ކ. މާލެ
|
19 މާރޗް 2023 | އާދީއްތަ 15:16
ރައީސް ސާލިހު (ކ) އާއި ރައީސް މައުމޫން
ރައީސް ސާލިހު (ކ) އާއި ރައީސް މައުމޫން
ޓްވިޓަރ
ކޯލިޝަން ހެދުން
އެމްއާރުއެމްއިން ރައީސާ ބައްދަލުކުރެއްވުން: ކޯލިޝަން ހެއްދެވުމާމެދު ގޮތެއް ނުނިންމެވުނު
އެމްއާރުއެމްއާއި ރައީސް ސާލިހުގެ ޓީމުން އިތުރަށް މަޝްވަރާކުރެއްވުމަށް ވަނީ ނިންމަވާފައި
ދެން ބައްދަލުކުރެއްވުމެއް އޮންނާނީ ކޮންއިރަކު ކަމެއް ހާމައެއްނުކުރައްވާ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)އިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާ ބައްދަލުކުރެއްވިނަމަވެސް، ކޯލިޝަނާމެދު ގޮތެއް ނުނިންމަވާކަމަށް އެމްއާރުއެމްއިން ބުނެފިއެވެ.

ރައީސް ސާލިހާ ބައްދަލުކުރައްވާފައިވަނީ އާދީއްތަ ދުވަހުއެވެ. މި ބައްދަލުކުރެއްވުމަށްފަހު އެމްއާރުއެމްއިން ބުނެފައިވަނީ، ކޯލިޝަން ހެއްދެވުމާމެދު ވަކިގޮތެއް ނުނިންމަވާކަމަށެވެ. އަދި އެމްއާރުއެމްއާއި ރައީސް ސާލިހުގެ ޓީމުން އިތުރަށް މަޝްވަރާކުރެއްވުމަށް ވަނީ ނިންމަވާފައިކަމަށެވެ. އެމްއާރުއެމްއިން ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ރައީސް މައުމޫނާއި، ރައީސް ފާރިސް މައުމޫނާއި، ނައިބުރައީސް ޝަޒައިލް ޝިޔާމް، އަދި ސެކްރެޓަރީ ޖެނެރަލެވެ.

ރައީސް ސާލިހާއެކު ބޭއްވި ބައްދަލުވުމާ ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ރާއްޖެއެމްވީއަށް ވިދާޅުވީ، ބައްދަލުކުރެއްވުން ދިޔައީ ވަރަށް ރަނގަޅަށް ކަމަށެވެ. އަދި މި ބައްދަލުކުރެއްވުމުގައި ރިޔާސީ އިންތިޚާބާގުޅޭ މަޝްވަރާތައް ކުރެއްވުނު ކަމަށެވެ. އަދި އިތުރު ޓީމެއް ނަގައިގެން މަޝްވަރާތައް ކުރިއަށްގެންދެވުމަށް ނިންމަވާފައިވާކަމަށެވެ. ނަމަވެސް ދެން ބައްދަލުކުރެއްވުމެއް އޮންނާނީ ކޮންއިރަކު ކަމެއް ވިދާޅެއްނުވެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އެކުގައި ނުކުތުމަށް އެދިވަޑައިގެން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ފަރާތްޕުޅުން، ވެރިކަން ކުރާ ކޯލިޝަންގެ ލީޑަރުންނަށް މިމަހުގެ 19 ވަނަ ދުވަހު ވަނީ ސިޓީފުޅެއް ފޮނުއްވާފައެވެ. ރައީސްގެ ސިޓީފުޅުގައި ވަނީ، މިއަހަރު އޮންނަ ރިޔާސީ އިންތިޚާބަށްވެސް ކޯލިޝަނެއް ހަދައި އެކުގައި ނުކުތުމުގެ ދައުވަތު ކޯލިޝަން ލީޑަރުންނަށް ދެއްވާފައެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)ން ވަކިން ވާދަކުރުމަށް ވަނީ ނިންމާފައެވެ. އަދި މޯލްޑިވިއަން ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)އާއި އަދާލަތު ޕާޓީން ވަނީ ރައީސަށް ތާއީދުކޮށް، އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް ނިންމާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް