ކ. މާލެ
|
3 މާރޗް 2023 | ހުކުރު 13:09
ރޮޒައިނާ އާދަމް
ރޮޒައިނާ އާދަމް
ރައީސް ޞާލިހުގެ ވެރިކަން
ހެޔޮލަފާ ވެރިންނަކީ ގިނައިން ލިބޭ ބައެއް ނޫން، ހެޔޮ ވެރިއެއް ލިބުނީމަ ބަލައިގަންނަން ޖެހޭ: ރޮޒައިނާ
ރައީސް ޞާލިހު އަކީ ވަރަށް މަދުން ނޫނީ ނުފެންނަ ފަދަ ވިސްނުންތެރި ބޭފުޅެއް ކަމަށް ރޮޒައިނާ ވިދާޅުވި
ކުޑަ، ބޮޑު ރަށެއް ތަފާތު ކުރުމެއް ނެތި ރަށްތައް ތަރައްޤީކުރުމަކީ ރައްޔިތުންނަށް ލިބޭ އުފަލެއް ކަަމަށް ރޮޒައިނާ ވިދާޅުވި

ހެޔޮލަފާ ވެރިންނަކީ ގިނައިން ލިބޭ ބައެއް ނޫންކަމަށާއި، ހެޔޮ ވެރިއެއް ލިބުމުން ބަލައިގަންނަން ޖެހޭ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ އެފަދައިން ވިދާޅުވީ ހިރިލަންދޫގައި ބޭއްވި އެމްޑީޕީގެ ކަންމަތީ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. ރައީސް ޞާލިހު އަކީ ވަރަށް މަދުން ނޫނީ ނުފެންނަފަދަ ވިސްނުންތެރި ބޭފުޅެއް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. ނަސީބަކީ މާގިނައިން އަތުގައި ހިފާ އެއްޗެއް ނޫން ކަމަށާއި ނަސީބު އަތުގައި ހިފުމުން ކަންކަން ހާސިލުކުރުމަށް މަސައްކަތްކުރަން ޖެހޭ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އަދި ރާއްޖެ އުފާވެރިކަމާއި ހަމައަށް ދާން އޮތް ހަމައެކަނި މަގަކީ ރައީސް ޞާލިހު ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

މީގެއިތުރުން ކުޑަ، ބޮޑު ރަށެއް ތަފާތު ކުރުމެއް ނެތި ރަށްތައް ތަރައްޤީކުރުމަކީ ކުޑަ ރަށްރަށަށް ލިބިގެންދާ ވަރަށް ބޮޑު އުފަލެއް ކަމަށާއި ހިރިލަންދޫ އަކީ އެ ސިޔާސަތުގެ ފައިދާ ކުރި އެއް ރަށް ކަަމަށް ރޮޒައިނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ ރަށުގެ ރައްޔިތުންގެ މޫނުމަތިން އެކަމުގެ އުފާވެރިކަން ފެންނަމުންދާ ކަމަށެވެ. ރާއްޖޭގެ ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ލީޑަރުންގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވޭ ލީޑަރަކީ ރައީސް ޞާލިހު ކަމަށް އޭނާ ވިދާޅުވިއެވެ. ރައީސް ޞާލިހަށް ވުރެ ވިސްނުންތެރިކަމާއެކު މަސައްކަތްކުރައްވާ، ހިކުމަތްތެރި ލީޑަރެއް ދިވެހިންނަށް ނުލިބޭނެ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. ރޮޒައިނާ ވިދާޅުވީ ރައީސް އަކީ ރަނގަޅު ނަމޫނާއެއް ކަމަށާއި އެފަދަ ބޭފުޅެއް މަދުން ނޫނީ ނުފެންނާނެ ކަމަށެވެ. ރޮޒައިނާ ވިދާޅުވީ ރައީސްގެ އަރިހުން އޭނާ ރަނގަޅުކުރަން ޖެހޭ ވަރަށް ގިނަ ކަންކަން ވެސް ދަސްވެގެން ގޮސްފައިވާ ކަަމަށެވެ.

މަޑުމައިތިރިކޮށް ހުންނެވި ނަމަވެސް ރައީސް ޞާލިހު އަކީ ވަރަށް ހަރުދަނާ ރަނގަޅު ޝަހުސިއްޔަތެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރާއްޖެ އާއި ދުނިޔެ އަށް ދިމާވި ކޮވިޑް19ގެ ހާލަތުގައި ރައީސްގެ ހަރުދަނާކަމާއި ހިންގުންތެރިކަން ވަރަށް ރަނގަޅަށް ދައްކުވާދެއްވާފައިވާ ކަަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ކޮވިޑްގެ ހާލަތުން އަރައިގަތުމުގައި ރައީސް އަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭފަދަ ލީޑަރެއް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އެއީ ފަހުގެ ތާރީހެއްގައި ދުނިޔޭގެ ލީޑަރުންނާއި ކުރިމަތިވީ އެންމެ ބޮޑު އިމްތިހާން ކަމަށާއި އެ އިމްތިހާނުން ރައީސް ފާސްވެވަޑައިގަތީ ދުނިޔެ އިން އެއްވަނައިގައި ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

- ކޮމެންޓް