ރައްޔިތުން މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އެޕްރީލް މަހުގެ 15 ވަނަ ދުވަހު ބާއްވާގޮތަށް ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަނީ އެ ދާއިރާގެ މެންބަރުކަން ކުރެއްވި އިބްރާހިމް ރިޒާ މި މަހުގެ 23 ވަނަ ދުވަހުގެ ރޭ އަވަހާރަވުމާއި ގުޅިގެންނެވެ. ޕީޕީއެމްގެ މެންބަރެއް ކަމަށްވާ ރިޒާ ވަނީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގަޔާއި 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް މެންބަރުކަން ކުރައްވާފައެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނާއި ގުޅޭގޮތުން، އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބު ރާއްޖެ.އެމްވީއަށް ވިދާޅުވީ އެޕްރީލް މަހުގެ 15 ވަނަ ދުވަހު ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ކޮމިޝަނުން އާދީއްތަ ދުވަހު ނިންމަވާފައިވާ ކަމަށެވެ.
ހަބީބު ވިދާޅުވީ ހޯމަ ދުވަހުން ފެށިގެން ފޯމް ބަލައިގަންނަން ފަށާނެ ކަމަށާއި، އެކަމަށް 2 ހަފްތާގެ މުއްދަތެއް ދޭނެ ކަމަށެވެ. އަދި އިންތިހާބަށް އިލެކްޝަން ކޮމިޝަނުން ތައްޔާރުވަމުން އަންނަ ކަމަށާއި، އިންތިހާބާއި ގުޅޭ މައުލޫމާތުތައް ހާމަކުރަމުންދާނެ ކަމަށެވެ.
ކ.ގުރައިދޫ ދާއިރާގެ މެންބަރުކަން ކުރެއްވި އިބްރާހިމް ރިޒާ އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅުގައި އުޅުއްވާތާ ގިނަ ދުވަސްތަކެއް ފަހުންނެވެ. އާލާސްކަންފުޅާ އުޅުއްވާތީ މި ފަހުން އޭނާ ގިނައިން އުޅުއްވީ ފަރުވާއަށް ރާއްޖޭން ބޭރުގައެވެ. އަވަހާރަވީ މެލޭޝިޔާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
ރިޒާ ވަނީ މެދުނުކެނޑި 13 އަހަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އޭނާ ވަނީ ޖޭއެސްސީގެ ނައިބު ރައީސްކަން ވެސް ކުރައްވާފައެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހުގައި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީ އާއި ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ މެންބަރެއްގެ ގޮތުގައި ހުންނެވި ރިޒާ އެންމެ ފުރަތަމަ މަޖިލީހަށް އިންތިހާބުވެވަޑައިގަތީ މިނިވަން މެންބަރެއްގެ ގޮތުގައެވެ. އަދި ފަހުން ޕީޕީއެމްއާއި ގުޅިވަޑައިގަތެވެ.