމުރު ކުރައްވަމެވެ. ދެން އެއުރެން އެރަށުގައި ފާސިދު ޢަމަލުކޮށް ކިޔަމަންތެރިކަމުން ބޭރުވެގަނެތެވެ. ދެން ކޯފާގެ ބަސްފުޅު އެއުރެންގެ މައްޗަށް ހައްގުވެދެތެވެ. ދެން ތިމަން ރަސްކަލާނގެ އެރަށެއް މުޅިން ހަލާކު ކުރައްވައި ނެތިކުރައްވަމެވެ.
ޚުތުބާ

ޚުތުބާގައި ބުނީ ހެޔޮގޮތުގައި ކާބޯތަކެތީގެ ބޭނުން ނުހިފައި އޭގެ ހައްގު އަދާނުކޮށް ގުދަންކޮށްފައި ބެހެއްޓުމަކީ ވެސް އިސްރާފު ކުރުން ކަމަށާއި، ފޭރާމާއި ހިފާ ގެންގުޅޭ ތަކެތި ހިސާބަށްވުރެ ގިނަކުރުމަކީ ވެސް އިސްރާފު ކުރުން ކަމަށެވެ. ޚުތުބާގައި ބުނީ ދެވަނަ ފަހަރަށް ބޭނުން ކުރެވިދާނެ މުދަލާއި ކާއެއްޗެހި އުކާނުލައި އެތަކެތި ބޭނުންކުރުމަށް އިސްލާމް ދީން ބާރުއަޅާ ކަމަށެވެ. އަދި އެތަކެއްޗަކީ މާތް ﷲގެ ނިއުމަތްތައް ކަމަށާއި މިތަކެތި އުކާލުމަކީ ނިއުމަތުގެ ވެރި ފަރާތަށް ޝުކުރު ނުކުރުން ކަމަށެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ ހަމައެކަނި މާލޭ ސަރަހައްދުން ދުވާލެއްގެ މައްޗަށް މިހާރު ވެސް 2 ޓަނަށްވުރެ ގިނަ ކާބޯތަކެތި ކުނީގެ ގޮތުގައި އުކާލެވޭ ކަމަށާއި، ރޯދަމަހު މިއަދަދު މިއަށްވުރެ ވެސް އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި މުދާ ހަލާކުވަންދެން ބަހައްޓައި އެތަކެތި އުކާލުމަކީ އިސްރާފު ކުރުމަށްވުރެ ވެސް ނުބައި ކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. މިއަދު ފަސޭހައިން ލިބެން ހުންނަ ފެނާއި ކަރަންޓަކީ ވެސް އިސްރާފުކުރާ ދެ ނިއުމަތްކަން ފާހަގަކޮށް ޚުތުބާގައި ބުނީ ފެނާއި ކަރަންޓާއި ކަރަންޓުން ހިންގާ އެހެނިހެން ތެކެތިން އިސްރާފުވައިރު، އޭގެ ސަބަބުން ފެނުގެ ބިލުތަކަށް އިތުރުވި ފައިސާއަކީ އިސްރާފެއް ކަމަށެވެ. އެއީ ބޭނުންތެރި އެހެން ކަމަކަށް ހަރަދު ކުރަން ހުރި ފައިސާ ކަމަށެވެ.

އިސްރާފު ނުކުރުމަށް އަމުރުކުރައްވައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. މާނައީ: އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! އަދި އިސްރާފު ނުކުރާށެވެ! ހަމަކަށަވަރުން އިސްރާފު ކުރަ މީހުން ދެކެ އެކަލާނގެ ލޯބިވެވޮޑިގަނެ ނުވެތެވެ.
ޚުތުބާ

ޚުތުބާގައި ބުނީ އިސްރާފު ކުރުމަކީ ޝައިތާނާގެ އަމަލެއް ކަމަށާއި، އެއީ އެކަމުގެ ގެއްލުން ސިއްހީ ގޮތުންނާއި މާލީ ގޮތުން ފަރުދުންނާއި މުޖުތަމައަށް ފޯރާނެ ކަމެއް ކަމަށެވެ. އެހެންކަމުން އަހަރުމެންގެ އުމުރާއި ވަގުތު ވެސް ހެޔޮ ގޮތުގައި ހިފުމަށާއި، އެއްވެސް ގޮތަކަށް އިސްރާފުނުކުރުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް