ކ. މާލެ
|
21 މާރޗް 2023 | އަންގާރަ 11:52
61 ކިލޯ ޑްރަގް މައްސަލައިގައި ދައުވާލިބޭ މީހުން
61 ކިލޯ ޑްރަގް މައްސަލައިގައި ދައުވާލިބޭ މީހުން
ރާއްޖެއެމްވީ
61 ކިލޯ ޑްރަގް ކޭސް
61 ކިލޯ ޑްރަގް މައްސަލަ: މިއަދުވެސް ޚުލާސާ ބަޔާން ނުއިއްވުނު
މައްސަލައިގެ އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ 15 ޑިސެމްބަރު 2022 ގައި
މައްސަލަ ލަސް ކުރުމުގެ އެއްވެސް ވިސްނުމެއް ޝަރީއަތުން ނުގެންގުޅުއްވާކަމަށް ގާޒީ ވިދާޅުވި
ދައުވާލިބޭ ފަރާތްތަކުން ވަނީ މި މައްސަލަ ވީހާވެސް އަވަސްކޮށްދިނުމަށް އެދިފައި

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހޯދި 61 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައަކީ 2020 ވަނަ އަހަރުގެ މާޗު މަހުގެ 26 ވަނަ ދުވަހު ފުލުހުންގެ ޑްރަގް އިންޓެލިޖެންސް ޑިޕާޓްމަންޓާއި، ޑްރަގް އެންފޯސް ޑިޕާޓްމަންޓާއި، މެރިން ޕޮލިހުން ހިންގި އޮޕަރޭޝަނެއްގައި މަސް ދޯންޏަކުން 61.06 ކިލޯގެ ހެރޮއިން އަތުލައިގަތް މައްސަލައެކެވެ. މިތަކެތީގެ އަގު 72 މިލިއަން ރުފިޔާއަށް އަރާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އެކަމާ ގުޅޭގޮތުން ޕީޖީ އޮފީހުން ބުނީ، މިއީ މ. ބޮއިލިންފިޝް، އަހުމަދު ވިސާމް ނަމަކަށް ކިޔާ މީހަކު އިސްވެހުރެ، އިތުރު ބަޔަކާ ބައިވެރިވެގެން ހިންގި ކަމެއް ކަމަށެވެ. މިތަކެތި އެތެރެކޮށްފައި ވަނީ "އިރުއަލިމަސް" ކިޔާ ދޯންޏެއްގައި ކަމަށް ވެސް ޕީޖީ އޮފީހުން ބުނެފައި ވެއެވެ.

އަންގާރަ ދުވަހުގެ އަޑުއެހުމަކީ މި މައްސަލައިގެ ޚުލާސާ ބަޔާން އިއްވުމަށް ބޭއްވި އަޑުއެހުމެކެވެ. އެހެންނަމަވެސް ދައުވާލިބޭ ބައެއް ފަރާތްތަކުގެ ވަކީލުން ވަނީ ޚުލާސާ ބަޔާން އިއްވުމަށް އިތުރު ވަގުތު ބޭނުންވާކަން ފާހަގަ ކުރައްވާފައެވެ. މި މައްސަލައަކީ ގިނަ ބަޔާންތަކެއް ހިމެނޭ މައްސަލަތަކެއްކަމަށްވާތީ ގާޒީ ވަނީ އެ ފުރުސަތު ދެއްވަވާފައެވެ.

މި މައްސަލައިގެ އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ 15 ޑިސެމްބަރު 2022 ގައެވެ. ގާޒީ ވަނީ މި މައްސަލައިގެ އަޑުއެހުންތައް ލަސްވެގެން ގޮސްފައިވާ ސަބަބުތައް ދައުވާލިބޭ ފަރާތްތަކަށް ސާފު ކޮށްދެއްވާފައެވެ. އެގޮތުން މި މައްސަލައިގެ ބަޔާންތައް ގިނަވުމާއި، ދައުވާލިބޭ ފަރާތްތަކުން ވަގުތު ބޭނުންވުން ފަދަ ސަބަބުތައް އޭގެ ތެރޭގައި ހިމެނެއެވެ.

މައްސަލަ އަވަހަށް ނިންމުމަށްޓަކައި ރަމަޟާން މަސް ތެރޭގައިވެސް އަޑުއެހުން ބޭއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ގާޒީ ވިދާޅުވިއެވެ. ގާޒީ ވިދާޅުވީ އަންގާރަ ދުވަހުުގެ އަޑުއެހުންވެސް ކެންސަލްކޮށްދިނުން އެދި 3 ވަކީލަކު ކޯޓަށް ސިޓީ ހުށައެޅުއްވި ކަމަށެވެ.  

މި މައްސަލައިގެ ދައުވާލިބޭ ފަރާތްތަކުން ވަނީ މި މައްސަލަ ވީހާވެސް އަވަސްކޮށްދިނުމަށް އެދިފައެވެ.

ގާޒީ ވިދާޅުވީ، މި މައްސަލަ ލަސް ކުރުމަށް ޝަރީއަތުން މަސައްކަތް ކުރާކަމަށް ދޭހަވާ ގޮތަށް ދައުވާލިބޭ ފަރާތްތަކުން ޝަކުވާ ކުރަމުންދާ ކަމަށެވެ. އެހެންނަމަވެސް މައްސަލަ ލަސް ކުރުމުގެ އެއްވެސް ވިސްނުމެއް ޝަރީއަތުން ނުގެންގުޅުއްވާކަން ގާޒީ އާދަމް މުޙައްމަދު ފާހަގަ ކުރެއްވިއެވެ.

މި މައްސަލައިގައި އިސްކޮށްހުރި ވިސާމް ބަންދުން ދޫކޮށްލުމަށް 24 ޖަނަވަރީ 2021 ދުވަހު ކްރިމިނަލް ކޯޓުން ނިންމިއެވެ. އެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ ނިންމުން ބާތިލުކޮށްފައެވެ. އެއާއެކު ވިސާމުގެ މައްސަލަވެސް އެ އެންމެންގެ މައްސަލައާއެކު ކުރިއަށްދެއެވެ.

މައްސަލައިގައި ދެން ހިމެނެނީ މުހައްމަދު ހަމީދު، ގދ. ރަތަފަންދޫ، ގުލްދަސްތާގެ، މުހައްމަދު މާއިޝް، މ. މާކޮޅު، މުހައްމަދު ޝާމިން، މއ. ވިރާހު، އަހުމަދު ޝިފާޒް، ހުޅުމާލޭ ފްލެޓް 06ޖީ4، އަބްދުﷲ ޝާމް، މއ. ބޯޅަކިންކިރިމާގެ، ހުސައިން ސުނާޒް، މ. މުލި، ސޯސަންވިލާ، ސައުދުﷲ ރަޝީދު، މުހައްމަދު މާއިދު، މ. ކޮޅުފުށި، އޯޝަންވިއު އަދި މުހައްމަދު ރިޟްވާން އިބްރާހިމް، މ. މުލި، މުޝްތަރީގެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް