ކ. މާލެ
|
6 އޭޕްރިލް 2025 | އާދީއްތަ 15:01
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ރައީސް އޮފީސް
މަގޭ ރިޕޯޓް
އަނެއްކާވެސް ރައީސްގެ ދަރިކަނބަލެއްގެ ވާހަކަ!
އަނެއްކާ ރައީސްގެ ދަރިކަނބަލެއްގެ ވާހަކަ ދެކެވެން ފެށީ, ރައީސް އޮފީހުން ވީޑިއޯއެއް އެޑިޓްކޮށް އާޢްމު ކުރުމާ ގުޅިގެން

ރޯދަމަހުގައި އެންމެ ބާރަށް ހިނގި އެއް ވާހަކައަކީ ރައީސް މުއިއްޒުގެ ދަރިކަލަކާ ގުޅުވައި އެމްޑީޕީ މުޒާހަރާއެއްގެ ތެރޭގައި އަންހެނަކު ދެއްކި ވާހަކައެކެވެ. ވޭޕް މަނާކުރުމުގެ ފަހަތުގައި، ރައީސްގެ ދަރިކަލަކު ވޭޕްކުރުން ހިމެނޭ ކަމަށް މީހުން ތުހުމަތު ކުރާކަމަށް ބުނެ އޭނާ ދެއްކި ވާހަކައެވެ. އެވާހަކައާއި ގުޅިގެން ރައީސްގެ އާއިލާއިން ބޮޑުސިންގާ ޕްރެސް ކޮންފަރެންސެއް ބާއްވައި އެަކަމަށް ރައްދު ދިނެވެ. އެވާހަކަތައް ދެއްކި މީހާއާ ދެކޮޅަށް ދައުވާ ކުރަން ނިންމިއެވެ. އެވާހަކަތައް ކަވަރކުރި މީޑިޔާތަކުގެ މައްސަލަ ބްރޯޑްކޮމްއިން ބަލަން ފެށިއެވެ. ހިއުމަންރައިޓްސް ކޮމިޝަންފަދަ ހުރިހާ މުއައްސަސާތަކުން ބަޔާން ނެރެ ހީވީ އެހެންފަދަ ކަމެއް ހެންނެވެ. އިސާހިތަކު ހެޔޮވަރު ވަރަކަށް އެވާހަކަ ވައިގާ ހިފާލިއެވެ. ރައީސްގެ އާއިލާއިން އެބުނާ ކުދިންގެ ވަނަވަރު ހާމަކުރިއަސް މަށަކަށްވާ އެއިން ނަމެއް ބުނާކަށް ލާހިކު ކުޅަދާނައެއް ނޫނެވެ.

އެވާހަކަތައް މިވަގުތައް ހިނދުނުތާ އަދި މާގިނަ ދުވަހެއް ނުވެއެވެ. ރޯދަމަސް ނިމި އީދަށް އެޅުނުއިރު ފަތުއަޑު ކިޔާފައި އިވެން މިފެށީ އަނެއްކާވެސް ރައީސް ދަރިކަނބަލެއްގެ ވާހަކައެވެ. ރަސްމީ ދަތުރުފުޅެއްގައި އިނގިރޭސި ވިލާތަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން ކަންހިނގި ގޮތެއްގެ ވާހަކައެވެ. ރާއްޖެ އިސްތިހާރުކުރުމުގެ ނަމުގައި ލިވަރޕޫލްގެ މެޗެއް ބައްލަވާ ލެއްވުމަށް ވަޑައިގެންނެވި މިދަތުރުގެ ވާހަކަ ސޯޝަލް މީޑިޔާގައި ލައްކަ މަޖާ ނަގަނަގާފައި މީހުން އެދަނީ ދައްކަމުންނެވެ. ތަފާތު އެޑިޓްކުރި ފޮޓޯތަކާއި ވީޑިއޯތައްވެސް ބޭނުން ކޮށްގެންނެވެ. އެކަމަކު އެއަށްވުރެ މިހާރު ވައިގައި ހިފާފައިވަނީ ރައީސް އިނގިރޭސި ވިލާތުގައި ކިޔަވާ ކުދިންނާ ބައްދަލު ކުރެއްވި ވީޑިއޯއެއް އެޑިޓްކޮށްގެން ހާމަކުރެއްވި ވާހަކައެވެ. ރައީސް އޮފީހުން ރޯމާ މެންދަމެއްގައި މީހުން ނިދައި ފައިހިލަވަޅު އޮބުނު ފަހުން އެޖެހި ސަކަރާތެއްގެ ވާހަކައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުގެ ތެރެއިން އެ ގައުމުގެ ލީޑްސް ގައި ކިޔަވާ ދިވެހި ދަރިވަރުންނާއެކު ބޭއްވި ބައްދަލުވުމުގެ ވީޑިއޯއިން އެމަނިކުފާނުގެ ދަރިކަނބަލުން ޔާސްމީން މުހައްމަދު މުއިއްޒު ނުފެންނަ ގޮތަށް އެޑިޓްކޮށް ރައީސް އޮފީހުން ޕޯސްޓް ކުރީއެވެ.

ރައީސް މުއިއްޒު ލީޑްސްގައި ކިޔަވާ ދަރިވަރުންނާ ބައްދަލުކުރެއްވީ އޭޕްރީލް 4 ގައެވެ. ދަރިކަނބަލުން ޔާސްމީން ތައުލީމު ހާސިލްކުރައްވަނީ ލީޑްސް ޔުނިވަސިޓީންނެވެ.

މި ބައްދަލުވުމުގެ ވީޑިއޯއެއް ރައީސް އޮފީހުން ފުރަތަމަ ޕޯސްޓުކުރީ 5 އޭޕްރީލް ވަނަދުވަހުގެރޭ 10:28 ގަ އެވެ. އެ ޕޯސްޓު ފަހުން ވަނީ ޑިލީޓުކޮށްފަ އެވެ. އޭރު ވާނެ ހައެއްޗެއް ވެއްޖެއެވެ. ބައެއް މީހުން އެކައުންޓުތަކުން އެ ޕޯސްޓުގައި ހިމެނޭ ވީޑިއޯ ސްކްރީން ރެކޯޑުކޮށް ސޯޝަލް މީޑިއާގައި ފަތުއަޑުކިޔާފައި ހިއްސާކުރިއެވެ. އެ ވީޑިއޯއިން ދެ ފަހަރެއްގެ މަތިން ރައީސް މުއިއްޒުގެ ދަރިކަނބަލުން ފެނެ އެވެ.

ވީޑިއޯ އެޑިޓު ކުރުމަށްފަހު ރައީސް އޮފީހުން ދެވަނަ ފަހަރަށް ޕޯސްޓުކުރީ ހަމަ އެރޭ ދަންވަރު 2:08 ގަ އެވެ. އެޑިޓުކޮށް އުނިކޮށްފައިވަނީ ރައީސް މުއިއްޒުގެ ދަރިކަނބަލުން ފެންނަ މަންޒަރުތަކެވެ.

ރައީސް އޮފީހުން ދަރިވަރުންނާއެކު ރައީސް މުއިއްޒު ބައްދަލުކުރި ވީޑިއޯ އެޑިޓުކޮށް އެމަނިކުފާނުގެ ދަރިކަނބަލުންގެ މަންޒަރުތައް އުނިކޮށްފައި މިވަނީ ހަމަ މި ދަތުރުގެ ތެރެއިން ލިވަރޕޫލުގައި ދިރިއުޅޭ ދަރިވަރުންނާ އެކު ބޭއްވި ބައްދަލުވުމުގައި ވެސް ދަރިކަނބަލުން ބައިވެރިވެފައި ވަނިކޮށެވެ. ލިވަރޕޫލްގައި ތައުލީމް ހާސިލް ކުރަމުން ނުދާ ދަރިކަނބަލުން ބައިވެރިވެވަޑައިގަތުމުން ގިނަބައެއްގެ ފާޑުކިއުން އަމާޒުވި އެވެ.

ކޮންމެއަކަސް މިކަންތައްގަނޑެއް މިހާބޮޑު މިވީ އެދަތުރުފުޅާ ގުޅިގެން ކެނޑިނޭޅި އެތައް ފާޑެއް ކިޔަމުންދަނިކޮށް ރައީސް އޮފީހުން ދެއިރު ދެގޮތައް ވީޑިއޯ ޢާއްމުކުރުމުންނެވެ. ކަމެއް ފޮރުވާން ވީޑިއޯއިން ބައެއް އުނިކޮށް އެޑިޓްކޮށްގެން ވީޑިއޯ އާއްމު ކުރުމުންނެވެ. މިފަހަރުވެސް އަނެއްކާ މިދެކެވެނީ ރައީސްގެ ދަރިކަނބަލަކާ ގުޅުވާ ދެކެވޭ ވާހަކައެކެވެ. އެޑިޓްކޮށް އުނިކުރީވެސް އެދަރިކަނަބަލުންގެ މަންޒަރުތަކެވެ. އަނެއްކާ މިފަހަރުވެސް ކޯޓު މަރުހަލާއަށް ނުގޮސް ނިމޭނެ ބާވައެވެ.

- ކޮމެންޓް