Advertisement
ކ. މާލެ
|
2 ޖުލައި 2017 | އާދީއްތަ 22:17
ޤާނޫނީ ވަކީލް ހުސެއިން ޝަމީމް
ޤާނޫނީ ވަކީލް ހުސެއިން ޝަމީމް
ރާއްޖެއެމްވީ
ފަލަ ސުރުޚީ
ޖިނާއީ އިޖުރާއަތުގެ ގާނޫނުން ހަނު ހުންނަ މީހަކާއި އިތުރަކަށް ސުވާލެއް ނުކުރެވޭނެ: ޝަމީމް
މިޤާނޫނުގެ ސަބަބުން ވަކީލުންގެ ދައުރު ވަރަށް ބޮޑުވާންޖެހޭ
ހަނު ހުންނަ މީހަކާއި ފުލުހުންނަށް އިތުރަކަށް ސުވާލެއް ނުކުރެވޭނެ
އިންޓެލް ރިޕޯޓަކާއި ގުޅިގެން މިހާރު މީހަކު ހައްޔަރެއް ނުކުރެވޭނެ

ކުށެއްގެ ތުހުމަތުގައި ފުލުހުންގެ އިދާރާއަށް ހާޒިރުކުރެވޭ މީހަކު ހަނު ހުރެއްޖެ  ނަމަ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެދަށުން އެމީހަކާއި އިތުރަށް ސުވާލު ނުކުރެވޭނެކަމަށް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް އަދި މަޝްހޫރު ޤާނޫނީ ވަކީލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަފުޅުދައްވަމުން ޝަމީމް ވިދާޅުވީ ކުށެއްގެ ތުހުމަތުގައި ފުލުހަށް ގެންދެވޭ މީހަކު ހަނު ހުރެއްޖެ ނަމަ ފުލުހުންނަށް އޭނާއާއި އިތުރަށް ސުވާލެ ނުކުރެވޭނެ ކަމަށާއި ފުލުހުން އޭނާއާއި ސުވާލުކޮށްފިނަމަ އެއީ ޤާނޫނީ ކުށެއް ކަމަށެވެ.

މިހާރު ރާއްޖޭގައި ކަންތައްތައް ހިނގަމުންދާ ގޮތަށް އަލިއަޅުވާލައްވާ ޝަމީމް ވިދާޅުވީ، ބަންދުގައި ބަހައްޓައިގެން ސުވާލުކުރުން އާއްމުވެފައިވާއިރު، ތަހްޤީޤަށް ހައްޔަރުކުރުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ސީދާ ބަޔާންވެފައި ނެތް ނަމަވެސް، އަދިވެސް ޤާނޫނުގައި އެ މަފްހޫމުތައް ހުރި ކަމަށެވެ.

މިގޮތަށް މަފްހޫމުތައް ހުރި ނަމަވެސް މިކަންކަމާއި ދުރުވުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި އައު ޤާނޫނަކަށް އަމަލުކުރަން ފަށާއިރު އެޤާނޫނަކުން އަދަބުގައި ހުންނަ މީހަކަށް ލުޔެއް ލިބޭނަމަ އެފުރުޞަތު ދޭން ޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ޝަމީމް އިތުރަށް ވިދާޅުވީ މިޤާނޫނުން އިންޓެލް ރިޕޯޓެއްގެ މައްޗަށް ބިނާކޮށް މީހަކު ހައްޔަރު ނުކުރެވޭނެ ކަމަށެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނަކީ ޖިނާއީ މައްސަލައެއް ހިނގާނެ ގޮތުގެ ތަފްސީލް ހާމަކުރާ ޤާނޫނަށްވާއިރު މައިގަނޑު ތިން މަރުހަލާއެއްގެ މައްޗަށް މި ޤާނޫނު ވަނީ ބެހިގެންގޮސްފައެވެ.

އެގޮތުން އިންޓެލް ރިޕޯޓަކާއި ގުޅިގެން މިހާރު މީހަކު ހައްޔަރު ނުކުރެވޭނެ ކަމަށާއި ކުށެއްގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހާއަށް، އޭނާގެ މައްޗަށް ކުރަނީ ކޮން ތުހުމަތެއްކަން ސާފުވާވަރަށް ބަޔާންކޮށްދޭން ޖެހޭނެ ކަމަށާއި، މީހަކު ހައްޔަރުކުރާ ތުހުމަތު ސާފުނުވެ ކޯޓަކުންވެސް ހައްޔަރުކުރުމުގެ އަމުރެއް ނުނެރޭނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

"މިއީ މައިގަނޑު އެއް ބަދަލީ. ޤާނޫނީ އިންޒާރެއް މީހަކަށް ދޭން ވާނެ. އޭނާ ހައްޔަރު ކުރެވެނީ ކަމަށާއި ކޮން ކަމަކާއި ގުޅޭ ގޮތުން، އަދި އަސާސީ މައުލޫމާތުތައް އެމީހާއަށް ދޭން ވާނެ. މިޤާނޫން ފުލުހުންނަށް އެކަނި މީހުން ހައްޔަރުކުރެވޭނީ. ހަމައެކަނި ޔުނިފޯމް އެޅި ފުލުހުންނަށް އެކަން ކުރެވޭނީ" ޝަމީމް ވިދާޅުވިއެވެ.

މިޤާނޫނުން ދެން ކަނޑައެޅި، ސާފުވި އެއް ކަމަކީ ތަޙުޤީޤު ކުރުމާއި ދައުވާ ކުރުމާއި ޝަރީއަތް ކުރުމަށް ވަކި މުއްދަތުތަކެއް ކަނޑައަޅާފައި ވުމާއި މިމުއްދަތުތަކުގެ ތެރޭގައި އެމައްސަލައެއް ނުނިމިއްޖެ ކަމަށްވާނަމަ އެކުށަކުން އެމީހަކު ބަރީއަވުމުގެ ފުރުޞަތު އޮތުންކަމަށް އޭނާ ވިދާޅުވިއެވެ.

އަލަށް އަމަލުކުރަންފެށި މިޤާނޫނުގެ ސަބަބުން ވަކީލުންގެ ދައުރު ވަރަށް ބޮޑުވާންޖެހޭ ކަމަށާއި އަދި ފުލުހުން ޕީޖީއަށް ފޮނުވާ ކޮންމެ މައްސަލައަކީ ރަނގަޅަށް ޕީޖީންވެސް ބަލައި ޝަރީއަތަށް ފޮނުވަންޖެހޭނެ މައްސަލަތަކަކަށް ވާން ޖެހޭނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް