ކ. މާލެ
|
14 މާރޗް 2023 | އަންގާރަ 16:01
އިންޑިއާގެ ބައެއް ޖަންގަލިތަކުގައި ރޯވެ އަނދަނީ
އިންޑިއާގެ ޖަންގަލިތަކުގައި ރޯވުން
އާދަޔާ ޚިލާފު ގަދަ ހޫނާއެކު އިންޑިއާގެ ބައެއް ޖަންގަލިތަކުގައި ރޯވެ، އަނދަނީ!
އުތުރުގެ ތަހޭރީ ސިޓީގެ ޖަންގަލީގައިވެސް އަލިފާން ރޯވާން ވަނީ ފަށާފަ
މޫސުމީ ނޭދެވޭ ބަދަލުތަކުގެ އެންމެ ބޮޑު އަސަރެއް، ސީދާ ގޮތުން ތަޖުރިބާ ކުރަމުންދާ އެއްބަޔަކީ އަވަށްޓެރި އިންޑިއާގެ ރައްޔިތުން

މޫސުމީ ނޭދެވޭ ބަދަލުތަކުގެ ވާހަކައަކީ ތާ އަބަދުމެ ދައްކާ އަޑު އިވޭ ވާހަކައެކެވެ. އެ ވާހަކަ ދައްކާ މިންވަރާ އަޅާ ބަލާއިރު، އެ ބިރުވެރި ކަމުން ސަލާމަތްވުމަށް އެކަށީގެންވާ މިންވަރަށް، މަސައްކަތްވެސް ނުކުރެވި އޮތް ކަމެކެވެ. މޫސުމީ ނޭދެވޭ ބަދަލުތަކުން ސަލާމަތް ވެވޭނެ ހަމަ އެކަކުވެސް ނެތޭ ދެންނެވިދާނެއެވެ.

އަހަރުގެ އެއްކޮޅު، ގަދަ ވިއްސާރައާ ކުރިމަތިލާން ޖެހޭއިރު، ގަދަ ހޫނުގެ ސަބަބުންވެސް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން އޮންނަނީ ޖެހިފައެވެ. މޫސުމީ ނޭދެވޭ ބަދަލުތަކުގެ އެންމެ ބޮޑު އަސަރެއް، ސީދާ ގޮތުން ތަޖުރިބާ ކުރަމުންދާ އެއްބަޔަކީ އަވަށްޓެރި އިންޑިއާގެ ރައްޔިތުންނެވެ. މިއީވެސް އެފަދަ ދުވަސްވަރެކެވެ.

އިންޑިއާގެ އެކި ހިސާބުތަކަށް މިހާރު ކުރިމަތިލާން ޖެހިފައި ވާ އާދަޔާ ޚިލާފު ގަދަ ހޫނުގެ ސަބަބުން، އެ ޤައުމުގެ އުތުރާއި ހުޅަނގުގެ ބައެއް ސަރަޙައްދުތަކުގެ ޖަންގަލިތަކުގައި މިހާރު ވަނީ އަލިފާން ރޯވާން ފަށާފައެވެ. އެގޮތުން، ރޯވެފައިވާ އެއް ސަރަޙައްދަކީ، މަހާދެއި ވައިލްޑްލައިފް ސޭންކްޗުއަރީއެވެ. ގޯއާ ސިޓީގައި އޮންނަ މި ޖަންގަލި ސަރަޙައްދުގައި ރޯވީ މަރޗް 11 ވީ ހޮނިހިރު ދުވަހުއެވެ. ޖަންގަލީގައި ރޯވަމުންދާ އަލިފާންގަނޑުތައް ނިއްވާލުމަށް، ކަމާ ބެހޭ ފަރާތްތަކުން ދަނީ ފެންވެސް ޖަހަމުންނެވެ. އެކަމަކު، އަލިފާންގަނޑު ކޮންޓްރޯލްވާ ގޮތް އަދި އުޅެނީ ނުވެގެންނެވެ.

އުތުރުގެ ތަހޭރީ ސިޓީގެ ޖަންގަލީގައިވެސް އަލިފާން ރޯވާން ވަނީ ފަށާފައެވެ.

އިއްޔެ މެންދުރު އަހަރަމެންނަށް ލިބުނީ ޖަންގަލީގަ ރޯވެގެން އުޅޭ ކަމަށް ބުނާ ފޯނުކޯލެއް. އަހަރަމެން އެންގިން އަލިފާން ނިއްވާ މީހުންނާ، ޖަންގަލިތަކާ ބެހޭ އިދާރާގެ އިތުރުން އަވަށުގެ މީހުންނަށްވެސް. އެ ހުރިހާ އެންމެންގެ މަސައްކަތުން މެންދުރު ފަހަށް ވީ އިރު އަލިފާންގަނޑު ނިއްވާލެއްވިއްޖެ. އެކަމަކު، ރޭގަނޑު ވީ އިރު އަނެއްކާވެސް ރޯވެއްޖެ. އަވަށުން 60 އަކަށް މީހުން ގޮސް މަސައްކަތް ކޮށްގެން ނިއްވާލީ. މިއަދު ހެނދުނު އަނެއްކާ މި އޮތީ 3 ވަނަ ފަހަރަކަށް ރޯވެފަ. ދެން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާ ގުޅައިގެން ހެލިކޮޕްޓަރު ބޭނުންކޮށްގެން ކުރި މަސައްކަތުން، މިހާރު އަނެއްކާ މިއޮތީ ނިއްވާލެވިފަ.
ސަޔާޖީ ސާވަންތު؛ އަވަށު ކަންކަން ބަލަހައްޓާ އިދާރާގެ މެންބަރެއް

އިންޑިއާގެ ސަރުކާރުން ހިންގާ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ޑިޒާސްޓަރ މެނޭޖްމަންޓް (ނިޑްއެމް) އިން 2014 ވަނަ އަހަރު އާންމު ކޮށްފައި ވާ ރިޕޯޓަކަށް ބަލާއިރު،. ކޮންމެ އަހަރަކުވެސް ހިނގާ މިފަދަ ހާދިޘާތަކުގައި، އެތައް މިލިއަން ހެކްޓަރެއްގެ ބިމުގައި ރޯވެ އަނދައެވެ.

2015 ވަނަ އަހަރު، އިންޑިއާގެ ތިމާވެއްޓާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ފޮރެސްޓް ސަރވޭ އޮފް އިންޑިއާ ރިޕޯޓަށް ބަލާއިރު، ޖަންގަލިތަކުގައި ރޯވުމާއި، ގަވައިދާ ޚިލާފަށް ގަސްކަނޑަމުންދާ ދިއުމުގެ ސަބަބުން، އިންޑިއާގެ ގަސްބޯ ޖަންގަލިތަކުން، 2013 ވަނަ އަހަރަށް ފަހު އެކަނިވެސް 2511 އަކަ ކިލޯމީޓަރުގެ ސަރަޙައްދެއް ވަނީ ގެއްލިފައެވެ.

މި ވަރުގެ ގެއްލުމަކީ، މޫސުމީ ނޭދެވޭ ބަދަލުތަކުން ކުރާ އަސަރު ކުޑަ ކުރުމަށް މަސައްކަތް ކުރަމުންދާ ޤައުމަކުން ކަންބޮޑުވާން ޖެހޭ ވަރުގެ ގެއްލުމެކެވެ. އިންޑިއާއަކީ ޖައްވު ތެރޭގައި ވިހަ ގޭސް އެކުލެވޭ މިންވަރު ދަށް ކުރުމަށް ބައިނަލްއަޤުވާމީ ފެންވަރުގައި ވަޢުދުވެފައި ވާ ޤައުމެކެވެ. އެގޮތުން 2030 ވަނަ އަހަރު އަންނައިރު، ޖައްވު ތެރެއަށް އަރައިގެން ދިއުމުގެ ބަދަލުގައި، އެ ޤައުމުގެ ޖަންގަލިތަކާއި ބިމުގައި ކާބަން ޑައި އޮކްސައިޑް ރައްކާކޮށް ހިފަހައްޓާ މިންވަރު 3 ބިލިއަން ޓަނަށް އިތުރު ކުރުމަށް ވަނީ ވަޢުދުވެފައެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް