ކ. މާލެ
|
23 ފެބްރުއަރީ 2023 | ބުރާސްފަތި 07:08
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން
ގޫގުލް
ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުން
ސިޔާސީ ޕާޓީތަކަށް ދޭން ފާސްކުރި ބަޖެޓުން ފައިސާ ލިބުނީ 6 ޕާޓީއަކަށް
ފައިސާ ލިބުނު ޕާޓީތަކަކީ އެމްޑީޕީ، އަދާލަތު ޕާޓީ، ޖުމްހޫރީ ޕާޓީ، ޕީޕީއެމް، އެމްޑީއޭ އަދި އެމްއެންޕީ
އެންމެ ގިނައިން ފައިސާ ލިބިފައިވަނީ އެމްޑީޕީ އަށް
އެންމެ މަދުން ފައިސާ ލިބިފައިވަނީ އަދާލަތު ޕާޓީ އަށް

ސިޔާސީ ޕާޓީތަކަށް ދިނުމަށް މިއަހަރުގެ ބަޖެޓްގައި ހިމެނި 36.89 މިލިއަން ރުފިޔާ އޮންނަ އުސޫލުގެ ދަށުން 6 ޕާޓީއަކަށް ދީފިއެވެ.

ސިޔާސީ ޕާޓީތައް ހިންގުމަށް ދޭން މި އަހަރުގެ ބަޖެޓުގައި ކަނޑައެޅި 36,896,088ރ. (ތިރީސް ހަ މިލިއަން އަށްލައްކަ ނުވަދިހަ ހަހާސް އަށްޑިހައަށް ރުފިޔާ) ލިބިފައި ވަނީ ބަޖެޓު ފާސްކުރި ދުވަހާ ހަމައަށް 10،000 މީހުން ދަފްތަރުގައި ހަމަވާ ޕާޓީތަކަށެވެ.

އިލެކްޝަނުގައި މިވަގުތު އެގާރަ ޕާޓީއެއް ރަޖިސްޓްރީކޮށްފައި އެބައޮތެވެ. ނަމަވެސް އޭގެތެރެއިން 10،000 މެންބަރުން ހަމަވަނީ ހަ ޕާޓީއެއްގައެވެ. އެހެންކަމުން ބާކީ އޮތް އަނެއް ފަސް ޕާޓީއަށް ޕާޓީ ހިންގުމުގެ ފައިސާ ނުލިބެއެވެ.

މިފަހަރު ފައިސާ ލިބުނު ޕާޓީތަކަކީ އެމްޑީޕީ، އަދާލަތު ޕާޓީ، ޖުމްހޫރީ ޕާޓީ، ޕީޕީއެމް، އެމްޑީއޭ އަދި އެމްއެންޕީއެވެ. މީގެތެރެއިން އެންމެ ގިނައިން ފައިސާ ލިބިފައިވަނީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށެވެ. އެޕާޓީއަށް 14،212،790.92 (ސާދަ މިލިއަން ދެ ލައްކަ ބާރަ ހާސް ހަތްސަތޭކަ ނުވަދިހަ ރުފިޔާ) ލިބެއެވެ. މިދިޔަ އަހަރު ނިމުނުއިރު އެޕާޓީގައި ތިބީ 57،529 މެންބަރުންނެވެ.

އެންމެ މަދުން ފައިސާ ލިބިފައިވަނީ އަދާލަތު ޕާޓީއަށެވެ. އެޕާޓީއަށް 2،412،485.90 ( ދެ މިލިއަން ހަތަރު ލައްކަ ބާރަ ހާސް ހަތަރު ސަތޭކަ އަށްޑިހަ ފަސް ރުފިޔާ) ލިބެއެވެ. މިދިޔަ އަހަރު ނިމުނުއިރު އެޕާޓީގައި ތިބީ 9،765 މެންބަރުންނެވެ.

ޕާޓީތަކަށް ކަނޑައަޅާފައިވާ ފައިސާއިން ބޮލަކަށް ޖެހޭ އަދަދަކީ 247.05 ރުފިޔާއެވެ.

- ކޮމެންޓް