ކ. މާލެ
|
23 މާރޗް 2023 | ބުރާސްފަތި 13:45
ސުޕްރީމް ކޯޓް
ސުޕްރީމް ކޯޓް
ރާއްޖެއެމްވީ
ހެއްކާބެހޭ ޤާނޫނު
ހެއްކާބެހޭ ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު ވަކި ޙާލަތްތަކެއްގައި ހެކިން ކޯޓަށް ޙާޟިރުވެ ހެކިބަސް ދިނުމަށް ލާޒިމުކުރެވޭ
ކޯޓުން މައްސަލައެއް ސާބިތުވާކަމަށް ނިންމާނީ ހެއްކާއި ޤަރީނާގެ މައްޗަށް އެކަނި
ހެކިބަސް ދިނުން ޤާނޫނީ ގޮތުން ލާޒިމުވާ ސާފު ޤާނޫނީ އަސާސެއް މިހާތަނަށް ރާއްޖެއަކު ނެތް
ވަކި ޙާލަތްތަކެއްގައި ހެކިން ކޯޓަށް ޙާޟިރުވެ ހެކިބަސް ދިނުމަށް ލާޒިމު ކުރެވޭނެ

ހެއްކާބެހޭ ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ވަކި ޙާލަތްތަކެއްގައި ހެކިން ކޯޓަށް ޙާޟިރުވެ ހެކިބަސް ދިނުމަށް ލާޒިމުކުރެވެއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ނިއުސްލެޓަރ "އުންސުރު" ގެ މާރޗު މަހުގެ އެޑިޝަންގައި ވަނީ މި މައުޟޫއަށް އަލިއަޅުވާލާފައެވެ.

ހެކިބަސް ދިނުމަށް ގޮވާލުމުން، އެމީހަކަށް އެނގިހުރި މިންވަރަކުން ހެކިބަސް އަދާކުރުމަކީ އިސްލާމީ ޝަރީޢަތުގައި ބާރުއަޅުއްވައި އަމުރުކުރައްވާފައިވާ ކަމެއްކަން ފާހަގަކޮށް ޕީޖީ އޮފީހުން ބުނީ، ކޯޓަށް ހުށަހަޅާ މައްސަލަތަކުގައި ގޮތް ނިންމޭނީ ހެކީގެ މައްޗަށް ކަމަށެވެ.

މީހަކު ކުށެއް ކުރިކަން އެންމެންނަށް އެނގޭތީ، އޭނާގެ މައްޗަށް ކުށް ސާބިތުވާނެކަމަށް ބައެއް ފަހަރު ބެލެވިފައި އޮންނަ ނަމަވެސް، އަދި އެއީ ކިތަންމެ ފާޅުކަންބޮޑު ގޮތެއްގައި މީހަކު ކުރި ކުށެއްކަމުގައި ވިޔަސް، ކޯޓުން މައްސަލައެއް ސާބިތުވާކަމަށް ނިންމާނީ، އެމީހަކު ކުށް ކުރިކަމަށް ލިބޭ ހެއްކާއި ޤަރީނާގެ މައްޗަށް އެކަނިކަން ޕީޖީ އޮފީހުން ފާހަގަ ކުރެއެވެ.  

އެއީ ކިތަންމެ ފާޅުކަންބޮޑު ގޮތެއްގައި މީހަކު ކުރި ކުށެއްކަމުގައި ވިޔަސް، ކޯޓުން މައްސަލައެއް ސާބިތުވާކަމަށް ނިންމާނީ، އެމީހަކު ކުށް ކުރިކަމަށް ލިބޭ ހެއްކާއި ޤަރީނާގެ މައްޗަށް އެކަންޏެވެ. ޝަރްޢީ ނިޒާމު ހިނގާ ގޮތަކީ އެއީއެވެ.
ޕީޖީ އޮފީހުގެ ނިއުސްލެޓަރ "އުންސުރު" ގެ މާރޗު މަހުގެ އެޑިޝަން

އޭގެ އިތުރުން، ކޯޓަށް ޙާޟިރުވުމަށް އެންގުމުން، ޙާޟިރުވުމަކީ ޤާނޫނީ ގޮތުން ލާޒިމުކަމެއް ނަމަވެސް، ކޯޓަށް ޙާޟިރުކުރުން މަޖުބޫރުކޮށްގެން ގެންނަ ހެކި މީހާއަށް، ހެކިބަސް ދިނުން ޤާނޫނީ ގޮތުން ލާޒިމުވާ ސާފު ޤާނޫނީ އަސާސެއް މިހާތަނަށް ރާއްޖެއަކު ނެތްކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

ޙާޟިރުވާންޖެހެއެވެ. ހެކިބަސް ދޭން ޖެހޭކަމެއް ނުވަތަ ނޫންކަން ސާފުނުވަނީއެވެ.
ޕީޖީ އޮފީހުގެ ނިއުސްލެޓަރ "އުންސުރު" ގެ މާރޗު މަހުގެ އެޑިޝަން

އެހެންނަމަވެސް، ހެއްކާބެހޭ ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ވަކި ޙާލަތްތަކެއްގައި ހެކިން ކޯޓަށް ޙާޟިރުވެ ހެކިބަސް ދިނުމަށް ލާޒިމު ކުރެވޭނެކަމަށް ލިޔެފައިވާކަން ފާހަގަކޮށް ޕީޖީ އޮފީހުން ބުނީ، ހެއްކާބެހޭ ޤާނޫނުގެ 53 ވަނަ މާއްދާގައި، ވަކިކަމެއް ސާބިތުކުރުމަށް ހެކިބަސްދޭނެ އެހެން މީހަކު ނެތް ޙާލަތުގައި، އަދި އެ ހެކިވެރިޔާގެ ހެކިބަހުން ނޫނީ ސާބިތުކޮށްދެވެން ނެތް ކަންކަމާ ގުޅިގެން، ހެކިންނަށް ކޯޓަށް ޙާޟިރުވެ ހެކިބަސްދިނުން ލާޒިމު ކުރެވިދާނެ ކަމަށެވެ.

މި އުޞޫލުގެ އިސްތިސްނާއެއް ޤާނޫނުގައިވާއިރު، އެކަމަށްވެސް މި ލިއުމުގައި އަލިއަޅުވާލާފައިވެއެވެ. އެގޮތުން އެއީ، މައިންބަފައިންނާއި ދަރިންނާއި އަނބިފިރިންނަށް، އެކަކު އަނެކަކާ ދެކޮޅަށް ހެކިބަސްދިނުން ލާޒިމުކުރެވޭނީ ވަކި ޚާއްޞަ ޙާލަތްތަކެއްގައި، ވަކި ބާވަތްތަކެއްގެ މައްސަލަތަކުގައި ކަމަށް އޮތް އިސްތިސްނާކަން ޕީޖީ އޮފީހުން ފާހަގަކުރެއެވެ.

ހެކިވެރިންނަށް ރައްކާތެރިކަން ދިނުމާއި، ދުވަސްވީ މައްސަލަތަކުގައި ހެކިންގެ ހަނދާން ތާޒާކޮށްދިނުމާގުޅޭ ޒަމާނީ އުޞޫލުތައްވެސް ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ގެނެވުނު އިޞްލާޙްތަކާއި، ހެއްކާބެހޭ ޤާނޫނުގެ ދަށުން މިހާރު އޮތީ ކަނޑައެޅިފައެވެ.

ޕީޖީ އޮފީހުން ފާހަގަކުރާ ގޮތުގައި މައްސަލައިގެ މަޢުލޫމާތު އެނގޭ މީހުން، އެ ކަމުގެ ޙަޤީޤަތް ކިޔައި ދިނުމަކީ މުޅި މުޖުތަމަޢުގެ މަސްލަޙަތު އެ ކަމުގައި ހިމެނޭ ކަމެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް