ކ. މާލެ
|
12 މާރޗް 2023 | އާދީއްތަ 07:10
އާބަން ބުލެވާޑުގައި ކެފޭ އަދި ރެސްޓޯރެންޓް ހަދަން ހަވާލުކުރުން
އާބަން ބުލެވާޑުގައި ކެފޭ އަދި ރެސްޓޯރެންޓް ހަދަން ހަވާލުކުރުން
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
އާބަން ބުލެވާޑު ޕްރޮޖެކްޓު
ހުޅުމާލޭ އާބަން ބުލެވާޑުގައި ކެފޭ އަދި ރެސްޓޯރެންޓް ހެދުމަށް ބަޔަކާ ހަވާލުކޮށްފި
މި މަސައްކަތްތައް 6 ފަރާތަކާ ވަނީ ހަވާލުކޮށްފައި
މި ޕްރޮޖެކްޓުގެ ދަށުން ހުޅުމާލެ ތަރައްގީކުރަނީ ތިމާވެއްޓާ ރައްޓެހި ގޮތަކަށް

ހުޅުމާލޭގެ ދެ ފޭސް ގުޅޭ ސަރަހައްދު ތަރައްޤީ ކުރުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށާފައިވާ އާބަން ބުލެވާޑުގެ މަޝްރޫއުގެ ތެރެއިން އެ ސަރަހައްދުގައި ކެފޭ އަދި ރެސްޓޯރެންޓް ތަރައްގީކުރުމަށް 6 ފަރާތަކާ ހަވާލުކޮށްފިއެވެ.

ހޮނިހިރު ދުވަހު މިކަމަށްޓަކައި އެޗްޑީސީގައި ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގައި ނަން މަޝްހޫރު ގިނަ ކުންފުނިތަކާއި، ކެފޭ ރެސްޓޯރަންޓް ހިންގުމުގެ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން ތަޖުރިބާ ހޯދައިފައިވާ 6 ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވެއެވެ.

އެގޮތުން ބްރަދާސް ކޭޓަރިންގ އިން ޤާއިމުކުރަން ހަމަޖެހިފައިވާ ކެފޭ ރެސްޓޯރެންޓް އެއްބަސްވުމުގައި ބްރަދާސް ކޭޓަރިންގގެ ފަރާތުން ސޮއިކުރެއްވީ މެނޭޖަރު މުހައްމަދު ޝައިފްއެވެ. އަދި ރެފްކޫލްގެ ފަރާތުން ޤާއިމުކުރަން ހަމަޖެހިފައިވާ ކެފޭ އެއްބަސްވުމުގައި ރެފްކޫލްގެ ފަރާތުން ސޮއިކުރެއްވީ އޮޕަރޭޝަންސް މެނޭޖަރު އަހުމަދު ނިހާދް އަދި ސެލްސިއަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޤާއިމުކުރަން ހަމަޖެހިފައިވާ ކެފޭ  އެއްބަސްވުމުގައި ސެލްސިއަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ފަޒީލްއެވެ.

މީގެއިތުރުން، މިސްރާބު ޕްރައިވެޓް ލިމިޓެޑްގެ ފަރާތުންވެސް ވަނީ މި ސަރަހައްދުގައި ކެފޭ ޤާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި މިސްރާބު ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު އަހުސަން ޒާހިރުއެވެ.

ދިވެހިރާއްޖޭގެ ނަން މަޝްހޫރު ފްރޭންޗައިޒް ކަމުގައިވާ ޑައިން-މޯ ރެސްޓޯރެންޓްވެސް މި ސަރަހައްދުގައި ޤާއިމުކުރުމަށް އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ޑައިން-މޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ އަލީއެވެ.

ޑްރީމްސް ޕްރައިވެޓް ލިމިޓަޑްގެ ފަރާތުން އާބަން ބުލެވާޑް ޤާއިމު ކުރެވޭ އެންމެ ފުރަތަމަ ގްލޯބަލް ފްރެންޗައިސް އައުޓްލެޓްކަމުގައިވާ ކެނީ ރޮޖާސް ރޯސްޓަރސްގެ އެއްބަސްވުމުގައިވެސް ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ޑްރީމްސްގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު އިބްރާހިމް ހުސެއިން އެވެ. އެޗްޑީސީގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއި ކުރެއްވީ ޗީފް ފައިނޭންޝަލް އޮފިސަރު އަހުމަދު ޝާމްއެވެ.

އާރބަން ބުލެވާޑް ނިމިގެން ދާއިރު، މި ސަރަހައްދު ވެގެން ދާނީ ހުޅުމާލޭގެ ތަރައްޤީއާއި ބަދަހިވަންތަ މުޖުތަމަޢު ދައްކުވައިދޭ ފުރިހަމަ ރަމްޒަކަށް ކަމަށް އެޗްޑީސީން ބުނެއެވެ. މިތަން ވެގެންދާނީ ގިނަ ޚިދުމަތްތަކެއް އެއްތަނަކުން ލިބޭނެ ތަނަކަށް ކަމަށާއި، އަދި އާއިލާ ރަހުމަތްތެރިންނާއެކު ވަގުތު ހޭދަކޮށްލުމަށް ބޭނުންކުރެވޭނެ ސަރަހައްދަކަށް ކަމަށް އެޗްޑީސީން ބުނެއެވެ.

މީގެ ކުރިން ބާބަކިޔު ސަރަހައްދުގެ ގޮތުގައި ހުޅުމާލޭގައި ބޭނުން ކުރަމުންދިޔަ ހިސާބު ތަރައްގީކޮށް ނިމޭއިރު އެ ތަނުގައި އާއްމުން މުނިފޫހިފިލުވާ ހިތްހަމަޖެއްސުމަށް ގިނަ ހަރަކާތްތަކެއް ހިންގޭނެއެވެ. އެގޮތުން، ކުޑަކުދިންގެ ޕާކް، އައުޓްޑޯ ޖިމް، ފަދަ ގިނަ ވަސީލަތްތަކެއް ޤާއިމު ކުރެވިގެން ދާނެއެވެ. އަދި މިހާރު ހުޅުމާލެ ބީޗްގައި ހިންގޭ ކެފޭ ރެސްޓޯރަންޓުތައް ނެތުމަށް ވެސް ދާއިމީ ހައްލެއް މި ކަމުން ލިބިގެންދާނެކަމަށް އެޗްޑީސީއިން ބުނެއެވެ.

މި އައުޓްލެޓްތަކުގައި ފިއުޝަން ސްޓައިލަށް ތަފާތު ގިނަ ކުޒިންތަކުގެ ކާބޯތަކެތި ލިބިގެން ދާނެ ކަމަށާއި އަދި މި ކެފޭތައް ޑިޒައިން ކުރެވިފައި ވަނީ ތިމާވެއްޓާ ރައްޓެހި އަދި އާރބަން ބުލެވާޑްގެ ރީތި ކަމަށް ބަލާ އޭގެ އަސްލު ނުގެއްލޭ ގޮތަށް ކަމަށް ވެސް އެޗްޑީސީއިން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް