ކ. މާލެ
|
26 ފެބްރުއަރީ 2023 | އާދީއްތަ 17:47
މާލޭ ޖަލު އެނެކްސް 1
މާލޭ ޖަލު އެނެކްސް 1
ހޯމް މިނިސްޓްރީ
ހޯމް މިނިސްޓަރު
ކުޑަކުދިންގެ ރެޒިޑެންޝަލް މަރުކަޒުތަކުގެ ގަވާއިދު އާއްމުކޮށްފި
މިނިސްޓްރީގެ އިތުރުން އަމިއްލަ ފަރާތްތަކަށް ވެސް ހުއްދައާއެކު މަރުކަޒުތައް ހުޅުވޭނެ

ކުޑަކުދިންގެ ރެޒިޑެންޝަލް މަރުކަޒުތަކުގެ ގަވާއިދު، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން އާއްމުކޮށްފިއެވެ.

އެ މިނިސްޓްރީން އާދީއްތަ ދުވަހު އާއްމު ކުރި މި ގަވާއިދުގައި ކުރު މުއްދަކަށް ނުވަތަ ދިގު މުއްދަތަކަށް އެކަހެރިކޮށްގެން ފަރުވާ ދޭންޖެހޭ ކުޑަކުދިން ބޭތިއްބުމަށްޓަކައި ރެޒިޑެންޝަލް މަރުކަޒުތައް ޤާއިމްކޮށް ހިންގުމަށް ޝައުގުވެރިވާ އަމިއްލަ ފަރާތްތަކަށް އެފަދަ މަރުކަޒުތައް ހިންގުމަށް ލައިސަންސް ދިނުމާ ގުޅޭ އުސޫލުތަކާއި މިިނިސްޓްރީގެ ޒިންމާތައް ވަނީ ބަޔާންކޮށްފައެވެ.

މި ގަވާއިދުގެ ދަށުން ހޯމް މިނިސްޓްރީން އުފައްދައި ހިންގާ މަރުކަޒުތަކުގެ އިތުރުން، އެފަދަ މަރުކަޒުތައް ހިންގުމަށް ޝައުގުވެރިވާ އަމިއްލަ ފަރާތްތަކަށް، ވެސް ލައިސަންސް ދޫކުރެވޭނެއެވެ. އެގޮތުން، މި ގަވާއިދުގެ ދަށުން މިނިސްޓްރީން އުފައްދާ މަރުކަޒުތަކާއި، ލައިސަންސް ލިބިގެން އަމިއްލަ ފަރާތްތަކުން ހިންގާ މަރުކަޒުތަކުގައި ތިބޭ ކުދިންގެ ހައްގުތައް ކަށަވަރުކުރުމަކީ މިނިސްޓްރީގެ ޒިންމާއެކެވެ.

ކުރު މުއްދަތަކަށް ނުވަތަ ދިގު މުއްދަތަކަށް އެކަހެރިކޮށްގެން ފަރުވާ ދޭންޖެހޭ ކުޑަކުދިން ބޭތިއްބުމަށްޓަކައި ގާއިމުކުރާ ރެޒިޑެންޝަލް މަރުކަޒުތައް އުފައްދައި ހިންގަންޖެހޭނީ ކުޑަކުދިންގެ އަދުލުގެ ޤާނޫނާއި ހޯމް މިނިސްޓްރީގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ބޮޑެތި މީހުން ބަންދުކުރާ ތަންތަނާ ވަކިން ހަދައިފައިވާ، ކުއްޖާގެ އުމުރާއި ކުއްޖާ ކޮށްފައިވާ އަމަލު ނުވަތަ ކުށާ އެކަށޭނަ ތަނެއްގައެވެ. އަދި ކޮންމެ މަރުކަޒެއްގައި ވެސް، އެ މަރުކަޒެއްގައި ތިބޭ ކުޑަކުދިންނަށް އެ ކުދިންގެ އުމުރާއި، ޖިންސާއި، އިޖުތިމާއީގޮތުން ބިނާކުރަނިވި އަދި މުޖުތަމައުގައި ފައިދާހުރި ބައެއްގެ ގޮތުގައި ތަރުބިއްޔަތުކުރަނިވި ދީނީ، އިޖުތިމާއީ، ތަޢުލީމީ، ނަފުސާނީ، ސިއްހީ، އަދި ޖިސްމާނީގޮތުން މުހިންމު އަޅައިލުމާއި ރައްކައުތެރިކަމާއި އެހީތެރިކަން މަރުކަޒުގެ މާހައުލުގެ ތެރެއިން ފޯރުކޮށްދޭން ޖެހޭނެއެވެ.

މި މަރުކަޒުތަކުގައި ބައިތިއްބާ ކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށް ޓަކައި، އެ ކުދިންނަށް ޒިޔާރަތްކުރުމުގެ ހައްގު އެ ކުދިންގެ ބެލެނިވެރިންނަށާއި އާއިލާއަށް ލިބިދެވޭނެ އިންތިޒާމު މަރުކަޒުތަކުން ހަމަޖައްސަން ޖެހޭނެ ކަމަށް ވެސް ހޯމް މިނިސްޓްރީގެ ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ. އަދިމަރުކަޒުތަކުގައި ތިބޭ ކުދިންނަށް، އެ ކުއްޖާގެ އުމުރާއި، ފެންވަރާއި، ބަދަލުވަމުންދާ ޤާބިލިއްޔަތާ އެކަށީގެންވާ ތައުލީމާއި ތަމްރީނާއި ހުނަރުތައް ފޯރުކޮށްދޭންވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

ހޯމް މިނިސްޓްރީގެ ގަވާއިދުގެ ދަށުން ތިން ބާވަތެއްގެ މަރުކަޒުތައް ގާއިމް ކުރެވޭނެއެވެ. އެއީ ރެޒިޑެންޝަލް ޓްރީޓްމަންޓް ސެންޓަރާއި ކުޑަކުދިންގެ ޝެލްޓަރ ނުވަތަ ހާފްވޭ ހައުސް އާއި ލޯންގ ޓަރމް ރެޒިޑެންޝަލް ކެއަރ ފެސިލިޓީތަކެވެ.

މީގެ ތެރެއިން ރެޒިޑެންޝަލް ޓްރީޓްމަންޓް ސެންޓަރަކީ، ކޮންމެ ކުއްޖެއްގެ ހާލަތަށް ބިނާކޮށް، އެ ކުއްޖާއަށް ބޭނުންވާ ހާއްސަ ފަރުވާތައް ދެނެގަނެ، އެ ފަރުވާ ނުވަތަ ފަރުވާތައް ދިނުމަށް ޓަކައި، އެ ފަރުވާގެ މުއްދަތަށް ކުދިންނަށް ދިރިއުޅެވޭނެ ގޮތަށް އުފައްދާ މަރުކަޒުތަކެވެ. އަދި ކުޑަކުދިންގެ ޝެލްޓަރ ނުވަތަ ހާފްވޭ ހައުސްއަކީ، ލޯންގް ޓަރމް ރެސިޑެންޝަލް ކެއަރ ފެސިލިޓީއެއްގައި ނުވަތަ ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ 82 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒެއްގައި ވަކި މުއްދަތެއް ހޭދަކޮށްފައިވާ ކުދިން، އަނބުރާ މުޖުތަމައަށް ނުކުތުމަށް ތައްޔާރުކުރުމަށް ބޭނުންވާ ޕްރޮގްރާމްތައް ހިންގުމަށްޓަކައި އެ ކުދިން ބައިތިއްބުމަށް އުފައްދާ މަރުކަޒުތަކެވެ.

މީގެ އިތުރުން ލޯންގް ޓަރމް ރެޒިޑެންޝަލް ކެއަރ ފެސިލިޓީއަކީ، ކަނޑައެޅޭ ވަކި ޝަރުތުތަކަކާއެކު، ކުއްޖާގެ އާއިލާއާއި މުޖުތަމަޢު ބައިވެރިވެވޭނެ ފަދައިން، ދިގު މުއްދަތަކަށް ކުދިންނަށް ދިރިއުޅެވޭނެ ގޮތަށް އުފައްދާ މަރުކަޒުތަކެވެ.

މި ގަވާއިދުގެ ދަށުން މިފަދަ ސެންޓަރުތައް ހެދުމަށް ހުއްދަ ދޫކުރެވޭނީ ރާއްޖޭގެ ކުންފުންޏާ ބެހޭ ޤާނޫނުގެ ދަށޫން ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކާއި ޕަރޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ޕަރޓްނަރޝިޕްތަކަށާއި ރަޖިސްޓްރީކޮށްގެން ހިންގާ ކޯޕަރޭޓިވް ސޮސައިޓީތަކާއި ޖަމިއްޔާތަކާއި އަމިއްލަ ވިޔަފާރިތަކަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް