Advertisement
ކ. މާލެ
|
10 މާރޗް 2023 | ހުކުރު 09:26
ކ. ތިލަފުށި
ކ. ތިލަފުށި
މުހައްމަދު ފަޒީން
އެޗްޑީސީ
ގުޅިފަޅާއި ތިލަފުށީ ފަޅުގައި އަޅާފައިހުރި އުޅަނދުތައް ނަގަން އަންގައިފި
އަންގާ މުއްދަތުގެ ތެރޭގައި އުޅަނދު ނުނަގައިފިނަމަ އެ އެއްޗެއް ނައްތަލުމާއި ނީލަމުގައި ވިއްކާލުމުގެ ބާރު އެޗްޑީސީއަށް ލިބޭ
ނުރައްކާތެރި ހާދިސާއެއް ހިނގައިފާނެ އެއްޗެއް ކަމުގައި ވާނަމަ، އެ އެހެންތަނަކަށް ގެންދިއުމުގެ ބާރު އެޗްޑީސީއަށް ލިބޭ
އެއްވެސް އުޅަނދަކަށް ލިބޭ ގެއްލުމުގެ ޒިންމާ އެޗްޑީސީން ނަގަން ނުޖެހޭނެ

ހުއްދަ ނުހޯދައި ކ. ގުޅިފަޅާއި ކ. ތިލަފުށީ ފަޅުގައި އަޅާފައި ހުރި އުޅަނދުތައް ނަގަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަންގައިފިއެވެ.

އެޗްޑީސީން ބުރާސްފަތި ދުވަހު ބުނީ ގުޅިފަޅާއި ތިލަފުށީ ފަޅުތެރޭގެ ސަރަޙައްދުގައި އެޗްޑީސީގެ ހުއްދަނެތި ބަހައްޓާފައިވާ ކަނޑު އުޅަނދުތަކާއި އެ ނޫންވެސް ތަކެތީގެ ސަބަބުން އެ ސަރަހައްދުގައި ހިންގުމަށް ރާވާފައިވާ އެކި މަޝްރޫއުތަކަށް ދަތިވަމުންދާ ކަމަށެވެ. އެހެންކަމުން އެ ކުންފުނިން ވަނީ އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން އެ ސަރަޙައްދުގައި އަޅާފައިވާ އުޅަނދުފަހަރާއި ތަކެއްޗާ މެދު އަމަލުކުރާނެގޮތުގެ އުސޫލެއް އެކުލަވާލާފައެވެ.

އެޗްޑީސީން ބުނީ ގުޅިފަޅާއި ތިލަފުށި ފަޅުތެރޭގައި ހުރި އުޅަނދުތައް އެ ސަރަޙައްދުން ނެގުމަށް އެކި ފަހަރު މަތިން މުއްދަތުދީ، އަންގާފައިވާކަމަށެވެ. ނަމަވެސް އެގޮތަށް ހުރި އުޅަނދުތައް މިއަދާ ހަމައަށްވެސް ނަގާފައިނުވާކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ. އަދި އުޅަނދުތައް އެ ސަރަހައްދުގައި ހުރުމުން އެޗްޑީސީއަށާއި ސަރުކާރުން އެ ސަރަހައްދުގައި ހިންގަން ރާވާފައިވާ އެތައް މަޝްރޫއަކަށް ހުރަސް އެޅެމުން އަންނަކަމަށާއި އެ ސަރަޙައްދު ބޭނުންކުރާ ފަރާތްތަކަށް ދަތިވެ ތިމާވެއްޓަށްވެސް މިކަމުގެ ސަބަބުން ވަރަށްބޮޑަށް ގެއްލުންވަމުންދާކަމަށް އެ ކުންފުނިން ބުންޏެވެ.

ގުޅިފަޅު އަދި ތިލަފުށި ފަޅު ތެރެއަށް އެއްވެސް ފަރާތަކުން އެއްވެސް އުޅަނދެއް ނުވަތަ އެއްވެސް އެއްޗެއް ދޫކޮށްލާފައިވާނަމަ އެޗްޑީސީގެ ކޯލް ސެންޓަރަށް ގުޅައި މައުލޫމާތު ސާފުކުރުމަށްފަހު އެތަކެތި ނެގުމަށް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

އެޗްޑީސީން އާއްމު ކޮށްފައިވާ އުސޫލުގައިވާގޮތުން ގުޅިފަޅާއި ތިލަފުށީ ފަޅުގައި ދޫކޮށްލައިފައިވާ އެއްޗެއް އޭގެ ވެރިފަރާތުން ނެގުމަށް، އެ އެއްޗެއް އޮތް ހާލަތަށް ރިޢާޔަތްކޮށް، 7 ދުވަހާއި 30 ދުވަހުގެ މުއްދަތެއް ދޭނެއެވެ. އެ މުއްދަތުގެ ތެރޭގައި އެ އެއްޗެއް ނުނަގައިފިނަމަ އެ އެއްޗެއް ނައްތަލުމާއި ނީލަމުގައި ވިއްކާލުމުގެ ބާރު އެޗްޑީސީއަށް މި އުސޫލުގެ ދަށުން ލިބިގެންވެއެވެ.

މިކަމުގެ ސަބަބުން އޭގެ ވެރިފަރާތަކަށް ލިބޭ ގެއްލުމުގެ ޒިންމާ އެޗްޑީސީން ނަގަން ނުޖެހޭނެކަމަށް ވެސް އެ އުސޫލުގައި ވެއެވެ.

މީގެ އިތުރުން ފަޅުތެރެއަށް ދޫކޮށްލާފައި އެއްޗަކީ އޭގެ ސަބަބުން ނުރައްކާތެރި ހާދިސާއެއް ހިނގައިފާނެ އެއްޗެއް ކަމުގައި ވާނަމަ، ނުވަތަ އޭގެ ސަބަބުން ތިމާވެށްޓަށް ނޭދެވޭ އަސަރެއް ފޯރަފާނެ އެއްޗެއް ކަމުގައި ވާނަމަ، އޭގެ ސަބަބުން ކުރިމަތިވާނެ ނުރައްކަލަކުން ސަލާމަތްވުމަށް ޓަކައި އެފަދަ އެއްޗެއް އެއަށްވުރެ ނުރައްކާތެރިކަން ކުޑަ ސަރަޙައްދަކަށް ގެންދިއުމުގެ ބާރު، އެޗްޑީސީއަށް ލިބިގެންވެއެވެ. މިގޮތަށް ގެންދާ ގެންދިއުމުގައި އެ އުޅަނދަކަށް ލިބޭ ގެއްލުމަކަށާއި އެ އުޅަނދެއް އެ ތަނުގައި ބޭއްވުމުގެ ސަބަބުން ލިބޭ ގެއްލުމަކަށް ވެސް އެ ކުންފުނިން ޒިންމާވާން ނުޖެހޭނެއެވެ.

ގުޅިފަޅު އަދި ތިލަފުށި ފަޅު ތެރެއަށް ދޫކޮށްލާފައިވާ އުޅަނދުތަކާއި ތަކެތި ނަގަން އެޗްޑީސީން އަންގާފައިވާއިރު ތިލަފުށި ހިއްކުމުގެ މަސައްކަތަށް ވެސް ދަނީ ތައްޔާރުވަމުންނެވެ. އަދި މާލެ އާއި ގުޅިފަޅާއި ތިލަފުށި ގުޅުވާލަދޭ ބްރިޖުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް