ރަޝިއާގެ ރައީސް ވްލޭޑްމިއަރ ޕޫޓިންގެ ސީދާ ޢަމުރުފުޅަށް އެޤައުމުގެ އަސްކަރިއްޔާއިން ޔޫކްރައިންއަށް އަރާ، "ޚާއްސަ އަސްކަރީ އޮޕަރޭޝަން" އެއްގެ ނަމުގައި ހަނގުރާމަ ފެށުމާއެކު، އެއީ، 3 ވަނަ ބޮޑު ހަނގުރާމައިގެ އިންޒާރުގެ ރަނގަބީލު ކަމުގައި ގިނަ ބަޔަކު ޤަބޫލު ކުރަން ފެށިއެވެ. ރަޝިއާއިން ޔޫކްރައިންގައި ހަނގުރާމަ ކުރިއެއް ކަމަކު، އެއީ ރަޝިއާއާއި ހުޅަނގުގެ ބާރުތަކާ ދެމެދު ކުރާ ހަނގުރާމައެއް ކަން އެއްވެސް މީހަކަށް އޮޅިފައި ނެތަތީއެވެ. ޔޫކްރައިންއަށް ބޭނުންވާ އަސްކަރީ އެއްބާރުލުން ދެމުން ދަނީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ ޤައުމުގެ މަޤާމުގައި އޮތް އެމެރިކާއާއި، އެމެރިކާއަށް ވާގިދޭ ހުޅަނގުގެ ބާރުތަކުންނެވެ. ހަނގުރާމައަށް އަހަރަކަށް ވުރެ ގިނަ ދުވަސް ފާއިތުވެ ދިޔަ އިރުވެސް، ސީދާ ގޮތުން ރަޝިއާއާއި ހުޅަނގުގެ ބާރުތަކުން އަސްކަރީ ކުރިމަތިލުމަކަށް ގޮސްފައި ނެތެއް ކަމަކު، މިހާރު އެކަން މި ވަނީ ބަދަލުވެފައި ކަމުގައިވެސް ދެންނެވިދާނެއެވެ.
މިކަމެއް ހިނގީ މަރޗް 14 ވަނަ ދުވަހު، ބްލެކް ސީ ސަރަޙައްދުގައެވެ. ބްލެކް ސީ ސަރަޙައްދުން ދަތުރު ކުރަމުން ދިޔަ އެމެރިކާ އަސްކަރިއްޔާގެ ސަރވޭލަންސް ޑްރޯން، އެމްކިއު-9 ރީޕަރގައި ރަޝިއާގެ އަސްކަރީ މަތިންދާބޯޓުތަކުން "ޖެއްސި" ނުވަތަ "ޖެހުނު" ހިސާބުން ވާހަކައިގެ މިސްރާބު ބަދަލުވެއްޖެއެވެ. މި ހާދިޘާގައި ލިބުނު ގެއްލުމުގެ ސަބަބުން، އެމެރިކާގެ ސަރވޭލަންސް ޑްރޯން، ކަނޑަށް ވައްޓާލަން މަޖުބޫރުވި ކަމަށް، އެމެރިކާގެ ދިފާޢީ ވުޒާރާ (ޕެންޓަގަން) އިން ވަނީ ހާމަކޮށްފައެވެ.
ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން، އެމެރިކާގެ ބްރިގޭޑިއަރ ޖެނެރަލް ޕެޓް ރައިޑަރ ވިދާޅުވީ، ޑްރޯންއަށް ލިބުނު ގެއްލުންތަކުގެ ސަބަބުން އިތުރަށް އެ އުޅަނދު އުދެއްސޭނެ ފުރުޞަތު ނެތް ކަމަށެވެ. އަދި ނޫސްވެރިންނަށް މަޢުލޫމާތު ދިނުމާ ހިސާބަށް، އެ ޑްރޯންގެ ބައިތައް، ރަޝިއާއިން ނަގާފައި ނުވާ ކަމަށްވެސް ރައިޑަރ ވަނީ ފާހަގަ ކުރައްވާފައެވެ.
ޕެންޓަގަންއިން ބުނީ އެމެރިކާގެ ސަރވޭލަންސް ޑްރޯން، އެމްކިއު-9 ރީޕަރގައި ޖައްސާފައި ވަނީ ރަޝިއާ އަސްކަރިއްޔާގެ ސޫ-27 މަތިންދާބޯޓުތަކުން ކަމަށެވެ. އެ ގޮތަށް ޖެއްސި ޖެއްސުމުގެ ތެރޭގައި، ޑްރޯންގެ ބުރަފަތި ހަލާކުވެ، އެނބުރޭ ގޮތް ނުވީ ކަމަށެވެ. ނަމަވެސް ރަޝިއާގެ ދިފާޢީ ވުޒާރާގެ ވާހަކަ ތަފާތެވެ. ރަޝިއާގެ ދިފާޢީ ވުޒާރާއިން ބުނާ ގޮތުގައި، އިންސާނަކާ ނުލާ އުދުހެމުން ދިޔަ އެމެރިކާގެ އުޅަނދު ވެއްޓުނީ، އެ އުދުހެމުން ދިޔަ ގޮތުންނެވެ. އަދި ރަޝިއާ ބޯޓުތަކެއް، އެމެރިކާގެ ޑްރޯންގައި ޖެހިފައި ނުވާނެ ކަމަށްވެސް ރަޝިއާއިން ބުނެއެވެ.
ކަން މިހެން އޮތް އިރު، މި ހާދިޘާއާ ގުޅިގެން ރަޝިއާގެ ސަރުކާރުގައި، އެމެރިކާއިން ރަސްމީ ސިފައެއްގައި ކަންބޮޑުވުން ފާޅު ކުރަމުން ދާ ކަން، ރައިޑަރ ވަނީ ފާހަގަ ކުރައްވާފައެވެ.
އަހަރަމެން މިހާރުވެސް މި ދަނީ ހާދިޘާ ހިނގި ގޮތް ބަލަމުން. އެކަމަކު ރަޝިއާ ޕައިލެޓުންގެ ހަރަކާތްތައް ހުރި ގޮތަށް ބަލާއިރު، އެ މީހުން ޢަމަލު ކުރީ ރައްކާތެރިކަމެއް ނެތް، ޒިންމާދާރުކަމެއް ނެތް ގޮތަށް. ވެދިޔަ ކަންތަކުންވެސް އެކަން އެޔޮތީ ފެންނަން. އަހަރަމެންނަށް ފެނުނު، އިންސާނަކާ ނުލާ އުދުހެމުން ދިޔަ އެ އުޅަނދުގެ މައްޗަށް ރަޝިއާއިން ތެޔޮ ބޭރު ކުރި މަންޒަރު. އެއަށްފަހު އެ އުޅަނދާ ވަރަށް ކައިރިވި. އެކަމުގެ ތެރޭގަ ޑްރޯންގެ ބުރަފަތި ހަލާކުވީ. ރަޝިއާގެ އުޅަނދަށްވެސް އެކަމުގެ ތެރޭގަ ގެއްލުންތަކެއް ވި ކަމަށް އަހަރަމެން މި ބަލަނީ.ބްރިގޭޑިއަރ ޖެނެރަލް ޕެޓް ރައިޑަރ؛ އެމެރިކާ އަސްކަރިއްޔާ
ޒިންދާރުކަން ކުޑަ ގޮތެއްގައި ރަޝިއާއިން ހިންގި މި އަމަލުގައި ބައިވެރިވެފައި ވަނީ ސޫ-27 ގެ 2 މަތިންދާބޯޓެއް ކަމަށާ، އޭގެ ތެރެއިން އެއް ޖެޓް، އެމެރިކާގެ ޑްރޯންގައި ޖައްސާފައި ވަނީ ޖީއެމްޓީ ގަޑިން ހެނދުނު 0603 ގައި ކަމަށް އެމެރިކާއިން ބުނެއެވެ. ސީދާ ގޮތުން ޑްރޯންގައި ޖެއްސުމުގެ ކުރިން، ރަޝިއާގެ އަސްކަރީ މަތިންދާބޯޓުތަކުން ވަނީ، އެމެރިކާގެ ޑްރޯން މައްޗަށް ތެޔޮ ބޭރު ކޮށްފައި ކަމަށާ، އެކަމަކީވެސް އެ ޑްރޯން "ކަނު ކޮށްލަން" ކުރި ކަމެއް ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ބުނެއެވެ. އޭގެ އިތުރުން، އެމެރިކާގެ ޑްރޯންގެ ސީދާ ކުރިމަތިންވެސް ރަޝިއާގެ އަސްކަރީ ބޯޓުތައް ދުއްވި ކަމަށާ، އެއީ ރައްކާތެރި ގޮތެއް ނޫން ކަމަށްވެސް އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ސިފަ ކޮށްފައެވެ.
ޙަޤީޤަތް ކޮންމެ ގޮތަކަށް އޮތް ކަމުގައި ވީ ނަމަވެސް، މި ކަމަކީ، ހަމަ ޔަޤީނުންވެސް ހުޅަނގާއި އެމެރިކާގެ ކޯޅުންގަނޑު އިތުރަށް ހޫނުވެގެންދާނެ ހާދިޘާއެކެވެ.