އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ ލިވަޕޫލް އާއި މެންޗެސްޓާ ޔުނައިޓެޑް ވާދަކުރާ މެޗަކީ ވަރަށް ހާއްސަ މެޗެކެވެ. ދެ ޓީމަށް ވެސް ކަންތައްތަކެއް ސާބިތުކޮށްދެވިދާނެ މެޗެކެވެ.
މި މެޗަށް ނުކުންނައިރު މި ސީޒަނުގައި ލިވަޕޫލަށް މިހާރު ހާސިލްކުރެވެން އޮތް ހަމައެކަނި ކަމަކީ ގަދަ ހަތަރަކުން ޖާގަ ހޯދުމެވެ. ތައްޓެއްގެ އުއްމީދެއް ނެތެވެ. ގަދަ ހަތަރަކަށް އެރުމަށް މވަގުތު ހުޅުވފައި އޮތް ދޮރު ހާއްސަ ކުރެވުމުގައި ޔުނައިޓެޑް ބަލިކުރެވިއްޖެނަމަ ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ އެވެ.
ގަދަ ހަތަރެއް ލިވަޕޫލަށް މުހިންމުވަނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގު ކުޅުމަށެވެ. މި ފުރުސަތު ނުލިބޭނަމަ ލިވަޕޫލަށް މޮޅު ކުޅުންތެރިން ހޯދުމުގައި ވެސް ދަތިތަކެއް ހުންނާނެ އެވެ. އެކަމަކު ބޮރޫޝިޔާ ޑޯޓްމުންޑަށް ކުޅޭ އިނގިރޭސި ޒުވާން މިޑްފީލްޑަރު ޖޫޑް ބެލިންހަމް ލިވަޕޫލް އިހްތިޔާރު ކުރުމަކާ މި މެޗުގެ ނަތީޖާއަކާ ގުޅުމެއް ނެތެވެ. ލިވަޕޫލަށް ޗެމްޕިއަންސް ލީގުން ފުރުސަތުލިބިއްޖެނަމަ އެކަންވާނީ ބެލިންހަމް އެ ޓީމަށް ދިއުމަށް ލިބޭނެ ބޮޑު ބާރަކަށެވެ. އެކަމަކު އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގު ނުކުޅެވުމަކީ ބެލިންހަމް ލިވަޕޫލަށް ނުދާނެ ސަބަބެއްވެސްނޫނެވެ. ސަބަބަކީ އޭނާގެ އުމުރަކީ އެންމެ 20 އަހަރު ކަމަށްވެފައި ޗެމްޕިއަންސް ލީގު ނުކުޅެވިގެން ވާނެ މާޔޫސްކަމެއް ނެތުމުންނެވެ.
ލިވަޕޫލުން ވަނީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސްލީގުގެ ފައިނަލް ކުޅެފަ އެވެ. އާމްދަނީގެ ގޮތުގައި 100 މިލިއަން ޔޫރޯ ލިބުނެވެ. މި ސީޒަނުގައި ގަދަ 16އިން ކެޓި ނަމަވެސް އެމީހުންނަށް 40ވަރަކަށް މިލިއަން ޔޫރޯ ލިބޭނެ އެވެ. މި ފައިސާ އަކީ އަންނަ ސީޒަނުގައި ޓީމަށް ބޮޑު ބަދަލެއް ގެނެސް އަލުން ތައްޓަށް ވާދަކުރަން ޓީމ ބިނާކުރުމަށް ވަރަށް މުހިންމު ފައިސާއެކެވެ.
މިއާ ހިލާފަށް ޔުނައިޓެޑް މިހާރު އޮތީ ވަރަށް ވަރުގަދަކޮށެވެ. 2017 ވަނަ އަހަރަށް ފަހު އެމީހުން ފުރަތަމަ ފަހަރަށް މިދިޔަ ހަފުތާގައި ތައްޓެއް ހޯދައިފި އެވެ. ޔޫރޮޕާ ލީގާއި އެފްއޭކަޕް ތައްޓަށް ވެސް ވާދަކުރަން ފަހި ފުރުސަތެއް އެބައޮތެވެ. ލިވަޕޫލް ބަލިކުރވިއްޖެނަމަ ޕްރެމިއާ ލީގަށް ވާދަކުރެވޭނެ ކަމުގެ ވަރަށް ބޮޑު އުއްމީދެއް ލިބޭނެ އެވެ. މިހާރު ވެސް މި ދެ ޓީމުގެ މެދުގައި 10 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.
އަލަށް ޓީމާ ހަވާޅުވި ކޯޗު އެރިކް ޓެން ހާގް ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޔުނައިޓެޑް ވަރަށް ބޮޑަށް ހަރުދަނާކޮށްފަ އެވެ. ހަގީގަތުގައ ވެސް މިހާރު އެއީބަލިކުރަން އުނދަގޫ ޓީމެކެވެ. އެކަން އެމީހުން ވަނީ މިދިޔަ ހަފުތާގައި އެކަނި ވެސް ދައްކައިދީފަ އެވެ. ކަރަބޯކަޕް ތަށި ހޯދިއިރު ޔޫރޮޕާ ލީގުގައި ވަރުގަދަ ބާސެލޯނާ ބަލިކުރީ މޮޅަށް ކުޅެގެންނެވެ.
މިރޭ ލިވަޕޫލަށް ކުރިމަތިވާނެ އެންމެ ބޮޑު ދައްޗަކަށްވާނީ މިހާރުގެ ފެންވަރު ރަނގަޅު ޔުނައިޓެޑާ ވާދަކުރުމެވެ. މެޗުގެ 90 މިނެޓް އެއްވާނެއްގައި ހިފެހެއްޓުމެވެ. ލިވަޕޫލަކީ އެމީހުންގެ ދުވަހެއްގައި ކޮންމެ ޓީމެއް ގިއްގަޅުވާލަފާނެ ޓީމެކެވެ. ހާއްސަކޮށް މުހިންމު މެޗުތަކުގަ އެވެ. މިކަން ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑާ ވާދަކުރި މެޗުގެ ފުރަތަމަ 20 މިނެޓްގައި ފެނިގެންދިޔަ އެވެ. އެކަމަކު އެ މެޗުގައި ވެސް ލިވަޕޫލް ބަލިވީ އަމިއްލަ މިސްޓޭކް ގިނަވެ، މެޗުގެ ފުރިހަމަ ވަގުތުގައި އެއް ފެންވަރެއްގައި ނުހިފެހެއްޓިގެންނެވެ. މިއާ ހިލާފަށް ޔުނައިޓެޑަކީ 2015 ވަނަ އަހަރު ލިވަޕޫލްގެ ކޯޗުކަމާ ޔާގެން ކްލޮޕް ހަވާލުވިއިރަށްވުރެ މާމޮޅު ޓީމަކަށްވެއްޖެ އެވެ. އެންފީލްޑްގައި ޔުނައިޓަޑާ ދެކޮޅަށް ކްލޮޕްގެ ރެކޯޑް ކިތަންމެ ރަނގަޅު ނަމަވެސް މިރޭ ގަދަ އަޅައި ހާލަތު ބަދަލުކުރަންޖެހެ އެވެ. މިކަމަށްޓަކައި ޑްރަވިން ނޫނިއޭޒް ފަދަ ކުޅުންތެރިންނަށް ކޯޗު މިރޭގެ މެޗުގައ ދޭ ރޯލަކީ ވެސް މުހިންމު ދައުރެއް އަދާކުރާނެ ކަމެކެވެ. އެޓޭކް ވަރުގަދަ ނަމަވެސް ލިވަޕޫލްގެ ފަހަތާއި މެދުތެރެ އަދި ޑިފެންސްކުރަންވާ ވަގުތު އެކަން ނުކުރެވޭ ކަމަށް ގިނަ ބައެއް ފާޑުކިއުން އަމާޒުވެ އެވެ.